އިންޑިޔާގެ އުއްތަރު ޕްރަދޭޝްގައި ދިރިއުޅޭ އުމުރުން ދުވަސްވީ ދަނޑުވެރިއަކު އޭނާގެ މުޅި މިލްކިއްޔާތު އެ ސްޓޭޓްގެ ގަވަރުނަރަށް ވަސިއްޔަތުން ދީފި އެވެ.
ކަޓޯލީ އަވަށުގައި ދިރިއުޅޭ ނަޓޫ ސިންގް، 85، މިހާރު ދިރިއުޅެނީ އުމުރުން ދުވަސްވީ މީހުން ބައިތިއްބާ ތަނެއްގަ އެވެ. ނަޓޫ ބުނި ގޮތުގައި އޭނާގެ މިލްކިއްޔާތުގައި ހުރި ގެއާއި ދަނޑުވެރިކަން ކުރާ ބިންތައް ސްޓޭޓް ގަވަރުނަރަށް ދިނުމަށް ނިންމައި އެކަމުގެ ރަސްމީ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ. ނަޓޫ މިގޮތަށް އެދިފައިވާކަން އެހިސާބުގެ ސަބް-ރެޖިސްޓްރާރް ޕަންކަޖް ޖެއިން ވެސް ވަނީ ޔަގީންކޮށްދީފައެވެ.
ނަޓޫ ލިޔެފައިވާ ވަސިއްޔަތުގައި އެދިފައިވަނީ އޭނާ މަރުވުމަށްފަހު އޭނާގެ ގެޔާއި ބިންތަކުގައި ސްކޫލް، ހޮސްޕިޓަލް ފަދަ ތަންތަން އަޅައި ގިނަ ބަޔަކަށް އެ ތަންތަނުގައި ފައިދާ ކުރާނެ ގޮތަކަށް އިންތިޒާމް ކޮށްދިނުމަށެވެ.
ޓައިމްސް އޮފް އިންޑިއާ އަށް ފޮނުވި ބަޔާނެއްގައި ނަޓޫ ސިންގް ބުނެފައިވަނީ އޭނާގެ ފަސް ދަރިން ތިބެއެވެ. އެއީ ހަތަރު އަންހެން ދަރިންނާއި ފިރިހެން ދަރިއެކެވެ. އަންހެން ދަރިން އުޅެނީ ކައިވެނިކޮށްގެން ފިރިންގެ ގޭގޭގަ އެވެ.
އަންހެނުން މަރުވުމަށްފަހު ދަރިންގެ އަޅާލުން އެއްގޮތަކަށްވެސް ނުލިބި ހާލުގައި އުޅެން ޖެހުމުން އަމިއްލައަށް މުސްކުޅީން ބައިތިއްބާ ގެއަކަށް ބަދަލުވެ އެތަނުގައި އޭނާ ދިރިއުޅޭތާ ހަތް މަސް ވެއްޖެ ކަމަށް ނަޓޫ ބުންޏެވެ.
އޭނާއާ ދޭތެރޭ ދަރިން ކަންތައްކުރި ގޮތުން ހިތްދަތިވީ ވަރުން އެމީހުންނަށް އޭނާގެ މުދަލުން އެއްވެސް އެއްޗެއް ނުދޭން ނަޓޫ ސިންގް ނިންމީ އެވެ. އޭނާ މިހާރު ބޭނުންވަނީ އޭނާގެ އަމިއްލަ ގެއާއި ދަނޑުވެރިކަން ކުރާ ބިންތައް ގަވަރުނަރާ ހަވާލުކޮށް އެ ތަންތަނުގައި ސްކޫލާއި ހޮސްޕިޓަލްތައް އަޅައިގެން އެންމެންނަށް ބޭނުން ހިފޭ ފަދަ ތަންތަނަށް ހަދާށެވެ. ނަޓޫ ސިންގްގެ ގެއާއި ބިމުގެ އަގު ގާތްގަނޑަކަށް އިންޑިޔާ ރުޕީސްގެ 1.5 ކްރޯޑަށް އަރަ އެވެ.