ލައިފްސްޓައިލް

ގިނަ ބަޔަކު ލޯބިވާ "ރުމާ ވިއްކާ ކާކަ"

އިންޑިޔާގެ މުމްބައިގެ މަގުތަކުގައި ކުޑަރުމާ ވިއްކަން ހިނގާ އުމުރުން ދުވަސްވީ މީހެއްގެ ވާހަކަ އިންޓަނެޓުގައި ގިނަ ބައެއްގެ ހިތް އަތުލާފައި ވެއެވެ.

'ހިއުމަންސް އޮފް ބޮމްބޭ'ގައި ޖަހާފައިވާ ހަސަން އަލީ ނަމަކަށް ކިޔާ މި މީހާގެ ވާހަކައަކީ އެހެން މީހުންނަށް ހިތްވަރު ލިއްބައިދޭ ވަރަށް އިބުރަތްތެރި ވާހަކަ އެކެވެ.

މީހުން ލޯބިން "ކާކާ"ގެ ނަމުން މުޚާތަބުކުރާ ހަސަން ރިޓަޔާ ވީތާ 10 ވަރަކަށް އަހަރު ވެއްޖެ އެވެ. ނަމަވެސް މަރުވާނެ ދުވަހެއްގެ އިންތިޒާރުގައި ގޭގައި ކަމެއް ނުކޮށް އިންނާކަށް ހަސަންގެ ހިތެއް ނުރުހުނެވެ. އޭގެ ބަދަލުގައި އޭނާ ކޮންމެ ދުވަހަކު ފަތިހު ފަތިހާ ގެއިން ނުކުމެގެން ބަހަށް އަރައިގެން ގޮސް ބޯރިވަލީ ސްޓޭޝަން ހުންނަ މަގުގައި ރުމާ ވިއްކުމުގެ މަސައްކަތް ކުރެ އެވެ.

ރިޓަޔަ ވުމުގެ ކުރިން ހަސަން މަސައްކަތްކުރީ ފައިވާން ވިއްކާ ފިހާރައެއްގަ އެވެ. އޭނާގެ އޭރުގެ މަސައްކަތަކީ ފިހާރައަށް އަންނަ މީހުންނަށް ބޫޓާއި ފައިވާން ވިއްކުމެވެ.

"ހިއުމަންސް އޮފް ބޮމްބޭ"އަށް ހަސަން ކިޔައިދީފައިވާ ގޮތުގައި އެއްޗެތި ވިއްކުމަކީ ވެސް އާޓް އެކެވެ. އެކަން ވެސް ކުރެވޭނީ އެކަން ކުރަން އެނގިގެންނެވެ. އެއްޗެއް ގަންނަން އަންނަ މީހާއަށް ބަލާލާފައި އޭނާ ބޭނުންވަނީ ކޯޗެއްކަން އެނގެން ޖެހޭނެއެވެ. އަދި ސީދާ އޭނާ އެ ބޭނުންވެގެން އުޅޭ އެއްޗެއް އޭނާއަށް ދޭން ޖެހޭނެ އެވެ.
ބޫޓު ފިހާރައިގައި އެތައް އަހަރަކު މަސައްކަތްކޮށް އޭނާ މިކަން ވަރަށް ރަނގަޅަށް ދަސްކޮށްފައިވާ ކަމަށް ހަސަން ބުންޏެވެ.

"މީހަކަށް އެއްފަހަރު ބަލާލާފައި އަހަންނަށް އެނގޭނެ އޭނާ ބޭނުންވަނީ ކޯޗެއްކަން. މިއަދުވެސް އަހަރެން މި މަސައްކަތް ކުރަނީ އެގޮތަށް،" ހަސަން ބުންޏެވެ.

ރުމާ ވިއްކުމުގެ މަސައްކަތް ހަސަން ކުރާތާ 17 އަހަރު ވެއްޖެ އެވެ. މިއީ ކޮންމެހެން ފައިސާގެ ދަތިކަމުން ނުވަތަ ދަރިން އެހީ ނުވާތީ އޭނާ ކުރާ ކަމެއް ނޫނެވެ. ރުމާ ވިއްކުމުގެ މަސައްކަތް ހުއްޓާލައި ގޭގައި ހުންނަން ހަސަންގެ ދަރިން ކިތަންމެ ވަރަކަށް ވެސް އޭނާއަށް ނަސޭހަތް ދީފި އެވެ.

ހަސަން ބުނި ގޮތުގައި އޭނާގެ ލޯބިވާ އަންބަކާއި ފިރިހެން ދަރިއެއް އަދި ޅީދަރިއަކާއި ކާފަ ކުއްޖަކު އެބަހުއްޓެވެ. އެ އެންމެން ވެސް އޭނާއަށް ވަރަށް ރަނގަޅެވެ. އަދި ގޭގައި އަރާމުކުރަން ހުންނަން އާއިލާގެ އެންމެން ވެސް އޭނާގެ ކިބައިން އެދެ އެވެ.

"ދަރިފުޅު ބުނާނެ ބައްޕާއޭ ކިހާވަރަކަށް ހޭ ދެން މަސައްކަތް ކުރަންވީ. އަހަރެން ބުނަން އެނދުގައި އޮތުމުގެ ބަދަލުގައި އަހަރެން ބޭނުމޭ ހަރަކާތްތެރި ދިރިއުޅުމެއް ވީހާވެސް ގިނަ ދުވަސް ތަކަކު އުޅެން،" ހަސަން ބުންޏެވެ.

މަގުމަތީގައި އެއްޗެތި ވިއްކަން އުޅޭ ގިނަ މީހުންނާ ޚިލާފަށް ހަސަން ކައިރިއަށް ރުމާ ގަންނަން ދާ މީހުން އޭނާ ދެކެ ވަރަށް ލޯބިވެ އެވެ. އަދި އިހްތިރާމް ކުރެ އެވެ. އެހެންކަމުން ގަވާއިދުން އޭނާ އަތުން ރުމާ ގަންނަ އެތައް ބަޔަކު އުޅެ އެވެ.

"ކަސްޓަމަރުން އަހަރެން ދެކެ ވަރަށް ލޯބިވޭ. އަދި އަހަރެން ވެސް އެމީހުން ދެކެ ވަރަށް ލޯބިވޭ،" 74 އަހަރުގެ ހަސަން ބުންޏެވެ.