ބައްޕަ އާއި ފިރިހެން ދަރިންގެ އޮންނަ އާދަޔާޚިލާފު ވަރުގަދަ ގުޅުމަކީ ބަޔާން ކުރެވޭ ވަރަށް ވުރެ މާތް ގުޅުމެކެވެ. އާއްމުކޮށް ބައްޕަ އާއި ދަރިން އެމީހުންގެ ލޯބި މާބޮޑަށް މީހުންނަށް ހާމަކޮށެއް ނޫޅެ އެވެ. ނަމަވެސް އެކަކު އަނެކަކަށް އަޅާލާ އޯގާތެރިކޮށް ކަންތައް ކުރުމުގައި މިސާލު ދައްކަ އެވެ.
އިންޓަނެޓުގައި މިދުވަސްވަރު ވައިރަލް ވެގެން އުޅޭ އެއް ވީޑިއޯ އަކީ މިފަދަ ބައްޕަ އަކާއި އޭނާގެ ފިރިހެން ދަރިއެއްގެ ލޯބި ހާމަކޮށްދޭ ވީޑިއޯ އެކެވެ. ބަލިހާލު ބޮޑުވެ އެނދުމަތި ވެފައި އޮތް އުމުރުން 105 އަހަރުގެ ފިރިހެނަކަށް އޭނާގެ ދުވަސްވެފައި ހުރި ފިރިހެންދަރިފުޅަކު ލަވަ ކިޔައިދޭ މަންޒަރު ފެންނަ ވީޑިއޯ އެކެވެ.
މި ވީޑިއޯގައި ދަރިފުޅު އެންމެ ކުރިން އޭނާގެ ބައްޕައާ ވާހަކަ ދައްކާލައި ތުނބުން ރާގެއް ފުމެލަ އެވެ. އަދި ފަހުން އޭނާ ބައްޕައަށް ލަވަ ކިޔައިދޭ މަންޒަރު ވެސް ފެނެ އެވެ.
މި ވީޑިއޯ ބެލި ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި މިއީ އެމީހުންގެ ހިތަށް ވަރަށް ފުން އަސަރުތަކެއް ކުރުވި ވީޑިއޯ އެއް ކަމަށެވެ.
މި ދެބަފައިންގެ ވާހަކަ ލިޔެފައިވާ އާޓިކަލް އަށް ކޮމެންޓުކުރި ޖަގަންނާތު ކިޔާ މީހަކު ބުނިގޮތުގައި ވީޑީއޯގައި ފެންނަނީ އޭނާގެ އާއިލާ އެވެ.
"އެ ވީޑީއޯގައި ފެންނަނީ އަހަރެންގެ ބައްޕަ. ބައްޕަގެ 105 ވަނަ އުފަން ދުވަސް އަހަރެމެން ފާހަގަކުރީ ފާއިތުވީ ޖެނުއަރީ 19 ގައި. ދެން އެ ފެންނަނީ އަހަރެން 68 އަހަރުގެ ކޮއްކޮ. އަހަރެންގެ 75 ވަނަ އުފަން ދުވަސް ފާހަގަކުރީ ޖެނުއަރީ 17 ގައި،" އެމީހާގެ ކޮމެންޓުގައި ވެއެވެ.
ކޮންމެއަކަސް މި ވީޑީއޯއަށް ކޮމެންޓުކުރި މީހުން އެއްބަސްވާ ގޮތުގައި މިގޮތަށް ދަރިން ދުވަސްވީ މީހުންނަށް އަޅާލާތަން ފެންނަނީ މި ޒަމާނުގައި ވަރަށް މަދުންނެވެ. މިހާރުގެ ޒުވާނުންގެ ކިބައިގައި މިފަދަ އާދަ ހަރުލާފައި ނުހުންނަކަން ވެސް ގިނަ ބަޔަކު ފާހަގަ ކުރި އެވެ.