ލައިފްސްޓައިލް

ފިލަން އެރުނު ކޮންޓެއިނަރުގައި ތާށިވެ ބަންގްލަދޭޝް ކުއްޖަކު މެލޭޝިޔާއަށް

އެކުވެރިންނާއެކު ފިލާ ކުޅެމުން ގޮސް ތަނެއްގައި ބަހައްޓާފައި ހުރި ކޮންޓެއިނަރެއްގެ ތެރެއަށް ފިލަން ވަދެ އޮއްވާ ނިދިއްޖެނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އަދި ހޭލެވޭއިރު އަމިއްލަ ގައުމު ނޫން އެހެން ގައުމަކަށް ދެވިފައިވާކަން އެނގުމުން ކުރެވޭނީ ކޮން ކަހަލަ އިހްސާސް ތަކެއް ހެއްޔެވެ؟ ހާއްސަކޮށް ތިމާ ދައްކާ ވާހަކަ އެއްގޮތަކަށް ވެސް ފަހުމު ނުވާ ބަޔެއްގެ ކައިރިއަށް ދެވިއްޖެނަމަ ވަރަށް ބިރުގަންނާނެކަން ޔަގީނެވެ. މިއީ ވަރަށް ފިލްމީ ވާހަކައެއް ހެން ހީވިޔަސް މިއީ ހަމަ ހަގީގަތުގައި ބަންގްލަދޭޝްގެ 15 އަހަރުގެ ކުއްޖަކަށް ދިމާވެގެން އުޅޭ ކަމެކެވެ.

މިހިނގާ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ބަންގްލަދޭޝް އިން މެލޭޝިޔާގެ ޕޯޓް ކްލާންގަށް އައި އާގު ބޯޓެއްގައި ހުރި ކޮންޓްރެއިނާތައް ހުސްކުރުމުގެ މަސައްކަތްކުރި މީހުންނަށް ކުއްލިއަކަށް ބޮޑު ހައިރާންކަމެއް ލިބުނީ އޭގެ ތެރެއިން އެއް ކޮންޓެއިނާ ތެރޭގައި ފިރިހެން ކުއްޖަކު ހުއްޓާ ފެނުނީމަ އެވެ. ވަރަށް ބަނޑުހައިވެ ގައިން ވަރުދޫވެފައިވާ މި ކުއްޖާ ކޮންޓެއިނާ ތެރެއިން ނުކުތްއިރު ޚުދް އޭނާވެސް ހުރީ ވާނުވާ ނޭނގި ވަރަށް ބޮޑަށް ހައިރާންވެފަ އެވެ.

އެތަނުގައި ތިބި މީހުންނަށް މި ކުއްޖާ އާ ވާހަކަ ދެއްކުން ވަރަށް އުނދަގޫ ކަމަކަށް ވެއެވެ. ސަބަބަކީ ކުއްޖާ ކިޔާ އެއްޗެއް އެމީހުންނަށް ނޭނގުމާއި އެމީހުން ކިޔާ އެއްޗެއް ކުއްޖާއަށް އެއްގޮތަކަށް ވެސް ނޭނގުމެވެ.

ކަމާ ބެހޭ އޮތޯރިޓީތަކުން ހީކުރީ މި ކުއްޖާއަށް ކްރައިމް އޮގަނައިޒޭޝަނަކުން ވަގަށް އެތެރެކޮށްފައިވާ ކުއްޖެއް ކަމަށެވެ. އެހެންވެ ވަގުތުން ފުލުހުންނަށް ގުޅައިގެން ގެނައެވެ. ފުލުހުން އައިސް ކުއްޖާ ދައްކާ ވާހަކަ އެނގޭ ވަރުގެ މީހަކު ހޯދައިގެން ކުއްޖާގެ މައުލޫމާތު ހޯދިއިރު މިއީ ހިއުމަން ޓްރެފިކިންގެ މައްސަލައެއް ނޫނެވެ. ކުއްޖާއަށް އޮޅިގެން އެރެވުނު ކޮންޓްރެއިނަރެއްގެ ސަބަބުން އޭނާއަށް މުޅިން އެހެން ގައުމަކަށް އާދެވިފައި ވަނީ އެވެ.

ބަންގްލަދޭޝްގެ ޗިޓަގޮންގްގައި ދިރިއުޅޭ ފާހިމް ނަމަކަށް ކިޔާ 15 އަހަރުގެ މި ކުއްޖާ މެލޭޝިޔާ ފުލުހުން ކައިރީގައި ބުނި ގޮތުގައި އެކުވެރިންނާއެކު ފިލާ ކުޅެން އުޅެމުން ގޮސް އޭނާ އެ ކޮންޓެއިނަރެއް އެރުނުތަނާ ކޮންޓެއިނާ ތަޅުލެވި އޭނާއަށް ނުކުމެވޭނެ ގޮތް ނުވީ ކަމަށެވެ. ކޮންމެވެސް މީހަކު އައިސް އޭނާ ސަލާމަތްކުރާނެކަމުގެ އުންމީދުގައި އޮއްވާ ނިދުނީ ކަމަށް ވެސް އެ ކުއްޖާ ބުންޏެވެ.

މި ކޮންޓެއިނާ އަކީ މެލޭޝިޔާއަށް ފުރަން ތައްޔާރުވެފައި އޮތް އާގުބޯޓަކަށް ގެންދަން ތައްޔާރުކޮށްފައި ހުރި ކޮންޓެއިނާއެއް ކަމުން ކޮންޓްރެއިނާ ގެންގޮސް އާގުބޯޓަށް ލައިގެން ބޯޓު ފުރީ އެވެ.

ޗިޓަގޮންގްގެ ބަނދަރުން މި ބޯޓު ފުރީ ޖެނުއަރީ 11 ވަނަ ދުވަހު އެވެ. އަދި މެލޭޝިޔާގެ ޕޯޓް ކްލާންގް އަށް ބަނދަރުކުރީ ޖެނުއަރީ 17 ވަނަ ދުވަހު އެވެ.

ދަތުރުމަތީގައި ވީ ހަ ދުވަސް ކުއްޖާ ހޭދަކޮށްފައިވަނީ އެ ކޮންޓްރެއިނާ ތެރޭގަ އެވެ. އޭގެ ތެރޭގައި އޮވެގެން ކުއްޖާ ވަރަށް ބާރަށް ރޮއި ހަޅޭއްލަވާ ހެދި ނަމަވެސް އެއްވެސް މީހަކަށް އެ އަޑެއް ނީވެ އެވެ.

ހަ ދުވަސް ވަންދެން އެއްވެސް އެއްޗެއް ނުކައި އަދި ފެންތިކެއްހާ ހިސާބުވެސް ނުބޮއި މި ކުއްޖާއަށް ދުނިޔޭގައި އޮވެވުނު ކަމީ ވެސް އަޖައިބެއް ވަރުގެ ކަމެއް ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.

މި ކުއްޖާ ކޮންޓްރެއިނަރު ތެރޭން ނުކުތް މަންޒަރު ފެންނަ ވީޑީއޯތަކާއި ފޮޓޯތައް މިހާރު ސޯޝަލް މީޑީއާގައި ދައުރުވަމުން އެބަދެއެވެ. މި ވީޑިއޯގައި ފެންނަނީ ވާނުވާ ނޭނގި އަދި އޭނާއަށް ހުރެވުނީ ކޮން ތަނެއްގައިކަން ވެސް ނޭނގި އޮޅުން އަރާފައި ހުރި ކުއްޖާ ހައިރާންކަމާއެކު ތަންތަން ބަލަމުން ކޮންޓްރެއިނަރުން ނުކުންނަ ތަނެވެ.

ފަހުން އެމްބިއުލެންސްގައި އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައި ވެއެވެ. ނުކައި ނުބޮއި އެހާ ގިނަ ދުވަހު ހުންނަން ޖެހުމުން ކުއްޖާގެ ގައިން ފެން މަދުވެ ވަރަށް ބޮޑަށް ބަލިވެފައިވާތީ އޭނާ މުޅިން ރަނގަޅު ވުމުން ބަންގްލަދޭޝް އަށް އަނބުރާ ފޮނުވުމުގެ އިންތިޒާމްތައް ކުރަމުންދާކަމަށް ވެސް މި ޚަބަރުގައި ބުނެފައި ވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވެސް މިކަހަލަ ހާދިސާއެއް ހިނގާފައި ވެއެވެ. އެފަހަރު ޗިޓަގޮންގް އިން މެލޭޝިޔާގެ ޕިނޭންގް ބަނދަރަށް ދަތުރުކުރި ބޯޓެއްގެ ކޮންޓްރެއިނާއެއްގެ ތެރެއިން މަރުވެ ކުނިވެފައިވާ ބަންގްލަދޭޝްގެ މީހެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ.