ލައިފްސްޓައިލް

މަސް ދުވަސް ތެރޭގައި ބަންގާޅު އަންހެނެއް ދެފަހަރަށް ވިހައިފި

Mar 28, 2019

ޑާކާ (މާޗް 28) - ދުވަސްނުފުރާ ފިރިހެން ކުއްޖެއް ވިހޭތާ ގާތްގަނޑަކަށް އެއް މަސް ދުވަސް ފަހުން، ބަންގްލަދޭޝްގެ އަންހެނަކަށް އެއްމާބަނޑު ދެ ކުދިން ވިހައިފި އެވެ.

އާރިފާ ސުލްތާނާ، 20 އަށް ފިރިހެން ކުއްޖެއް ލިބިފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅެވެ. ނަމަވެސް، އޭނާ ވިހޭތާ 26 ދުވަސް ފަހުން ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ގެންދެވުނެވެ.

ޑޮކްޓަރުން ބެލިބެލުމުގައި، އާރިފާގެ ދެވަނަ ރަހިމުގައި، އެއްމާބަނޑު ދެ ކުދިން ތިބިކަން އެނގިގެން، އެމަޖެންސީގައި ވަނީ ސިޒޭރިއަން ހަދައިފަ އެވެ. ފަހުން ލިބުނު ދެކުދިންގެ ވެސް ހާލު ރަނގަޅު ކަމަށާއި، މިހާރު ގެއަށް ދޫކޮށްލައިފާކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

ދެވަނަ ފަހަރަށް ހޮސްޕިޓަލަށް ގެންދިޔައިރު، ވަރަށް ދުރު އަދި ފަގީރު ސަރަހައްދެއްގައި ދިރިއުޅޭ އާރިފާ ބެލި ޑޮކްޓަރު ބުނީ، ސްކޭން ހެދިއިރު ބަނޑުގައި ދެކުދިން އޮއްވާ ފެނުމުން ވަރަށް ބޮޑު ހައިރާންކަމެއް ލިބުނު ކަމަށެވެ.

"އަހަރެމެންވެސް ތިބީ ހަމަ ހައިރާންވެފައި. ދުވަހަކުވެސް މިކަހަލަ ކަމެއް އަދި ނުދެކެން،" ޑރ. ޝީލާ ޕޮއްޑަރު މީޑިއާތަކަށް ބުނެފައިވެ އެވެ.

އެހެން ޑޮކްޓަރަކު ބުނި ގޮތުގައި، ދެ ރަހިމު ހުންނަ އަންހެނުންނަކީ، މީހުން ހީކުރާވަރަށް ވުރެ އާންމު ކަމެއް ކަމަށެވެ.

މަސް ދުވަހުގެ ތެރޭގައި ދެފަހަރަށް ވިހައިގެން، ލިބުނު ތިން ކުދިންނާއެކު އާރިފާ ހުރީ ވަރަށް އުފަލުންނެވެ. ނަމަވެސް، އެ ކުދިންގެ ކަންކަން ހަމަޖައްސަން އިތުރުވެގެންދާނެ ހަރަދުތަކުގެ ކަންބޮޑުވުން އޮތްކަމަށް އޭނާ ބުންޏެވެ.