ލައިފްސްޓައިލް

މި ޒުވާނުން މަސްވެރިކަމުގެ މޫނުމަތި ބަދަލުކޮށްލައިފި!

އެންމެ 19 އަހަރުގެ ހަސަން ސާޖިން، އަކީ މަސްވެރިއެކެވެ. އެކަމަކު މިއީ އާދައިގެ މަސްވެރިއެއް ނޫނެވެ. އޭނާގެ ދުނިޔެއަކީ މަސްވެރިކަމެވެ. ދިރިއުޅުމާއި އުފަލަކީ މަސްވެރިކަމެވެ. އޭނާގެ ހިތާއި އެންމެ ކައިރީގައިވާ ލޯތްބަކީވެސްމި އެވެ. ރޯއްޖާއި އަރާމަކީ ވެސް މަސްވެރިކަމެވެ. އޭނާގެ ހިތް ދޫވެފައި އޮތީ މަސްވެރިކަމަށެވެ. އޭނާގެ ލޭގައި ހިނގަނީ އެ ޖޯޝާއި ފޯރި އެވެ. ގއ ގެމަނަފުށީ މަސްވެރިންގެ ގްރޫޕްގެ ބާނީ އަކީ، 19 އަހަރުގެ މި މަސްވެރިޔާ އެވެ. މިއަދު ސާޖިން އަކީ އެ ރަށުގެ މަސްވެރިންގެ ލީޑަރެވެ.

މަސްވެރިކަމުގެ ލޯބީގެ ތެރެެއަށް ގެބިފައި އޮތް ސާޖިންގެ ހަޔާތުގެ ކުލަތަކާއި މަންޒަރުތައް އެއްގަމަށް ގެނެސްދޭ މެދުވެރިއަކީ ޓްވިޓާ އާއި ފޭސްބުކްގައި މަޝްހޫރުކަން ހޯދާފައިވާ، "ގެމަނަފުށީ މަސްވެރިން" އެވެ. އެ މަސައްކަތުގެ ފޯރި އާއި މަޖާ، ތަޖުރިބާކުރެވިފައި ނެތް ނަމަ މި ޕޭޖް ބަލައިލާށެވެ! ޔަގީންވާ ކަމަކީ، ގެމަނަފުށީގެ ހީވާގި މަސްވެރިން، ދޭހާ އަތްވަކާއި ވެހޭހާ ވާރޭގައި އެ ކުރާ ބުރަ މަސައްކަތް ކުލަ ތަސްވީރުން ބުނެދެނީ ސާޖިންގެ "ގެމެނަފުށީ މަސްވެރިން" އެވެ. މަސްވެރިކަމާ މެދު އޮންނަ، އާންމު ވިސްނުން ބަދަލުކޮށްލަ ދެނީ މި މަސްވެރިން އެވެ.

ގެމަނަފުށީ މަސްވެރިން ކޮންމެ ދުވަހަކު ސޯޝަލް މީޑިއާއަށް ދޫކޮށްލާ ދިވެހި ކަނޑުތަކުގެ ރީތިކަމާއި ހިތްގައިމު މަންޒަރުތަކުން އެންމެންގެ ސަމާލުކަން އަތުލަ އެވެ. އެ ފޮޓޯތަކާއި ވީޑިއޯތައް ފެނި، އުފާވެރިކަމުގެ ރާޅެއް އުފެދެ އެވެ. "ގެމަނަފުށީ މަސްވެރިން"ގެ މަސައްކަތް އެންމެންގެ ލޮލަށް ދައްކުވައިދޭން ސާޖިން ހުވަފެން ދެކެން ފެށީ އޭނާގެ އުމުރުން އެންމެ 15 އަހަރުގަ އެވެ. މަސްވެރިކަމުން ކުރިއަށްދާން ހިތުގައި ބޮޑު އަޒުމެއް ކަނޑައެޅީ އެ ހިސާބުން އެވެ. ގެމަނަފޫށި މަސްވެރިންގެ މަސައްކަތް އޭނާ ސޯޝަލް މީޑިއާއަށް ގެނެސްދެނީ، ބޮޑު މަގުސަދެއްގަ އެވެ. ސާޖިން ބުނާގޮތުން އޭނާގެ މަގުސަދަކީ، މަސްވެރިކަމަކީ ދަށް ވަޒީފާއެއް ނޫންކަން އޭނާ ކަހަލަ އެތައް ޒުވާނުންނަކަށް ބުނެދިނުމެވެ. މަސްވެރިކަމުން އޭނާ ބިނާކުރާ ހިތް ހިތްގައިމު، އުފާވެރި ދިރިއުޅުން، ފިނި ކޮޓަރިތަކާ ހަމައަށްވެސް ގެންގޮސްދިނުމަކީ އޭނާގެ ބޮޑު އަމާޒެވެ.

"މީގެ ފަސް ވަރަކަށް އަހަރު ކުރިން އަހަރެން ޕޭޖުތައް ހިންގަންފެށީ. އަބަދުވެސް މަސައްކަތްކުރަން ތަފާތު އާ ކަންތައްތައް ކޮށްގެން މަސްވެރިންނަކީ އަނގަމަތި ދޯންޏެއްގައި ދޭހައި ހޫނެއްގައި ދަލުން ތަތްތެޅިފައި ހަމަ އެކަނި ދޮށި އެއްލަން ތިބޭ ބައެއްކަމަށް ގަބޫލުކުރެވިފައި އޮންނަ އޮތުން ބަދަލުކުރަން. ޒަމާނަށް އައި ބަދަލާ އެކު ފަސޭހަ މަސްވެރިކަމަށް ވެސް އައިސްފިކަން ބުނެދޭން. ފޭސްބުކް ޕޭޖް ފެށީވެސް އެހެންވެ،" ގެމަނަފުށީ މަސްވެރިންގެ ގްރޫޕް ފެށުނު ގޮތް ސާޖިން "އަވަސް" އަށް ކިޔައިދިނެވެ.

އުމުރުން އެންމެ 15 އަހަރުގައި މަސް އައިނުތަކާއި ގިރިތަކުގެ ތެރެއަށް ސާޖިން ފީނައިގަންނަން މަޖުބޫރު ކުރުވީ، "ނުކިޔަވަންޏާ ދާން ޖެހޭނީ މަހަށޭ" ބުނެ ރަށު ސްކޫލް ގްރޭޑް އަށަކުން އޭނާ ބޭރުކޮށްލި ދުވަހުން ފެށިގެން އެވެ.

އޭނާގެ ޓީޗަރުން ބުނި ގޮތަށް ނުކިޔެވުނީމާ އޭނާ ނިކުތީ މަހަށެވެ. އެކަމަކު ސާޖިން ގަބޫލު ކުރާ ގޮތުގައި އެއީ އޭނާ ނުކިޔެވުމުގެ އަދަބެއް ނޫނެވެ. އެއީ އޭނާގެ އަމިއްލަ ޗޮއިސް އެކެވެ. އަމިއްލަޔަށް ތަންދޮރު އެނގެންފެށި ދުވަހުވެސް އޭނާ ކިޔަވަން ސްކޫލަށް ދާން ފޫހިވެ އެވެ. ބޭބެމެން ހަބޭހަށް ކިޔެވިއިރު ސާޖިން ދެކުނީ މަސްވެރިއެއްގެ ހުވަފެނެވެ. އޭނާގެ ބައްޕައާއި ކާފައާއި ކާފަގެ ކާފަ ވެސް ކުރީ އެމަސައްކަތެވެ. އޭނާވެސް ކުރަން ބޭނުންވި މަަސައްކަތަކީ އެއީ އެވެ. މިއަދު ސާޖިންއަށް ނުލިބޭ އެއްޗެއް ނެތެވެ.

"އަހަރެން ނުކިޔަވާތީ މަންމަމެން ވެސް ވަރަށް ނަސޭހަތްދިން ކިޔެވުމަށް. އެހެންނަމަވެސް މަސައްކަތަށް ނިކުމެ، ރަނގަޅު އާމްދަނީ ލިބި އަހަރެން ޒިންމާދާރު މީހަކަށް ވާތަން ފެނުނީމަ މަންމައާއި އާއިލާގެ އެންމެންގެ ފުރިހަމަ ލޯބި ލިބުނު. މިއަދުވެސް އާއިލާ އޮތީ އެގޮތުގަ،" ސާޖިން ކިޔައިދިނެވެ. "މި މަސައްކަތުން މިދިޔަ އަހަރު އެކަނިވެސް އަޅުގަނޑު އާމްދަނީއަށް ފަސް ލައްކަ ރުފިޔާ ހޯދިން، ޒުވާންކުދިން ފޫހިވެފައި އިނދެގެން ވެސް ރުފިޔާ ބޭނުންވެގެން ކުރަން ބޭނުންވަނީ ފިނިކޮޓަރީގެ މަސައްކަތެއް. މިބުނީ ނުކިޔަވާށޭ އެއް ނޫން. އެކަމަކު މަސްވެރިކަން ވެސް މިވަނީ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު ތަރައްގީވެފަ. މަސް ބާނަން ތިބޭ ދެތިން ގަޑި އިރުގަ ނޫނިއްޔާ ނިދާލަން ދޯނީގައިވެސް ހުރީ ފިނި ކޮޓަރިއެއް. އެހެންވީމަ މަސްވެރިއަކަށްވެ އަމިއްލަ ހިތަކަށް މަސައްކަތްކޮށްގެން ބޭނުންވަރަކަށް ރުފިޔާ ހޯދެންޏާ ކޮބާ ލަދުގަންނަންޖެހޭ ކަމަކީ؟،"

ސާޖިން މިހާރުވެސް އޭނާގެ ދުވާލުން މަސް ބޭނުމަށް ހޭދަކުރާ ދެތިން ގަޑިއިރު ނިންމާލައި ބާކީ ވަގުތުތައް ހޭދަކުރަނީ ދޯނި މަތީގައި ކޮންމެވެސް މަޖާ ކަންތައްގަނޑެއް ޕްލޭންކޮށް ހިންގާލުމަށެވެ. ނޫނީ އޭނާގެ މަސައްކަތާ ބެހޭ ކޮންމެވެސް އާ
ކަމެއް ދަސްކުރާށެވެ. ދާދިފަހުން އެރަށު މަސްވެރިން ދޯނިމަތީގައި ކުޅުނު ފުޓްބޯޅަމެޗަކީވެސް ސާޖިންގެ ހިޔާލެވެ.

އޭނާގެ މަސައްކަތުގެ ކުލަ މަންޒަރުތައް ކޮލިޓީކޮށް އާންމުންނަށް ދައްކާލުމަށް އޭނާ ވަނީ ޒަމާނީ ކެމެރާ އަކާއި ޑްރޯންއެއްވެސް މިހާރުގަނެފަ އެވެ. އޭނާ އަންނަނީ ކޮންމެ ދުވަހަކު ވެސް މަސްވެރިކަން ކުރާ ގޮތުގެ ކުރު ވީޑިއޯތައް ފޭސްބުކާއި ޓްވިޓާއަށް ދޫކުރަމުން އެވެ. އޭނާގެ މި ހިއްވަރުގެ ފޮނި ނަތީޖާ ޔަގީނުންވެސް ގެމަނަފުށިން ފެނިއްޖެ އެވެ. އާ ޒުވާނުން މަސްވެރިކަމަށް މިހާރު ގުޅިއްޖެ އެވެ. އެރަށުގެ މަސްވެރިން ތިބީ ފިސާރި އަވަހަށް މުޅި ރާއްޖެއަށް އެ ބަދަލު އަންނާނެ ކަމުގެ އުންމީދުގަ އެވެ.

"މީގެ ހަތަރު އަހަރު ފަސް އަހަރު ކުރިން ރަށުގައި މަސްވެރިކަން ކުރާނީ ބައްޕަމެން ފުރައިގެ މީހުން. މިހާރު ރަށުގެ ސްކޫލުން ކިޔަވައިގެން ނުކުންނަ ޒުވާނުންގެ 80 ޕަސެންޓަކީ މަސްވެރިން. އަޅުގަނޑުގެ ބޭބެ ޝާފިއު އަކީ މާސްޓާސް އަށް ކިޔަވައިގެން ހުރި ކުއްޖެއް. ބޭބެ އަކީވެސް މިހާރު މަސްވެރިއެއް. އަޅުގަނޑުގެ މި މަސައްކަތުގެ ފަހަތުގައި ހުރި އެންމެ ދީލަތި އަތަކީވެސް އެއީ،" ސާޖިން ފަހުރުވެރިކަމާއެކު ބުންޏެވެ.

ސާޖިންއާއި އޭނާއާއެކު ދެންތިބި ގެމަނަފުށީގެ ޒުވާން މަސްވެރިންނަކީ ޔަގީނުންވެސް މަސްވެރިކަމުގެ ތަހުޒީބީ އާ ޖީލެއްގެ ފެށުމެވެ. ގެމަނަފުށީގެ ޖޯޝުގައި ނުކުމެ ތިބި ޒުވާނުން މިގޮތުގައި ތިއްބައި މަސްވެރިކަން ފޮހެވިގެނެއް ނުދާނެ އެވެ. ގެމަނަފުށީ މަސްވެރިންނަކީ މަސްވެރިކަމުގެ މޫނު މަތި ބަލަދަލުކޮށްލާ އާޖީލުގެ މަސްވެރިން އެވެ.