ވެރިކަމުގެ ނިޒާމް

ނިޒާމުގެ ބަހުސް: ކާކު ބުނީ ކީކޭ؟

3

ވެ ރިކަން ހިންގުމުގެ ނިޒާމުގެ ބަހުސް އަޑުހަރުކޮށް ކުރެވޭން ފެށުނީ ސިއްރިޔާތުގައި ނެރެވުނު ނޫސް މަޖައްލާތަކުގައެވެ. އެ ފަހުން ސިއްރުން ހިންގި ވެބްސައިޓުތަކާއި މިނިވަން ބަހުސްތަކުގައެވެ. އަދި މިހާރުގެ ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގައެވެ.

މިހާރު އަނެއްކާވެސް ވެރިކަން ހިންގުމުގެ ނިޒާމުގެ ބަހުސް ކުރެވޭން ފަށައިފިއެވެ. މި ލިޔުމުގައި މި ބަލާލަނީ ވެރިކަން ހިންގުމުގެ ނިޒާމާ ގުޅޭގޮތުން، ސިޔާސީން ދައްކާފައިވާ އަދި ދައްކަމުންދާ ވާހަކަތަކަށެވެ.

ރައްޔިތުން ހިޔާރުކުރީ ރިޔާސީ ނިޒާމެއް

ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ނިޒާމުގެ ބަހުސް ކުރެވުނުއިރު މައި ދެ ޕާޓީ ކަމަށްވާ އެމްޑީޕީ އާއި ޑީއާރުޕީ އެއްގަލަކަށް ނޭރުމުގެ ސަބަބުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ޖޫން 18، 2006 ގައި އެ މަޖިލީހުން ފާސްކުރިއެވެ. މި ވޯޓު ނެގުނު ގޮތުން، މި ވޯޓުގެ ސައްްހަ ކަމާމެދު އޭރު ސުވާލު އުފެއްދިއެވެ.

ދެ ނިޒާމުގެ އަސާސީ ސިފަތައް ބަޔާންކޮށް މަޖިލީހުން މައުލޫމާތު ކަރުދާހާއި ޕޯސްޓަރާއި ލީފްލެޓާއި ބުކްލެޓް އާންމު ކުރިއެވެ. އޯގަސްޓް، 18، 2007 ގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުން ނިންމީ ރާއްޖެއަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމެއް ކަމަށެވެ.

ގާނޫނުއަސާސީ ބައްޓަންކުރެވިފައި އޮތީ ރައްޔިތުން ނިންމި ގޮތަށް ހަމައެކަނި ރިޔާސީ ނިޒާމުގެ ސިފަތައް ހިމަނައިގެން ކަމަށް ބައެއް މީހުންނަށް ހީކުރެވުނަސް ދެ ނިޒާމުގެ އަސާސީ ސިފަތައް ބަޔާންކޮށް މަޖިލީހުން އާންމުކުރި ކަރުދާހުގައި އޮތްގޮތަށް ރިޔާސީ ނިޒާމުގައި ހިމެނޭނެ ކަމަށް ބުނި އަސާސީ ސިފަތައްވެސް ގާނޫނުއަސާސީގައި ހިމަނާފައެއް ނުވެއެވެ.

ގާނޫނުއަސާސީ ނިމުނުއިރު އޮތީ ބޮޑު ދެ ޕާޓީގެ ދެމެދުގައި ދޫދީގެންނާއި ގޮތްދޫނުކޮށް، ދެބައިމީހުންނަށް ފައިދާވާގޮތަށް، ދެ ނިޒާމުގެ ސިފަތަކުން މަސްހުނި ވެފައެވެ. 

ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން

ބައެއް މީހުން ބުނާ ގޮތުން ރާއްޖޭގައި މިހާތަނަށް ވެރިކަމުގެ ނިޒާމު ބަދަލުކުރި ކޮންމެ ފަހަރަކު އާންމުންގެ ވޯޓަކަށް ދިއައެވެ. މިއީ މުޅިއަކުން ތެދެއް ނޫނެވެ. އެހެނީ 2007 ގައި ނެގުނު އާންމު ވޯޓު ފިޔަވައި ކުރިން ނެގުނު ވޯޓުތައް ނެގުނީ ރާއްޖޭގައި އޮންނާނީ ރަސްކަމެއްތޯ ނުވަތަ ޖުމްހޫރިއްޔަތެއްތޯ ބެލުމަށެވެ.

އެއީ އޮންނަންވީ ރިޔާސީ ނުވަތަ ބަރުލަމާނީ ނިޒާމުތޯ ބެލުމަށް ނެގުނު ވޯޓުތަކެއް ނޫނެވެ. އޭޕްރީލް 23، 1970 ގައި ގާނޫނުއަސާސީއަށް ގެނައި އިސްލާހުން ވަޒީރުލްއައްޒަމްގެ މަގާމް އުފެއްދުމާއި، އޭޕްރީލް 15، 1975 ގައި ގެނެވުނު އިސްލާހުން އެ މަގާމު އުވާލެވުނުއިރު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނުނަގައެވެ.

މިހާރު، ވެރިކަމުގެ ނިޒާމު ބަދަލުކުރާން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކަށް ދާންޖެހެނީ ކުރިން އެފަދަ ވޯޓުތަކެއް ނަގާފައިވީތީއެއް ނޫނެވެ. އަދި، ސިޔާސީން، ރައްޔިތުންގެ އަޑު އަހާން ބޭނުންވާތީއެއްވެސް ނޫނެވެ. މިހާރުގެ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ (3) އޮތްގޮތުން ވެރިކަމުގެ ނިޒާމަށް ބަދަލުގެންނަނަމަ އެ ބަދަލެއް ތަސްދީގު ކުރެވޭނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގައިގެންނެވެ. ބަދަލު ގެންނާކަށް ގާނޫނުއަސާސީގެ ނައްސު ދެކޮޅެއް ނުހަދައެވެ. އެހެނަސް ވެރިކަމުގެ ނިޒާމަކީ ގާނޫނުއަސާސީގެ އަސާސީ ސިފައެއްކަމުގައިވާތީ އެފަދަ ވޯޓެއް ނަގައިގެން ނޫނީ ނިޒާމު ބަދަލު ކުރުމަކީ ދުސްތޫރީ އިލްމުވެރިން ނަންކުރާ ބޭސިކް ފީޗާ ޑޮޮކްޓްރިންއާވެސް ހިލާފުކަމެކެވެ.

މައުމޫން ބޭނުންފުޅުވީ ބަރުލަމާނީ ނިޒާމެއް؟

1998 ގައި އަމަލުކުރަން ފެށުނު ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހަށް ރައީސް މައުމޫނު ނަމޫނާ ގާނޫނުއަސާސީއެއް ހުށައެޅުއްވިއެވެ. އެ ހުށައެޅުއްވުމުގައި އޮތީ ދައުލަތުގެ ވެރިޔާ އާއި ސަރުކާރުގެ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

ޖޫން 9، 2004 ގައި އެމަނިކުފާނު ދެއްވި އިސްލާހީ ތަގުރީރުގައި ދައުލަތުގެ އިސްވެރިޔާ އާއި ސަރުކާރު ހިންގުމުގެ އިސްވެރިޔާ މި ދެ މަގާމު ވަކިކުރުމުގެ ހިޔާލު ހުށައަޅުއްވަމުން އެމަނިކުފާނު ވިދާޅުވީ އެކަމަކީ ރަނގަޅުގޮތަކީ ކޮބައިތޯ ބަލަން ރައްޔިތުންގެ ހިޔާލަށް ދޫކޮށްލާ ކަމެއް ކަމަށެވެ.

މީގެއިތުރުން ފެބްރުއަރީ 16، 2005 ގައި ގާނޫނުއަސާސީއަށް އެމަނިކުފާނު ހުށައެޅުއްވި އިސްލާހުތަކުގައި އޮތީ ރައީސުލްޖުމްހޫރިއްޔާ އަކާއި ބޮޑު ވަޒީރެއް ހުންނަ ގޮތަށެވެ. ރިޔާސީ ނިޒާމަކަށްވުރެ ބަރުލަމާނީ ނިޒާމުގެ ސިފަތައް ގިނަކޮށެވެ. އަދި މާޗު 27، 2006 ގައި، ދިވެހިރާއްޖޭގައި ޒަމާނީ ޑިމޮކްރަސީއެއް ގާއިމުކުރުމަށް ހިންގޭ އިސްލާހީ ޕްރޮގްރާމްގެ މަގުޗާޓު އިއުލާނު ކުރެއްވުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ އިސްލާހީ އެޖެންޑާގައި އެމަނިކުފާނު ހުށައެޅުއްވީ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމު ކުރުމަށް ކަމަށާއި އެއީ އެމަނިކުފާނުގެ ހިޔާލުފުޅު ކަމަށެވެ.

އެހެންކަމުން، އިސްލާހީ ހަރަކާތުގެ ކުރީކޮޅުގައި އެމަނިކުފާނުގެ ހިޔާލުފުޅަކީ، ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުން ކަމަށް ސާފުކޮށް އެނގެއެވެ. އެހެންނަމަސް، ފަހުން، 2007 އާހަމައަށް އައިއިރު، ދިމާއިދިކޮޅަށް ވިސްނުންފުޅު ބަދަލު ކުރައްވައި ތާއީދުކުރެއްވީ ރިޔާސީ ނިޒާމަކަށެވެ. 

ނަޝީދު އުޅުއްވަނީ އިންތިހާބެެއް ނެތި ބޮޑުވަޒީރުކަން ހޯއްދަވަން؟

ބައެއް މީހުން ސިފަކުރާ ގޮތުގައި، ނަޝީދު އެ އުޅުއްވަނީ، އަހާލުމެއް ކަހާލުމެއް ނެތި ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްލައި ބޮޑު ވަޒީރުކަން ހޯއްދަވާށެވެ. އެހެނީ، ރިޔާސީ ނިޒާމެއް ބާއްވައިގެން ރައްޔިތުންގެ އާންމު ވޯޓަކުން ރައީސުލްޖުމްހޫރިއްޔާ ހޮވާގޮތަށް އޮވެއްޖެނަމަ، ރައީސް ނަޝީދަށް ދެން ރައީސް ކަމަށް ނާދެވޭނެ ކަމަށް ހީފުޅުވެގެން އެމަނިކުފާނު ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރާން އުޅުއްވަނީއެވެ.

އެހެނަސް ބަރުލަމާނީ ނިޒާމަކަށް ގާނޫނުއަސާސީ ބަދަލުކުރާނަމަ ރައްޔިތުންގެ މަޖިލިސް އަލުން އިންތިހާބުކުރެވި ސަރުކާރުގެ ވެރިއަކުވެސް ކަނޑައަޅައި އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމުވެސް އަލުން އިންތިހާބުވާން ޖެހޭނެ ކަމަށާއި އެކަން ކުރާން ބޭނުންވާ ކޮންމެ އިންތިހާބަކާ ކުރިމަތިލުމަށް ތައްޔާރަށް ހުންނެވިކަމުގައި ޖުލައި 21، 2010 ގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. 

އެމްޑީޕީން އަބަދުވެސް ބޭނުންވީ ބަރުލަމާނީ ނިޒާމެއް؟

އެމްޑީޕީ އާއި ރައީސް ނަޝީދު އަބަދުވެސް ތާއީދުކުރަމުން އަންނަނީ ބަރުލަމާނީ ނިޒާމަކަށް ކަމުގައި ދައުވާކުރިޔަސް މިއީ އިސްލާހީ ހަރަކާތުގެ ދުވަސްވަރު އެންމެ ހަރުއަޑުން އިވުނު ތިން ބާރު ވަކިކުރުމުގެ ވާހަކައާ ފުށުއަރާ ތާއީދު ކުރުމެކެވެ. އެހެނީ ރައީސް ނަޝީދާއި އެމްޑީޕީން އެންމެ ބޮޑަށް އިދިކޮޅު ހެދި ސިފަކަމުގައިވާ ވަޒީރުން ގާނޫނުހަދާ މަޖިލީހުގައި ތިބޭ ސިފައަކީ ބަރުލަމާނީ ނިޒާމުގެ އަސާސީ ސިފައެކެވެ.

އޭރުގެ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ އޮނިގަނޑު ރޭވިފައި އޮތްގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކޮށްފައިވާ ޖުމްލަ 29 މެންބަރުން އެ މަޖިލީހުގައި ތިބޭތީ އެ މެންބަރުން ވަކިކުރުމަށް އެތައް އެއްވުމެއްގައި ގޮވާލިއެވެ. އަދި މެއި 14، 2006 ގައި ބޮޑު މުޒާހަރާއެއްވެސް ކުރިއެވެ.

އަނެއް ކަމަކީ ރައީސް ނަޝީދަށް ރިޔާސީ ނިޒާމު ކަމުދިޔަ އިރެއްވެސް ދިޔައެވެ. މިގޮތުން އޯގަސްޓް 7، 2009 ގެ ރޭޑިއޯ ހިތާބުގައި ރައީސް ނަޝީދު ވިދާޅުވީ މިހާރުގެ ގާނޫނުއަސާސީ އެބަ ހިންގޭ ކަމަށާއި ސަރުކާރަށް މި ގާނޫނުއަސާސީއާ އެއްގޮތަށް ވެރިކަން ހިންގަމުން ދިއުމަކީ އުނދަގޫ ކަމެއް ނޫންކަމުގައެވެ.

ގާނޫނުއަސާސީ އޮތްގޮތުން ދައުލަތް ހިންގާން ދަތިކަމަށް އެމަނިކުފާނު ވިދާޅުވާން ފެށީ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ނެތުމާއި، ސިޔާސީ ހަލަބޮލިކަން އިތުރުވުމުން އިދިކޮޅު ދެ ލީޑަރަކު ހައްޔަރު ކުރުމަށް ފަހުއެވެ. ޖުލައި 21، 2010 ގައި ނޫސްވެރިން މެދުވެރިކޮށް ރައްޔިތުންނާ ބައްދަލުކުރައްވަމުން ހައްލެއްގެ ގޮތުގައި ހުށައެޅުއްވި އެއްގޮތަކީ ބަރުލަމާނީ ނިޒާމަކަށް ގާނޫނުއަސާސީ ބަދަލު ކުރުމެވެ.
އަނެއް ގޮތަކީ ރިޔާސީ ނިޒާމެއްގައި ހުންނަން ޖެހޭނެ ކަމަށް ޑީއާރުޕީން ކުރިން ވަކާލާތުކުރި ސިފަތައް ގާނޫނުއަސާސީއަށް ގެނައުމެވެ.

ނިޒާމުގެ ބަހުސްގައި، އޭރާއި މިހާރު އިވޭ އަޑުތަކަށް ނަޒަރު ހިންގާލުމުން ދޭހަވަނީ ސިޔާސީން ހަމަ އެއްކަމެއްގައި، ވެރިކަން ނުލިބޭއިރު ފާޅުކުރާ ހިޔާލާއި ވެރިކަން ލިބުމުން ފާޅުކުރާ ހިޔާލާއި ސިޔާސީ ވާދަައިގައި ކުރިހޯދުމަށް ދައްކާ ވާހަކަތައް ތަފާތު ކަމެވެ. ވަކި ނިޒާމަކަށް ދާންޖެހޭ ހަގީގީ ސަބަބުތައް ބުނެދިނުމުގެ ބަދަލުގައި ހުރިހާ ސިޔާސީންވެސް ހާމަނުކުރާ ސިއްރު ސަބަބުތަކެއްވާކަމެވެ.

އެޑިޓަރުގެ ނޯޓް: މިއީ ޑރ. ޝަމްސުލް ފަލާހު ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. އޭނާއަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ދިވެހި ދުސްތޫރީ ނިޒާމު ދިރާސާކުރައްވާ ދާއިރާގެ އިލްމީ ލިޔުންތައް ލިޔުއްވާ މާހިރެކެވެ. އަދި ގާނޫނީ ވަކީލެެއްވެސްމެއެވެ.