ކޮވިޑްގެ ވަބާގައި އިގްތިސޯދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ރާއްޖެ އަށެވެ. ކޮވިޑުން ރައްކާތެރިވުމަށްޓަކައި މަޖުބޫރުވުމުން މުޅި ގައުމު ހަތަރު މަހަށް ތަޅުލަންވެސް ޖެހުނެވެ. އެކަމާ ގުޅިގެން އާމްދަނީ ލިބެން ހުރި ހުރިހާ ދޮރެއް ބަންދުވި އެވެ. ނަތީޖާއެއްގެ ގޮތުން އިގްތިސާދު އެއްކޮށްހެން "މަރުވީ" އެވެ. އެކަމަކު ދުވަހުން ދުވަހަށް ހަރަދުތައް ދިޔައީ އިތުރުވަމުންނެވެ. ދަތި އުދަގޫ އެވަގުތުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ ރައްޔިތުންގެ ސިއްހަތާއި ފުރާނަ ރައްކާތެރިކުރުމަށެވެ. ވިޔަފާރިތަކަށް ލިބެމުން ދިޔަ ގެއްލުންތައް ކުޑަކުރުމަށެވެ. އެކަންކުރަން ތަފާތު ނަންނަމުގައި ޕެކޭޖުތަކާއި އެލަވަންސްތައް ތައާރަފްކޮށް މިދިޔަ އަހަރެއްހާ ދުވަހު ބިލިއަނުން ހަރަދުކުރި އެވެ.
މިހުރިހާ ހަރަދެއް ސަރުކާރުން ކުރީ އާންމު ހާލަތުގައި އަމަލުކުރަމުން ދިޔަ ގާނޫނީ އޮނިގަނޑު ބަދަލުކޮށްގެންނެވެ. ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގައި ބުނާ ދަރަނީގެ މިންގަނޑު ބަޔާންކުރާ އަކުރުތައް ސަސްޕެންޑްކޮށްގެންނެވެ. ރައްޔިތުންގެ މަޖިލީހުގައި ދެކަފިވެފައިވާ ބަހުސް ތަކެއް ކުުރުމަށްފަހު ގާނޫނުގެ ބައެއް ސަސްޕެންޑް ކުރަން މަޖިލީހުން ހުއްދަ ދިނީ އޭޕްރީލް 26، 2020 ގައެވެ.
އެފަދަ ހުއްދަ އަކަށް އެދެން ސަރުކާރަށް މަޖުބޫރުވީ ހަރަދަށް ޒިންމާވުމުގެ ގާނޫނު އޮތް ގޮތުންނެވެ. އެ ގާނޫނުގެ 32 ވަނަ މާއްދާގައި ބުނެފައިވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން ސަރުކާރަށް ދަރަނީގެ ގޮތުގައި ފައިސާ ނެގޭނެ ލިމިޓަކީ ދައުލަތުގެ އެވެރެޖް އާމްދަނީގެ އެއް ޕަސެންޓް ކަމަށެވެ. އެއީ ގާތްގަނޑަށް 180 މިލިއަން ރުފިޔާ އެވެ. އަދި އެގޮތަށް ނަގާ ދަރަނި 91 ދުވަހުގެ ތެރޭގައި ދައްކަން ސަރުކާރަށް ލާޒިމުވެ އެވެ. އެހެންކަމުން ސަރުކާރުން ހުށަހެޅީ 32 ވަނަ މާއްދާގެ ތިން އަކުރެއް ސަސްޕެންޑް ކުރުމަށްފަހު މަރުކަޒީ ބޭންކުން ދަރަންޏަށް ފައިސާ ނެގޭނެ ލިމިޓް 4.4 ބިލިއަން ރުފިޔާއަށް މަތިކުރުމަށެވެ. ހަމައެއާ އެކު ދަރަނީގެ ފައިސާ ދައްކަންޖެހޭ މުއްދަތު އެއް އަހަރަށް އިތުރުކުރާށެވެ. އެބުނާ އެއް އަހަރު ހަމަވަނީ މިމަހުގެ 26ވާ ހޯޯމަ ދުވަހަށެވެ. މަޖިލީހުން މިދިޔަ އަހަރު "އޯކޭ" ދިނީ އެ ހުށަހެޅުންތަކަށެވެ. އިގްތިސާދީ މާހިރުން އޯވާޑްރޯ ނުވަތަ އޯޑީއޭ ވިދާޅުވަމުން އެ ގެންދަވަނީ ވެސް އެ ލޯނަށެވެ.
މަޖިލީހުގައި އެފަދަ ހުށަހެޅުންތަކަކަށް ހުއްދަ ދިނުމަށް ސަރުކާރުން އެދުނީ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި، އެ ގާނޫނުގެ މާއްދާއެއް ނުވަތަ ގާނޫނުން ބަޔަކަށް އަމަލުކުރަން މަޖިލީހަށް އިސްތިސްނާއެއް ދެވޭނީ ގުދުރަތީ ނޫނީ އިގްތިސޯދީ ކާރިސާތަކުގެ ދަނޑިވަޅުތަކުގައި ކަމަށް ބުނެފައިވާތީ އެވެ. ކޮވިޑް 19ގެ ހާލަތަކީ ގާނޫނުގައި ބުނާ ހާލަތެއް ކަމަށް ސަރުކާރުން މާނަކުރީ އެވެ. މަޖިލީހުން އެ މާނަކުރުމަށް އިއުތިރާފްވެ ހުއްދަ ދިނީ އެވެ.
ހޯމަ އަންގާރާގައި މަޖިލީހުން ކުރީ ކޮން ކަމެއް؟
މަޖިލީހުން މިދިޔަ އަަހަރު ދިން ހުއްދައިގެ ދަށުން ސަރުކާރުން ވަނީ ބޮޑު އަދަދަކުން އެމްއެމްއޭ އިން ލޯން ނަގާފަ އެވެ. ލޯން ދައްކަން ދީފައިވާ މުއްދަތު މިމަހުގެ 26އަށް ހަމަވާތީ މަޖިލީހުގެ މިދިޔަ ހޯމަ ދުވަހުގެ ޖަލްސާ އަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކުއްލި ސިޓީއެއް ފޮނުއްވެވި އެވެ. އެދިވަޑައިގެންފައިވަނީ ކުރިންވެސް ހުށަހެޅުއްވި ގޮތަށް ގާނޫނުގެ 32 ވަނަ މާއްދާ އަށް އަމަލުކުރުން އިތުރު އެއް އަހަރަށް ފަސް ކޮށްދިނުމަށެވެ. ސަބަބަކަށް ދެއްކެވީ ކޮވިޑާއި ގުޅިގެން އިގުތިސޯދަށް ލިބުނު ބޮޑު ގެއްލުމުން އަދިވެސް އަރައިގަނެވިފައި ނުވުމެވެ. އިގްތިސާދީ އަދި މާލީ ބޮޑެތި ގޮންޖެހުންތަކާ ގުޅިގެން ދައުލަތުގެ އާމްދަނީ އާއި ހަރަދުތައް ހަމަޖައްސަން އުދަގޫވުމެވެ. އެހެންކަމުން ސަސްޕެންޑް ކޮށްފައިވާ ގާނޫނީ މާއްދާތަކަށް މިވަގުތު އަމަލުކުރުމަކީ މިނިސްޓަރަށް ގަބޫލުކުރެއްވޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
އެކަމަކު ހޯމަ ދުވަހާއި އަންގާރަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވި ގިނަ މެންބަރުންގެ ވާހަކައިގެ ރޫހު ހުރީ މިނިސްޓަރުގެ ހުށަހެޅުއްވުމާ ދެކޮޅަށެވެ. މީގެތެރޭގައި އެމްޑީޕީގެ ބައެއް މެންބަރުން ވެސް ހިމެނެ އެވެ. އެފަދަ ބައެއް މެންބަރުން ބޭނުންވީ އަލުން ހުއްދަ ދިނުމުގެ ކުރިން، ކުރީގެ ހުއްދައިގެ ދަށުން ހަރަދު ކުރި ގޮތް ބަލައި ދިރާސާ ކުރާށެވެ. ދައުލަތުގެ މާލިއްޔާ އަށް މިހާރު ލިބޭ އާމްދަނީގެ ތަފްސީލްތައް ހޯދާށެވެ. އެ މެންބަރުންގެ މައިގަނޑު ކަންބޮޑުވުމަކީ ކުރިން ދިން ހުއްދައިގެ ދަށުން ބައެއް ހަރަދުތައް ޒިންމާދާރު ގޮތެއްގައި ކޮށްފައި ނެތުމެވެ. އަދި ހިޔާނާތާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހަރަދުތަކެއް ކޮށްފައި ހުރުމެވެ.
މެންބަރުންގެ ހިޔާލުތައް ދެކަފިވެފައި ވަނިކޮށް އެމްޑީޕީގެ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ހުށަހެޅުއްވީ މައްސަލަ ދިރާސާކުރުމަށް ހާއްސަ ކޮމިޓީ އަކަށް ގެންދާށެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) އެވެ. ހޯމަ ދުވަހުގެ އެ ހުށަހެޅުއްވުމަށް އަންގާރަ ދުވަހު ވޯޓަށް އެހުމުން އެ ހުށަހެޅުއްވުން ފާސްކުރުމާ ދެކޮޅަށް 48 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ. ހުށަހެޅުއްވުމާ އެއްގޮތަށް މައްސަލަ ހާއްސަ ކޮމިޓީ އަކަށް ގެންދަން ވޯޓު ދެއްވީ 12 މެންބަރުންނެވެ.
ވޯޓުގެ ނަތީޖާއަށް ފަހު މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ ހަސަން އަފީފުގެ ހުށަހެޅުއްވުން ފާސްނުވުމުން ފިނޭންސް މިނިސްޓަރު ހުށަހެޅުއްވި މައްސަލާގައި މަޖިލީހުން އެއްވެސް ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އޭގެފަހުގައި ރައީސް ނަޝީދު ވިދާޅުވި އެއްޗަކާ ގުޅިގެން މައްސަލައިގެ ސީރިއަސް ކަން ހާމަވެގެންދެ އެވެ.
"މެމްބަރުން ވިސްނަވަންޖެހޭނެ ކަންކަމުގައި އަމަލުކުރައްވާއިރު އެކަމަކުން ދެންވެދާނެ ގޮތް،" ހިތްހަމަޖެހިވަޑައިނުގެން އިންނަވާ ނަޝީދު ވިދާޅުވި މިންވަރެވެ.
މަޖިލީހުން އަމަލުކުރި ގޮތުން ފިނޭންސް މިނިސްޓަރު ހުށަހެޅުއްވި މައްސަލައަށް ދެން ވާނެ ގޮތަކާއި މެދު ސުވާލު އުފެދެ އެވެ. މައްސަލަ މިހާރު އޮތް ހިސާބުން މަޖިލީހުގެ ދާއިމީ ކޮމިޓީ އަކަށް މައްސަލަ ފޮނުވާނީތޯ ނޫނީ މައްސަލަ އަލުން މަޖިލީހަށް ހުށަހަޅައި ހުރިހާ އިޖުރާއާތުތަކެއް ފުރިހަމަ ކުރާނީތޯ މިއީ އުފެދޭ ސުވާލުތަކެކެވެ. މެންބަރުން ވެސް މިސުވާލުތައް ކުރައްވަ އެވެ. ސަބަބަކީ މަޖިލީހަށް ހުށަހަޅާ އެފަދަ މައްސަލަ ތަކުގައި ވަކި ގޮތަކަށް އަމަލުކުރަން ހުށަހެޅުމެއް ލިބި އެ ހުށަހެޅުން ފާސްނުވެއްޖެނަމަ ދެން އެ މައްސަލައެއްގައި އަމަލުކުރާނެ ގޮތެއް މަޖިލީހުގެ ގަވައިދުގައި ވެސް ނެތުމެވެ.
މެންބަރުންގެ ހިޔާލު ހުރި ގޮތް
އޯވާޑްރޯގެ މުއްދަތު އިތުރުކުރުމުގެ މައްސަލައިގައި މަޖިލީހުގެ ތަޅުމުގައި ސަރުކާރުގެ ހުށަހެޅުމާ އެއްކޮޅަށް އެންމެ ބޮޑަށް ވާހަކަދެއްކެވީ އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ހުށަހެޅުން ވަރަށް ސާފު ކަމަށެވެ. އެހެންކަމުން މައްސަލަ އެއްވެސް ކޮމިޓީ އަކަށް ވެސް ގެންދާކަށް ޝަރީފަށް ގަބޫލުކުރެއްވެ އެވެ. އެހެންވެ އޭނާ ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރުގެ ހުށަހެޅުން މަޖިލީހުގެ ތަޅުމުން ފާސްކުރުމަށެވެ. ނަމަވެސް މަޖިލީހުގެ ޖަލްސާ ނިމިގެންދިޔަ އިރުވެސް އޭނާގެ ހުށަހެޅުމަށް ތާއީދު ލިބިފައެއް ނުވެ އެވެ. އެހެންކަމުން އެއީ ހުށަހެޅުމެއް ކަމަށް ރިޔާސަތުން ވެސް ގަބޫލެއް ނުުކުރައްވަ އެވެ. އެކަމަކު މައްސަލައިގެ ސީރިއަސް ކަމުންނާއި މަޖިލީހުގައި ކޮންމެ ފަހަރަކު ގަވައިދާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީ ޝަރީފްގެ ހުށަހެޅުމަށް މެންބަރަކު ތާއީދު ކުރައްވާތޯ ރިޔާސަތުން އެކަން ސަމާލުކަމަށް ނުގެންނެވުމުން ބައެއް ބޭފުޅުން އުފައްދާ ސުވާލުތަކެއް ވެސް އެބަހުއްޓެވެ.
ޝަރީފް ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރުގެ ހުށަހެޅުން ކޮމިޓީ އަކަށް ގެންދަން މަސައްކަތް ކުރަނީ ސިޔާސީ ހަސަދަވެރިކަމުގައި ސަރުކާރަށް ޖެއްސުން ކުރާށެވެ. އެގޮތަށް އަމަލުކުރުމުން ސަރުކާރުން ކުރަންޖެހޭ ހަރަދުތަކަށް ހުއްދަ ނުލިބި ދައުލަތް ހުއްޓިދާނެތީ ޝަރީފް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"ސަރުކާރު ލޮކްޑައުނަކަށް ފޮނުވުމަކީ އެއް ގޮތަކަށްވެސް ކުރެވިގެންވާނެ ކަމެއް ނޫން. ހުށަހެޅިފައިވާ މައްސަލައާމެދު ގޮތެއް މަޖިލީހުން ނިންމަންޖެހޭނެ،" ޝަރީފް ވިދާޅުވެފައިވެ އެވެ.
ފިނޭންސް މިނިސްޓަރުގެ ހުށަހެޅުއްވުމަށް މަޖިލީހުގެ ތެރެއިން ހައްލެއް ނުލިބުނު މައްސަލާގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ. އެކަމަކު އޭނާ އެ ވާހަކަ ދެއްކެވީ އެ މައްސަލާގައި މަޖިލީހުން އަމަލުކުރި ގޮތުން އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ޓްވީޓާގައި ސައްލާ ކުރާ މީހުންނާ އެކު އެވެ.
އާޒިމް ވިދާޅުވި ގޮތުގައި މައްސަލައަށް ގޮތެއް ނުނިމި ދިޔައީ އެމްޑީޕީގެ ލީޑާޝިޕާއި މަޝްވަރާ ކުރުމުގެ ބަދަލުގައި ސަރުކާރުގެ ބައެއް ވަޒީރުން ބައެއް މަޖިލީސް މެންބަރުންނަށް ނުފޫޒު ފޯރުވާ ވަކި ގޮތަކަށް ކަންކަން ކުރަން އުޅުއްވުމުން ކަމަށެވެ. އެކަމަކު އޭނާގެ ތުހުމަތުތަކަށް ބާރުދޭ ހެއްކެއް ހާމަކުރައްވާފައެއް ނުވެ އެވެ.
"..މިގޮތަށް ކަންކަން ނުކުރުމަށް އެފަދަ ވަޒީރުންނަށް ދަންނަވަން،" ވަކި ވަޒީރެއްގެ ނަން ވިދާޅުވެ އާޒިމް ޓްވިޓަރުގައި ވިދާޅުވި އެވެ.
މިރޭ ވިދާޅުވީ މައްސަލައަށް ގޮތެއް ނުނިމި ދިޔައީ ސަރުކާރުގެ ބައެއް ވަޒީރުން، މަޖިލީހުގެ އެމްޑީޕީގެ ލީޑާޝިޕާއި މަޝްވަރާ ކުރުމުގެ ބަދަލުގައި ބައެއް މަޖިލީސް މެންބަރުންނަށް ނުފޫޒު ފޯރުވާ ވަކި ގޮތަކަށް ކަންކަން ކުރަން އުޅުމުން ކަމަށެވެ.
ސަރުކާރުގެ ހުށަހެޅުމާ މެދު މަޖިލީހުން ގޮތެއް ނުނިންމުމުން މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒަށް ގޯސްވީ މަޖިލީހުން އަމަލުކުރެއްވި ގޮތެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި މިނިސްޓަރުގެ ހުށަހެޅުއްވުމަށް މަޖިލީހުގެ ރިޔާސަތުން އަމަލުކުރައްވާފައިވަނީ މީގެކުރިން އެފަދަ ކަންކަމުގައި އަމަލުކުރަންޖެހޭ ގޮތަކަށް ނޫނެވެ. އެއީ އެ މައްސަލަ ދިރާސާ ކުރަން ހާއްސަ ކޮމިޓީއަކަށް ފޮނުވަން ހުށަހެޅި، ހުށަހެޅުން ފެއިލްވުމުން އެ މައްސަލަ ދެން ދާންޖެހޭނީ މަޖިލީހުގެ ކަމާ ގުޅޭ ދާއިމީ ކޮމިޓީއަށް ކަމަށް ނާޝިޒް ވިދާޅުވި އެވެ. އެގޮތުން އޭނާ ނެންގެވީ މަޖިލީހުގެ ގަވައިދުގެ 112 ވަނަ މާއްދާ އެވެ. އެ މާއްދާއާއި ހަވާލާދީ ވިދާޅުވީ އޯވާ ޑްރާފްޓް މައްސަލަތައް މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަންޖެހޭ ކަމަށެވެ.
"އެހެންވީމާ މީގައި އުސޫލަށް އަމަލުނުކޮށް ދިޔަ ދިއުން މިއީ ކަންބޮޑުވުމެއް. ހާއްސަ ކޮމިޓީއަށް ގެންދަން ފާސްނުވީމާ މަޖިލީހުގެ ރިޔާސަތުން ވާނެ އެ މައްސަލަ ދާއިމީ ކޮމިޓީއަށް ފޮނުވި ކަން އިއުލާންކުރަން،" ހިތްހަމަޖެހިވަޑައިނުގެން ހުންނަވާ ވިދާޅުވި އެވެ.
ނާޝިޒް ވަނީ މިމައްސަލާގައި ސީރިއަސް އެހެން ކަމެއް ވެސް ފެންމަތި ކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ އޯވާ ޑްރާފްޓް ފަދަ ސީރިއަސް މައްސަލަތަކުގައި ވޯޓަކަށް ދިއުމުގެ ކުރިން އެމްޑީޕީގެ ޕީޖީ ގުރޫޕްގައި ކުރިން މަޝްވަރާކުރައްވާ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ހުށަހެޅުން ފާސްކޮށްދިނުމަށް ޕީޖީ ގުރޫޕްގައި އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާ ކަންވެސް ފާހަގަކުރެއްވި އެވެ.
އޯވަޑްރޯ ކުރުން ހުއްޓުވައިފިނަމަ ވާނީ ކިހިނެއް؟
އޯވަޑްރޯ ކުރަން މަޖިލީހުން ސަރުކާރަށް ހުއްދަ ނުދީފިނަމަ ކުރިމަތިވެދާނެ ސީރިއަސް މައްސަލަތަކެއް އެބަހުއްޓެވެ. އެމްޑީޕީގެ ބައެއް މެންބަރުންގެ ވާހަކަތައް ހުރި ގޮތުން އޯވަޑްރޯގެ މައްސަލަ ބޭނުންކޮށްގެން ސަރުކާރު ހުއްޓުވާލެވިދާނެ އެވެ. ސަރުކާރުން ހަރަދު ކުރާނެ ފައިސާ ނުދިނުމުން ސަރުކާރު ހުއްޓުމަކީ އޭގެ ޒާތުގައި ވެސް ކުރިމަވާނެ ކަމެކެވެ.
މަޖިލީހުގެ ހުއްދަ ނުލިބިއްޖެނަމަ އެމްއެމްއޭ އިން ސަރުކާރުން ނަގާފައިވާ ލޯން އެއް ފަހަރާ ދައްކަންޖެހޭނެ އެވެ. އޭރުން ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ނޯންނާނެ އެވެ. އާސަންދަ ސްކީމަށާއި ސަބްސިޑީޒްގެ ގޮތުގައި ދޫކުރާނެ ފައިސާއެއް ސަރުކާރަކަށް ނުލިބޭނެ އެވެ. ސަރުކާރުގެ އާންމު ހިދުމަތްތައް ހުއްޓުމަކަށް އަންނާނެ އެވެ. މިކަހަލަ ސީރިއަސް އެތައް މައްސަލަތަކެއް ނިކުންނާނެ އެވެ.
އެ ހާލަތަށް ސަރުކާރު ނުވެއްޓި ސަލާމަތް ވާނީ މިމަހުގެ 26ވާ ހޯމަ ދުވަހުގެ ކުރިން މައްސަލަ ހައްލުކޮށްގެންނެވެ. އެކަން ކުރެއްވުމުގެ ބާރު މިވަގުތު ލިބިވަޑައިގެންފައިވާ ބޭފުޅަކީ ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވައިގެން ހުންނެވި މަޖިލީހުގެ ރައީސް އެވެ. އެހެންކަމުން ރައީސް ނަޝީދު އެ މައްސަލާގައި އަމަލުކުރައްވާނެ ގޮތަކަށް އިންތިޒާރު ކުރުން ނޫން ގޮތެއް ނެތެވެ. ބަރުލަމާނުން ނިކުމެ އެ ތިއްބެވީ ސަރުކާރުގައި ތަޅުއަޅުވަން ކަންވެސް އެނގޭނީ މައްސަލާގައި އަމަލުކުރާ ގޮތަކުންނެވެ.