ރާއްޖޭގެ ބޮޑު ވަޒީރުކަން ކުރެއްވުމުގެ ޝައުގުވެރި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ފުރޮޅައިލަން ފައްޓަވާފައިވާ މަސައްކަތް ފުޅާކޮށް އެ ނިޒާމަށް ތާއީދު ހޯދުމުގެ ކެމްޕޭންތައް ވެރިރަށް މާލެތެރެއަށް ފަތުރާލައި ވަރަށް ބޮޑަށް ފުޅާކޮށްފި އެވެ.
މި ކެމްޕޭން ފުޅާކުރި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އުވާލައި ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ރައީސް ނަޝީދު ވަނީ ރައީސް ސޯލިހަށް މެސެޖަކުން ދަންނަވާފަ އެވެ. އެ މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ވެސް ކުރައްވާފަ އެވެ.
އަދި އެ މެސެޖް މެދުވެރިކޮށް އެ މަޝްވަރާތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވި އިރު ސަރުކާރު އުވާލައި 2023 ގައި ރިޔާސީ އިންތިހާބު ނުބާއްވަން އެދި ވަޑައިގަތެވެ. އެއީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލައި ބޮޑުވަޒީރު ކަމުގެ މަގާމަށް އެ މަނިކުފާނު ވަޑައިގަތުމަށެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރެއްވުމަށް ރައީސް ނަޝީދަށް ފެނިވަޑައިގަންނަވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށާއި އޭގެ ފަހުން 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތަށެވެ.
ރައީސް ނަޝީދުގެ އެ މެސެޖަށް ސަރުކާރުން ވަނީ ޖަވާބެއް ވެސް ދީފަ އެވެ. ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ "މިހާރު އަމަލު ކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އަމަލު ކުރަން ނިންމާފައިވާ ގޮތެއް ކަމަށްވާތީ މިކަމަށް ބަދަލެއް ގެނެވޭނީސް އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ،" ކަމަށެވެ.
ސަރުކާރުގެ އެ ޖަވާބަށް ފަހު ފަހުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕްގައި ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރަނީ ކިތަން މެންބަރުންތޯ ބެލުމަށް ހިޔާލު ހޯދުމުގެ ވޯޓެއް ވެސް ވަނީ ނަގާފަ އެވެ. މެންބަރުންގެ ތާއީދު އޮތް ގޮތް ބަލަން ހުށައެޅީ ވެސް ރައީސް ނަޝީދު އިސްވެ ހުންނަވަ އެވެ. މަޖިލީހުގެ 65 މެންބަރުންގެ ތެރެއިން ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވީ 23 މެންބަރެކެވެ.
އެހެން ނަމަވެސް ބަރުލަމާނީއަށް ތާއީދު ހޯދަން ރައީސް ނަޝީދު ފެއްޓެވި މަަސައްކަތް މިހާރު ވަނީ އިތުރަށް ފުޅާކޮށްފަ އެވެ. އެ ގޮތުން ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް އެމްޑީޕީން 2007 ވަނަ އަހަރު ކުރި ކެންޕެއިންގައި ބޭނުންކުރި ލޯގޯ މާލޭ ސިޓީގެ އެކި ސަރަހައްދުތަކުގައި ހަރު ކުރުމާއި ކުރެހުމާއި ޕެއިންޓް ކުރުމުގެ މަސައްކަތް ރައީސް ނަޝީދަށް ވަފާތެރި ސަޕޯޓަރުން އެކުވެގެން ގެންދަނީ ކުރަމުންނެވެ. އަދި ބަރުލަމާނީއަށް ތާއީދު ކުރާކަން ބުނެދީ އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ގެންދަނީ ސޯޝަލް މީޑިއާގައި ކެންޕެއިން ވެސް ކުރަމުންނެވެ.
މާލޭގެ ބައެއް ގޭގެ ދޮރާއި ފާރުތަކުގައި ވެސް މިހާރު ބަރުލަމާނީ ނިޒާމު ރަމްޒު ކޮށް ދޭން އެމްޑީޕީ ބޭނުން ކުރާ އަތްތިލައަކުން ދައްކުވައިދޭ ހެޔޮ ފާހަގައިގެ ލޯގޯ ކުރަހަން ފަށާފައި ވެއެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި ބޮޑެތި ޕޯސްޓަރުތައް މިހާރު ކޮޅަން ޖަހަން ފަށަފައި ވެއެވެ.
އެކަމަކު އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ މަސައްކަތަކީ އެމްޑީޕީގެ ރަސްމީ މަސައްކަތެއް ނޫން ކަމަށާ އެއީ ރައީސް ނަޝީދަށް ވަފާތެރި މެންބަރުން އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށް ކުރަމުން ގެންދާ ކަމެއް ކަަމަށެވެ.
ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ސަރުކާރުން ދެކޮޅެވެ. އަދި އެމްޑީޕީ ވެސް އެކަމުގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވެ ދެކަފިވެފައި ވެއެވެ. ނަމަވެސް ރައީސް ނަޝީދުގެ ވިސްނުމަށް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ތާއީދު ކުރައްވަ އެވެ. އަދި ބަރުލަމާނީއަށް ތާއީދު ހޯދުމަށާއި ނިޒާމީ ވޯޓަކަށް އަލުން ދާން ސީދާ އަދި ނުސީދާ ކެމްޕޭންތައް ކުރައްވަ އެވެ.
އެ މަސައްކަތުގައި ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ބައިވެރިވެ ވަޑައިގަންނަވަ އެވެ. ޝިފާޒު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕްގައި ބަރުލަމާނީ ކެންޕެއިންގައި ބައިވެރިވާން ބޭނުންވާ މެންބަރުން އެކަމުގެ ޝައުގުވެރިކަން ފާޅު ކުރުމަށް ވެސް އެދިވަޑައިގެންފަ އެވެ. ނަމަވެސް އެކަމަށް މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ.
ޝިފާޒު އެގޮތަށް އަމަލު ކުރައްވަމުން ގެންދަވާތީ ސަރުކާރު ތެރޭގައި ވަނީ ހިޔާލު ތަފާތުވުންތައް ވެސް އުފެދިފަ އެވެ. ރައީސް އޮފީހުގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ސަރުކާރުން ވަކި ސްޓޭންޑެއް ނަގާފައިވާ ކަމެއްގައި ސަރުކާރުގައި ހިމެނި ވަޑައިގަންނަވާ ބައެއް އިސް ބޭފުޅުން އެހެން ގޮތަކަށް އަމަލު ކުރައްވަމުން ގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ބަހުސެއް ރައީސް ނަޝީދު އިސްވެ ފެށުމާއެކު ސަރުކާރު ކޯލިޝަންގައި އޮތް އެހެން ޕާޓީތަކުން ވެސް ވަނީ ނިޒާމު ބަދަލު ކުރުމާ ދެކޮޅު ކަމަށް ބުނެފަ އެވެ. އަދި ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށްވެސް ބުނެފައި ވެއެވެ.
އެމްޑީޕީގެ އިސް މަގާމުތައް ކުރީން ފުރުއްވާފައިވާ ބައެއް ބޭފުޅުން ވެސް މިހާރު ގެންދަވަނީ ނިޒާމު ބަދަލު ކުރުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) އާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވި ގޮތުގައި ބަރުލަމާނީ ނިޒާމެއް ގެންނަން ރައީސް ނަޝީދު މިހާރު މަަސައްކަތް ކުރައްވަނީ ވެރިކަމުގެ ދަހިވެތި ކަމުގައި ބާރުތައް އިތުރު ކުރައްވާށެވެ.
ބައެެއް ގާނޫނީ ބޭފުޅުން ވެސް ގެންދަވަނީ ނިޒާމު ބަދަލު ކުރަން ރައީސް ނަޝީދު ހިންގަވާ މަގު ރަނގަޅު ނޫން ކަމަށް ވިދާޅުވަމުންނެވެ.
ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސައީދު ވިދާޅުވި ގޮތުގައި ތިން ކަމެއް ވަކި ތަރުތީބަކުން ފުރިހަމަ ވެގެން ނޫނީ ވެރިކަމުގެ ނިޒާމު ބަދަލެއް ނުކުރެވޭނެ އެވެ.
ފުރަތަމަ ކަމަކީ ނިޒާމު ބަދަލު ކުރުމަށް ރައްޔިތުންގެ އާންމު ވޯޓަކަށް ގޮސް ރައްޔިތުންގެ އަޣުލަބިއްޔަތު ހޯދުމެވެ. އެއީ ގާނޫނީ ޝަރުތެކެވެ. އޭގެ ފަހުން ރިޔާސީ ނިޒާމަށް ފައްކާކޮށްފައި އޮތް މިހާރުގެ ފެހި ގާނޫނު އަސާސީގެ ބޮޑު ބައެއް އިސްލާހު ކުރަން ޖެހޭނެ އެވެ. އެއީ ބަރުލަމާނީ ސިފަތައް ގާނޫނު އަސާސީގައި ހިމެނުމަށެވެ. ތިންވަނަ ކަމަކަށް މިހާރު އޮތް ރައްޔިތުން މަޖިލީސް އުވާލާ އާ މަޖިލީހެއް އިންތިހާބު ކުރަން ޖެހޭނެ އެވެ.
އެހެންވީމަ 2023 ގެ ރިޔާސީ އިންތިހާބު ކެންސަލްކޮށް އެ އަހަރުގެ ފެބްރުއަރީގައި ވެރިކަމުގެ ނިޒާމު ބަދަލުކޮށް މަޖިލީހުން ކަނޑައަޅާ ރައީސަކާއެކު 2024 ގެ އާންމު އިންތިހާބަށް ދިއުމަށް ގާނޫނު އަސާސީ ތަނެއް ނުދެއެވެ. އެއީ ކިތަންމެ ފުޅާ މެޖޯރިޓީއެއް އޮތް ނަމަވެސް ކުރެވޭނެ ކަމެއް ނޫނެވެ.