ސިޔާސީ ގޮތުން ކޮންމެ ގޮތެއް ހަދައިގެން ވިޔަސް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވެ ވަޑައިގަންނަވަނީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅައިލައްވާށެވެ؛ އެއީ ވެރިކަން ހިންގުމުގެ ބާރު، އެގެޒެކެޓިވް ޕަވާގެ ތެރެއިން އެއްފަރާތްވެ ހުންނަން އުނދަގޫވެ ވަޑައިގަންނަވާތީ އެ ބާރުގެ ތެރެއަށް ވަދެ ވަޑައިގަތުމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަ އެންމެ ކުރު އަދި ފަސޭ މަގެވެ. އަދި އެ މަނިކުފާނު ވެރިކަމުން އިސްތިއުފާ ދެއްވި ފަހުން އެ ފުރުސަތު ލިބި ވަޑައި ނުގެން އަހަރުތައް ވެސް މާ ގިނަ ވަނީ އެވެ.
ބަރުލަމާނީގެ އެ ވާހަކަފުޅު ތަކުރާރުކޮށް އެތައް ފަހަރަކު އެތައް ގޮތަކަށް ދެއްކެވުމަށްފަހު އެމަނިކުފާނު ވަނީ އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރަސްމީކޮށް ހުށައަޅުއްވާފަ އެވެ. މިދިއަ އާދީއްތަ ދުވަހުގެ އިރުއޮއްސި ހަ ގަޑި ހަތަރު މިނެޓްގައި ރައީސް ސޯލިހަށް ރައީސް ނަޝީދު ފޮނުއްވެވި މެސެޖް މެދުވެރިކޮށް ސަރުކާރު ހިންގެވުމުގެ ތެރެއިން ޖާގަ ބޭނުންފުޅުވާ ކަމަށް ވަރަށް ސާފުކޮށް ދެންނެވި އެވެ. ރާއްޖޭގެ ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރައްވާ ވެރިކަމުގެ ނިޒާމު ފުރޮޅައިލުމުގެ ބަހުސް އެކުވެރި ދެ ވެރިން އެކުވެ ފެއްޓެވުމަށް ދައުވަތެއް ދެއްވި އެވެ.
ދެން އެދިވަޑައިގެންނެވީ 2023 ގެ ރިޔާސީ އިންތިހާބުގެ ވާހަކަ ހުއްޓަވާލައްވާށެވެ. އެ އިންތިހާބު ކެންސަލް ކުރައްވާ 2024 ގެ މަޖިލީސް އިންތިހާބާއެކު ބަރުލަމާނީގެ ދަތުރު ރަސްމީކޮށް ފެއްޓެވުމަށެވެ. ރައީސް ނަޝީދު ވަނީ ބަރުލަމާނީއަކަށް ރާއްޖެ ފުރޮޅާލުން އެންމެ ރަނގަޅީ ނުވަތަ އެކަން ކުރައްވަން އެމަނިކުފާނު ބޭނުންފުޅުވެވަޑައިގަންނަ ވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އެ މުއްދަތުން ފެށިގެން 2024 ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިހާބާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު މަޖިލީހުން ކަނޑައެޅުއްވުމަށް ވެސް ހިޔާލު ދެއްވަ އެވެ.
ރައީސް ނަޝީދުގެ އެ މެސެޖް މަދު ގަޑިއިރުތަކެއްގެ ތެރޭގައި މީޑިއާއަށް ފޯރި އެވެ. އެ މެސެޖް އެމަނިކުފާނު ކުރައްވާފައިވަނީ ރައީސް ސޯލިހާއި، އެމަނިކުފާނު އިތުބާރު ކުރައްވާ މަދު ވަޒީރުންކޮޅަކަށާއި ބައެއް މަޖިލިސް މެންބަރުންނަށެވެ. ބޭނުމަކީ އެ މަސެޖް ބޭރުކޮށްލުމެވެ. ބޭނުންފުޅުވެ ވަޑައިގެންނެވި ގޮތަށް ކޮންމެވެސް ގޮތަކުން އެ މެސެޖް އާންމުވި އެވެ. ނުވަތަ ގަސްތުގައި އާންމު ކުރެއްވީއެވެ.
ބަހުސަކީ އެއީއެއް ނޫނެވެ. ބަހުސް ފެށޭ ހިސާބަކީ ރައީސް ނަޝީދު މިހާ ފާޅުގައި އެކަމަށް އެދިވަޑައިގެންނެވި އެދިވަޑައިގެންނެވުމެވެ. މީގެ ކުރިން ކިތަންމެ ފަހަރަކު ބަރުލަމާނީގެ މޮޅު ވާހަކަ، އެ ނިޒާމު ރާއްޖެއަށް ގެނައުމުގެ ވާހަކަ ދެއްކެވި ނަމަވެސް ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން މިހާ ސާފުކޮށް ފާޅު ކުރައްވާފައެއް ނުވެއެވެ. މުޅީން ވެސް ގެންދެވީ ދުރުދުރުންނެވެ.
ރައީސް ނަޝީދުގެ މި އެދިވަޑައިގަތުމާއެކު ސިޔާސީ މައިދާންގައި ހުޅުރޯވި ފަދަ އެވެ. އެމަނިކުފާނުގެ ވާދަވެރިންނާ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އިސް ބޭފުޅުން ރައްދު ދެއްވަން ފެއްޓެވިއެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެގެން ދިޔައީ ބާރުވެރި މަގާމެއް ހޯއްދެވުމަށް އެމަނިކުފާނު ޝައުގުވެރިވެވަޑައިގަންނަވާ ކަން ހާމަކުރެއްވުމުންނެވެ. ވެރިކަމާއި ބާރު ހޯއްދެވުމަށް މަަސައްކަތް ނުކުރައްވާ ކަމަށް އެމަނިކުފާނު ކުރީން ވިދާޅުވި ވިދާޅުވުމާ ދިމާ އިދިކޮޅަށް ބަސްމަގު ގެންގުޅުއްވުމެވެ.
ރައީސް ނަޝީދުގެ އެ މެސެޖަށް ރައީސް ސޯލިހް ވަނީ މިހާރު ޖަވާބެއް ދެއްވާފަ އެވެ. ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް މެދުވެރި ކުރައްވާ ފޮނުއްވެވި ކުރު މެސެޖެއްގައި ވިދާޅުވި ގޮތުގައި ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ގުޅޭ ގޮތުން ރައީސް ނަޝީދު ކުރެއްވި މެސެޖެއް ރައީސަށް ލިބިވަޑައިގަތެވެ. ނަމަވެސް އެ މެސެޖްގައި އެދިވަޑައިގެންފައިވާ ގޮތަށް ކަންކަން ނުކުރެއްވޭނެ އެވެ.
"މިހާރު އަމަލު ކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އަމަލު ކުރުމަށް ނިންމާފައިވާ ގޮތެއް ކަމަށްވާތީ މިކަމަށް ބަދަލެއް ގެނެވޭނީސް އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ،" މަބުރޫކްގެ މެސެޖްގައި ވިދާޅުވެފައި ވެއެވެ.
ރައީސް ސޯލިހްގެ ޖަވާބަށް ރައީސް ނަޝީދު ވެސް ރައްދު ދެއްވެވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި "ނިޒާމު ބަދަލު ކުރެއްވޭނީ ޝައްކެއް ނެތް ގޮތުގައިވެސް ރައްޔިތުންގެ ވޯޓަކުން" ނެވެ. އަދި އެމަނިކުފާނު ފޮނުއްވި މެސެޖްގައިވާ ވާހަކަތައް އިތުރަށް ސާފު ކޮށްދެއްވިއެވެ. އެގޮތުން ނިޒާމު ބަދަލު ކުރުމުގެ ކޮންމެ މަޝްވަރާއަކީ އަދި ކޮންމެ މަސައްކަތަކީ ފެންނަ ނުފެންނަ ވޯޓާ ގުޅޭ ކަންކަމޭ ވިދާޅުވެފައި ވެއެވެ.
"ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމީ ޝައްކެއް ނެތް ކަމެއް. ނިޒާމު ބަދަލު ކުރުމުގެ އެންމެ މަޝްވަރާއަކީ އަދި ކޮންމެ މަސައްކަތަކީ ފެންނަ ނުފެންނަ ވޯޓާ ގުޅޭ ކަންކަން،" ރައީސް ސޯލިހަށް އަމާޒު ކުރައްވާ ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ކުރީގެ ރައީސުންގެ ފާޑުވިދާޅުވުން
ރައީސް ނަޝީދުގެ ހުށައެޅުއްވުމާއި އެންމެ ބޮޑަށް ދެކޮޅު ހެއްދެވި ބޭފުޅުންގެ ތެރޭގައި ކުރީގެ ދެ ރައީސުން ހިމެނިވަޑައިގަންނަ އެވެ. އެއީ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.
ސަރުކާރު ކޯލިޝަންގައި ހިއްސާވެސް އޮތް ރައީސް މައުމޫން ވިދާޅުވި ގޮތުގައި ރާއްޖޭގައި ހިނގަމުންދާ ރިޔާސީ ނިޒާމަކީ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ނިންމާފައިވާ ނިޒާމެކެވެ. އެހެން އޮއްވައި އެ ނިޒާމު އިރުއިރުކޮޅާ ބަދަލެއް ނުކުރެވޭނެ އެވެ.
"ރާއްޖޭގައި ހިނގަމުން މިދާ ރިޔާސީ ނިޒާމަކީ ދިވެހި ރައްޔިތުންގެ ބޮޑު އަގްލަބިއްޔަތަކުން ނިންމާފައިވާ ނިޒާމެއް. ވެރިކަމުގެ ނިޒާމު އިރުއިރު ކޮޅަކުން ބަދަލެއް ނުކުރެވޭނެ،" މައުމޫން ވިދާޅުވިއެވެ.
ނަޝީދުގެ މެސެޖް ރައީސް ވަހީދު ސިފަ ކުރެއްވީ ވެރިކަމަށް އަލުން ވަޑައިގަތުމަށް ނަޝީދު ކުރައްވާ މަސައްކަތެއްގެ ގޮތުގަ އެވެ. ނަޝީދުގެ މެސެޖްގައި ވެސް އެކަން ސާފުކޮށް ވިދާޅުވެފައި ވެއެވެ. ހަވާސާވެފައި ހުންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ. އެހެން ކަމުން ވަހީދު ވިދާޅުވި ގޮތުގައި ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭނީ ވަކި ބޭފުޅަކު ވެރިކަމުގެ ހަވާސާގައި ހުންނަވަން ޖެހިވަޑައިގަތުމުން ނޫނެވެ.
"[ވެރިކަމުގެ ނިޒާމު ބަދަލުކުރަންވާނީ] އެ ބަދަލަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެނުނީ،" ނަޝީދުގެ ނާއިބަކަށް ވެސް ހުންނެވި ވަހީދު ވިދާޅުވިއެވެ.
ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ވަނީ ބަރުލަމާނީއާ ދެކޮޅު ކަން ހާމަކޮށްފަ އެވެ.
ގާސިމް ވިދާޅުވި ގޮތުގަައި ބަރުލަމާނީ ނިޒާމުން ރާއްޖެއަށް އޮތް ފައިދާއެއް ނެތެވެ. ބާރުގަދަ ބޮޑުވަޒީރަކާއެކު ކޮރަޕްޝަނާ ފަސާދަވާނީ އިތުރެވެ. ރައްޔިތުންގެ ބާރު ކެނޑި ރައްޔިތުނަށް ބަސް ބުނަން އޮތް ވަރުގަދަ ފުުރުސަތު ގެއްލިގެން ދާނެ އެވެ. ގައުމުގެ ހުރިހާ ކަމެއް ނިންމާނީ މަދު ވޯޓް ކޮޅަކުން ދާއިރާއެއްގެ އިންތިހާބު ކާމިޔާބު ކުރާ މެންބަރެކެވެ.
ގާސިމްގެ ނަޒަރުގައި ބަރުލަމާނީއަށް ގައުމު ފޮރުޅާލަން ނަޝީދު ކުރައްވާ މަސައްކަތްޕުޅުގައި އޮތީ އަމިއްލަ އެދުން އެކަންޏެވެ. ބޭނުމަކީ މަޖިލީހަށް ހުރިހާ ބާރެއް ނަގާ އެކެއްގެ އަތްމަތީގައި ބާރުތައް ބޭއްވުމެވެ. މި މޭރުމުން ގާސިމް ވަނީ ސަރުކާރުގެ އިސްވެރިން ތިއްބަވާ ވަޓްއަޕް ގްރޫޕަކަށް މެސެޖެއް ފޮނުއްވާފަ އެވެ.
އިމްރާންވެސް ވަނީ ބަރުލަމާނީއަށް ފުރޮޅާން ނަަޝީދު ފެއްޓެވި މަސައްކަތާ ދެކޮޅުކަން ޓްވީޓަކުން ހާމަ ކުރައްވާފަ އެވެ. އެކަމަކު ބިރުން އުޅުއްވާ ގޮތަށް ވަރަށް ލުއިކޮށެވެ. ވިދާޅުވާން ކެރިވަޑައިގެންނެވީ ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުވާނީ އަމިއްލަ މަސްލަހަތަށް ވުރެ ގައުމީ މަސްލަހަތު އިސްކޮށްގެނެވެ.
ސިޔާސީ ވަރަށް ގިނަ ބޭފުޅުން ވަނީ ރައީސް ނަޝީދުގެ ހުށައެޅުއްވުމާއި ފާޅުގައި ދެކޮޅު ހައްދަވަ އެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވި ގޮތުގައި ގައުމީ މަސްލަހަތު ދޫކޮށް ވަކި މީހެއްގެ ޝާނާއި ޝައުކަތަށްޓަކައި ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަކީ އެބައެއްގެ ހިތުގައި ގައުމާ މެދު އެއްވެސް ފަރުވާލެއް ނެތްކަމުގެ ހެއްކެކެވެ. އަދި އެކަމުން ހާމަވަނީ ޒާތީ އެދުމުގައި ހައްދު ފަހަނަޅާފައިވާ މިންވަރެވެ.
ގައުމީ މަސްލަހަތު ދޫކޮށް ވަކި މީހެއްގެ ޝާނާއި ޝައުކަތަށްޓަކައި ވެރިކަމުގެ ނިޒާމް ބަދަލުކުރުމަކީ އެބައެއްގެ ހިތުގައި ގައުމާ މެދު އެއްވެސް ފަރުވާލެއް ނެތްކަމާއި ޒާތީ އެދުމުގައި ހައްދު ފަހަނަޅާފައިވާ މިންވަރު ހާމަވާ ކަމެއް. މީ ރަސްކަމުން ޖުމްހޫރިއްޔަތަށް ބަދަލްވި ދުވަސްވަރެއް ނޫންއަމީން އިބްރާހިމް | ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރަކަށް ހުންނެވި އަހުމަދު ސަމީރު ވެސް ވަނީ ރައީސް ނަޝީދުގެ އެ ހުށައެޅުއްވުމަށް ނުސީދާކޮށް ރައްދެއް ދެއްވާފަ އެވެ. ވެރިކަން ދެއްވުމާއި ވެރިކަން ވަކި ކުރެއްވުން ވަނީ މާތްﷲ ގެ ހަޒްރަތުގައި ކަމަށް އަންގަވާ އެކަނލާން ވަހީ ކުރެއްވި ބަސްފުޅަކާއެކު ސަމީރު ކުރެއްވި ޓްވީޓެއްގައި ރައްޔިތުންގެ ނިންމުން އޮންނަން ޖެހެ އެވެ. ވެރިކަމުގެ ބާރުވެސް އަދި އެ ނޫން ބާރުތައް ދެއްވަނީ ކަލާންގެ އިރާދަކުރައްވާ މީހަކަށެވެ.
ނަޝީދުގެ ހުށައެޅުއްވުން މުޅީން ގޯސް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބައެއް ބޭފުޅުންނާއި ގާނޫނީ ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ އެންމެ ކުރު މަގަކުން ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާށެވެ. ނަމަވެސް އެއީ ރާއްޖޭގެ ނިޒާމު ހަމަޖެހިފައިވާ ގޮތެއް ނޫނެވެ. ވެރިކަން އޮވެ މަޖިލީސް ހިތަކަށް ލިބުނު ނަމަވެސް. ގާނޫނުގެ ބާރު ހިނގާ މި ރާއްޖޭގައި ބޭނުންހާ ގޮތެއް ނުހެދޭނެ އެވެ.
ނިޒާމު ބަދަލު ކުރާނަމަ އެކަން ހުށައަޅުއްވަން ޖެހިވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާއަކަށް ނޫނެވެ. އެކަން ދާން ޖެހެނީ އެ ސުވާލަކަށް ޖަވާބު ދޭން ތިބީ ރައްޔިތުންނެވެ. އަދި އޭގެ ކުރީން ކިތަންމެ ކިތަންމެ ކަމެއް ކުރާން ޖެހެ އެވެ. ސަރުކާރު އުވާލުމުގެ ކުރީން އުވާލަން ޖެެހެނީ ރައީސް ނަޝީދު ރިޔާސަތު ބަލަހައްޓަވާ މަޖިލީހެވެ. ދެމި އޮތް މަޖިލީހަކަށް އެ މަޖިލީހަށް ނިސްބަތްކޮށް ނުނިންމޭނެ ކަންކަން ހުންނާނެ އެވެ. ތަހުޒީބު މުޖްތަމައުތަކުގައި ނުކުރާ އަދި ގަބޫލު ނުކުރާނެ ކަންކަން ހުންނާނެ އެވެ. ނަމަވެސް މިފަހަރު ނަޝީދު މަަސައްކަތް ކުރެއްވީ އެ ހުރިހާ ކަމެއް ރޫޅާލެއްވުމަށެވެ.
ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސައީދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ކުރީން ތަރުތީބުވާން ޖެހޭ ކަންކަން ތަފްސީލު ކޮށްދެއްވާފަ އެވެ. އެކަމަނާ ވިދާޅުވި ގޮތުގައި ތިން ކަމެއް ވަކި ތަރުތީބަކުން ފުރިހަމަ ވެގެން ނޫނީ ވެރިކަމުގެ ނިޒާމު ބަދަލެއް ނުކުރެވޭނެ އެވެ.
ފުރަތަމަ ކަމަކީ ނިޒާމު ބަދަލު ކުރުމަށް ރައްޔިތުންގެ އާންމު ވޯޓަކަށް ގޮސް ރައްޔިތުންގެ އަޣުލަބިއްޔަތު ހޯދުމެވެ. އެއީ ގާނޫނީ ޝަރުތެކެވެ. އޭގެ ފަހުން ރިޔާސީ ނިޒާމަށް ފައްކާކޮށްފައި އޮތް މިހާރުގެ ފެހި ގާނޫނު އަސާސީގެ ބޮޑު ބައެއް އިސްލާހު ކުރަން ޖެހޭނެ އެވެ. އެއީ ބަރުލަމާނީ ސިފަތައް ގާނޫނު އަސާސީގައި ހިމެނުމަށެވެ. ތިންވަނަ ކަމަކަށް މިހާރު އޮތް ރައްޔިތުން މަޖިލީސް އުވާލާ އާ މަޖިލީހެއް އިންތިހާބު ކުރަން ޖެހޭނެ އެވެ.
އެހެންވީމަ 2023 ގެ ރިޔާސީ އިންތިހާބު ކެންސަލްކޮށް އެ އަހަރުގެ ފެބްރުއަރީގައި ވެރިކަމުގެ ނިޒާމު ބަދަލުކޮށް މަޖިލީހުން ކަނޑައަޅާ ރައީސަކާއެކު 2024 ގެ އާންމު އިންތިހާބަށް ދިއުމަށް ގާނޫނު އަސާސީ ތަނެއް ނުދެއެވެ. އެއީ ކިތަންމެ ފުޅާ މެޖޯރިޓީއެއް އޮތް ނަމަވެސް ކުރެވޭނެ ކަމެއް ނޫނެވެ.
ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެންބަރު އަދި ގާނޫނު އަސާސީ އެކުލަވާލި ކޮމެޓީގެ މުގައްރިރް އިބްރާހިމް އިސްމާއީލް ވެސް ވަނީ ނަޝީދުގެ ހުށައެޅުއްވުމަށް ވަނީ ރައްދެއް ދެއްވާފައެވެ. އޭނާވެސް ފުރަތަމަ ކަމަށް ފާހަގަ ކުރެއްވީ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރާނަމަ މިހާރު އޮތް މަޖިލީސް އުވާލާ އާ މަޖިލީހެެއް ހޮވަން ޖެހޭނެ ނުކުތާ އެވެ. މުޅި މަޖިލީހަށް ފާޑުވިދާޅުވެ އިބްރާ ވިދާޅުވި ގޮތުގައި މިހާރު މަޖިލީހުގައި ވަޒީރުކަން ހަވާލު ކުރެވޭނެވަރުގެ އެއްވެސް ބޭފުޅަކު ވެސް ނެތެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު މަޖިލީހުގައި ތިއްބެވި މެންބަރުންނަށް ރައްޔިތުން ދިން މެންޑޭޓަކީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ މެންޑޭޓެއް ނޫނެވެ. އަދި ވަކި ބޭފުޅަކު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރުމެއް ވެސް ނޫނެވެ.
"ހައިސިއްޔަތު އޮޅިގެން މިހާރު ތި އުޅުއްވަނީ. އަންނި [ރައީސް ނަޝީދު] މަޖިލީހުގައި އިންނެވީ އެންމެ ދާއިރާއެއް ތަމްސީލު ކުރަން،" ބަރުލަމާނީ އަކަށް ފުރޮޅާލަން ނަޝީދު ކުރައްވާ މަަސައްކަތްޕުޅަށް ފާޑުވިދާޅުވަމުން އިބްރާ ވިދާޅުވި އެވެ.
އެމްޑީޕީގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ބޮޑުވަޒީރު ކަމަށް ރަސްމީކޮށް ޝައުގުވެރިކަން ފާޅު ކުރައްވާ ނިޒާމު ބަދަލު ކުރުމުގެ ބަހުސް ރައީސް ސޯލިހާއެކު ކުރިއަށް ގެންދެވުމަށް ނަޝީދު ނިންމަވައިގެން ހުންނެވިތާ ކިތަންމެ ދުވަހެކެވެ. އެކަން ފަސްކޮށްލެވީ ކައުންސިލް އިންތިހާބު ނިމެންދެނެވެ. ނަމަވެސް ކުއްލި ގޮތަކަށް މެސެޖަކުން އެކަން ކުރެއްވީ ކައުންސިލް އިންތިހާބުގެ ބޮޑު ނާކާމިޔާއެކު ނިޒާމު ބަދަލު ކުރުން އަވަސް ކުރުން މުހިންމު ކަމަށް އެމަނިކުފާނަށް ފެނިވަޑައިގެނެވެ.
ރައީސް ސޯލިހް އެކަމާ ދެކޮޅު ހެއްދެވުމުން އޮތީ ސިޔާސީ މަސްރަހަށް ދެން އަންނާނެ ބަދަލުތައް ވަޒަންކޮށްލަން ކުޑަކުޑަ އިންތިޒާރެއް ކުރުމެވެ. ނަމަވެސް ސަރުކާރުގެ އިސްވެރިންނާއި ވަޒީރުންނާއި އަދި ކޯލިޝަންގެ ލީޑަރުން ރައީސް ނަޝީދުގެ ހުށައެޅުއްވުމަށް ފާޅުގައި ދެކޮޅު ހައްދަވާ ފާޑުވިދާޅުވުން މިއީ ނިޒާމުގެ ބަހުސް ހޫނުވާނެކަން ސާބިތުކޮށްދޭ ކަމެެކެވެ. އެ ބޭފުޅުން އެ ވާހަކަ ދެއްކެވީ ރައީސް ސޯލިހްގެ ބްލެސިން އޮވެ އެމަނިކުފާނު އެގޮތަށް އެދިވަޑައިގަންނަވާތީ އެވެ.
ދެން އޮތީ މިކަމުގައި ރައީސް ނަޝީދު އަމަލު ކުރައްވާނެ ގޮތެއް ބަލަން މަޑުކޮށްލުމުކެވެ. ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މެސެޖުން ރައީސް ސޯލިހްގެ ޖަވާބު ވަރަށް ސާފެވެ. އެމަނިކުފާނުގެ އެޖެންޑާގައި ނިޒާމު ބަދަލު ކުރުމުގެ ބަހުސެއް ނެތެވެ. އަދި އެ ބަހުސް ރައީސް ނަޝީދާއެކު ކުރިއަށް ގެންދާން ޖެހޭ ސަބަބެއް ވެސް ނެތެވެ. އެކަން އޮތީ ރައްޔިތުންގެ އަތް މަތީގައެވެ. ނިޒާމު ބަދަލުކުރާނަމަ ނުވަތަ ބަދަލު ކުރަން ނުޖެހޭނަމަ އެކަން ކުރާނީވެސް ރައްޔިތުންނެވެ.
ނަމަވެސް ރައީސް ސޯލިހްގެ މެސެޖަށް ރައްދު ދެއްވާ ރައީސް ނަޝީދު ކުރެއްވި ޓްވީޓުން ރައްޔިތުން ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން އެކަން ކުރަން އެމަނިކުފާނު ބޭނުންވާކަން އެނގެއެވެ. ރައީސާ މަޝްވަރާކޮށް އެއްބަސް ކުރުވަން ބޭނުންވަނީ ރައީސް ސޯލިހް ބަރުލަމާނީ އާބަސް ވިދާޅުވުމަށެވެ. އަދި ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމަނިކުފާނު ރުހުން ހޯއްދެވުމަށެވެ. ސުވާލަކީ ފެންނަ ނުފެންނަ ވޯޓަކަށްދާން ސަރުކާރާއި ރައީސް ސޯލިހަށް، ރައީސް ނަޝީދު ކިހާވަރަކަށް ޕްރެޝަރު ކުރާނެ ހެއްޔެވެ. އެ ޕްރެޝަރަށް ރައީސް ސޯލިހް ސިހިވަޑައިގެންފާނެ ބާވައެވެ. އަދި ނިޒާމު ފުރޮޅާލަން އެމަނިކުފާނު ބޭނުންފުޅުވޭ ހެއްޔެވެ. އެ ސުވާލުތަކަށް އަދި ޖަވާބު ލިބޭނެ އެވެ. ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތް އެވަނީ ސާފުކޮށް ވިދާޅުވެފައެވެ. އެކަން ކާމިޔާބު ކުރެެއްވުމަށް ނިޒާމު ބަދަލު ކުރުމުގެ ޑިމާންޑް ކުރައްވާނެ އެވެ. އެއީ ސާފު ކަމެކެވެ. އެ ނޫން މަގުމަގުވެސް އިހުތިޔާރު ކުރައްވާނެ އެވެ. އެކަންކަން ހުއްޓުވެން އޮތް ގޮތަކީ ރައީސް ސޯލިހް މި ދެ ސުވާލަށް ވަރަށް ސާފުކޮށް ޖަވާބު ދެއްވުމެވެ.