ރާއްޖޭގެ ވެރިކަމުގެ ނިޒާމް އިރުއިރުކޮޅާ ބަދަލު ނުކުރެވޭނެ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނި ވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ރާއްޖޭގެ ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ، ވެރިކަމުގެ ނިޒާމް ޕާލެމެންޓްރީ ސިސްޓަމަކަށް ބަދަލު ކުރަން އެދި ވަޑައިގަތުމާ ގުޅިގެންނެވެ.
ރައީސް މައުމޫނު މިއަދު ވިދާޅުވީ ރާއްޖޭގައި ހިނގަމުން މިދާ ރިޔާސީ ނިޒާމަކީ ރައްޔިތުނެގެ ބޮޑު އަޣުލަބިއްޔަތަކުން ނިންމާފައިވާ ނިޒާމެއް ކަމަށެވެ. އެހެންކަމުން އެ ނިޒާމު އިރުއިރުކޮޅާ ބަދަލު ނުކުރެވޭނެ ކަމަށެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މައްސަލައިގައި ރައީސް މައުމޫނު ވާހަކަފުޅު ދައްކަވާފައިވާއިރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ވަނީ ނިޒާމް ބަދަލު ކުރުމާ ދެކޮޅަށް ވާހާކަފުޅު ދައްކަވާފަ އެވެ. ރައީސް ވަހީދު ވިދާޅުވެފައި ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ވާނީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ރައްޔިތުންނަށް ފެނުމުން ކަމަށެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރެއްވުމަށްފަހު ބޮޑުވަޒީރު ކަން ބޭނުންވާ ކަމަށް ރައީސް ނަޝީދު، ރައީސް ސޯލިހަށް އެންގެވި ނަމަވެސް ރައީސް ސޯލިހް އެ މައްސަލައިގައި އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.