ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހުޅުމާލޭ މެޑިކަލް ފެސިލިޓީ

މެޑިކަލް ފެސިލިޓީގައި ތިބެންޖެހޭ އަދަދަށް ނަރުހުންނެއް ނެތް: މާރިޔާ

ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ނަރުހުން ތިބެންޖެހޭ ސްޓޭންޑެޑް އަދަދަށް ނަރުހުން ނެތް ކަމަށް އެ ފެސިލިޓީ ބެލެހެއްޓުމުގައި އިސްކޮށް ހުންނެވި ހުޅުމާލެ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސައީދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު ހަވީރު އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މާރިޔާ ވިދާޅުވީ މެޑިކަލް ފެސިލިޓީގައި 274 އެނދު ހުރިއިރު ބަލި މީހުންނާއެކު ފެސިލިޓީ ފުރިފައިވާ ކަމަށެވެ. ބަލި މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން މިވަގުތު އެ ފެސިލިޓީގައި ސްޓޭންޑެޑް އަދަދަށް ނަރުހުން ނެތް ކަމަށް ކަމަށް އެއްބަސްވެވަޑައިގެންނެވި އެވެ.

ފެސިލިޓީގައި ހުރި 274 އެނދުގެ ތެރޭގައި ޑައިލިސިސް މެޝިނާ އެކު ތައްޔާރުކޮށްފައިވާ ތިން އެނދުވެސް ހިމެނެ އެވެ. އެތަނުގަައި 34 ޑޮކްޓަރުން މަސައްކަތް ކުރަމުންދާއިރު 116 ނަރުހުން ދަނީ މަސައްކަތް ކުރަމުންނެވެ.

"ސްޓޭންޑެޑް ވަރަކަށް ވުރެ މަދުން ނަރުހުން މިތިބީ. ނަމަވެސް ކްރިޓިކަލް ފަރުވާ ދޭންޖެހޭ މީހުންނަށް ހާއްސަ އިސްކަމެއް ދެން،" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ބަލީގެ ހާލަތުން އެޓެންޑް ކުރަން ޖެހޭ ކޮންމެ ބަލި މީހަކަށްވެސް ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓަމުން ގެންދާ ކަމަށެވެ. އަދި ރާއްޖޭގައި ތިބި ސްޕެޝަނަލިސްޓުން ބަލި މީހުންނަށް ފަރުވާ ދިނުމަށް ގަވާއިދުން ޒިޔާރަތް ކުރަމުންދާ ކަމަށެވެ.

މެޑިކަލް ފެސިލިޓީގައި ސްޓޭންޑަޑް ރޭޝިއޯއަކަށް ނަރުހުންނެއް ނެތް. އެކަމަށް އަޅުގަނޑުމެން އެއްބަސްވަން. އެކަން ރަނގަޅު ކުރުމަށްޓަކައި މިނިސްޓްރީ އިފް ހެލްތްގެ ފަރާތުން އިތުރު ނަރުހުންނާއި ޑޮކްޓަރުން ހޯދަން ފެށި މަސައްކަތް ކާމިޔާބު. މި ސާޖުއައިރު އެ ތަނުގައި ތިބީ 19 ޑޮކްޓަރުން. މިހާރު އެބަތިބި 34 ޑޮކްޓަރުން
މާރިޔާ ސައީދު | ހުޅުމާލެ ހޮސްޕިޓަލްގެ ސީއީއޯ

މީގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލްވެސް މިހާރު ވަނީ ކޮވިޑްގެ ބަލި މީހުންނަށް ހާއްސަކޮށްފަ އެވެ. އެ ހޮސްޕިޓަލްގައި މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެނީ ހަމައެކަނި ކޮވިޑްގެ ބަލި މީހުންނަށެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ ނަރުހުންގެ ތެރެއިން 40 ޕަސެންޓް ނަރުހުން ހާއްސަކޮށްފައިވަނީ ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމާއި އެހީތެރިވެދިނުމަށެވެ. އަދި އެހެން ނަރުހުން މެޑިކަލް ފެސިލިޓީގައިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން ނާސިން މެޑިކަލް ސްޓޫޑެންޓުންގެ އެހީތެރިކަން އޮޕަރޭޝަނަށް ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ. އެކަމުގެ ސަބަބުން އިތުުރު ފަސޭހަތަކެއް ލިބިގެންދާ ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާއިރު އެ ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. މި މަހު އެކަނިވެސް 53 މީހަކު ވަނީ މަރުވެފަ އެވެ. ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން 125 މީހަކު ވަނީ މަރުވެފަ އެވެ.