އޮޑިޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އޮޑިޓާ ޖެނަރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހަސަން ޒިޔަތުގެ ނަން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓްގައި ހިމެނުމާ ގުޅިގެން ޒިޔަތު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ޒިޔަތު އިސްތިއުފާ ދެއްވީ މިމަހުގެ 12 ވަނަ ދުވަހު އެވެ.
ރައީސް އޮފީހުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އޮޑިޓާ ޖެނަރަލްގެ މަގާމަށް ކުރިމަތިލެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން ކަމާ ގުޅޭ ލިޔުންތައް އެ އޮފީހަށް ހުށަހަޅާނީ ކުރިއަށް އޮތް ޖޫން 6 އަދި 7 ވަނަ ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 12:30 އަށް ކަމަށެވެ.
އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މުސްލިމު ދިވެހި ރައްޔިތެއް ކަމުގައިވުމާއި، އުމުރުން 35 އަހަރުވެ 65 އަހަރު ވެފައި ނުވާ މީހަކު ކަމުގައިވުމާއި، ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން ހިމެނެ އެވެ.
މީގެއިތުރުން އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، އޮޑިޓާ ޖެނެރަލްގެ މަގާމުގެ އިތުރުން އެހެން އެއްވެސް މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން ނުވަތަ އެހެން އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުންވެސް ހިމެނެ އެވެ. އަދި ދައުލަތުގެ ނުވަތަ ދައުލަތް ބައިވެރިވާ ކުންފުންޏެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއްގައި ހިއްސާއެއް އޮތް މީހަކު ކަމުގައި ވެގެން ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.
މީގެއިތުރުން އެމީހަކީ އޮޑިޓާ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތައުލީމާއި ގާބިލުކަން ހުރި މީހަކަށް ވާން ޖެހެ އެވެ. އެގޮތުން އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓަންޓްސް (އައިފެކް) އިން ގަބޫލުކުރާ އެކައުންޓިން ޖަމާއަތެއްގެ މެންބަރެއް ކަމުގައިވުމާއި، އެކައުންޓިންގެ ދާއިރާގައި ރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކަށްވެސް ވާން ޖެހެ އެވެ.