ރާއްޖޭގައި ހަލުއި ކަމާއެކު ކޮވިޑް-19 ރޯގާ ފެތުރިގެން ގޮސް ސިއްހީ ދާއިރާއަށް ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފަ އެވެ. ބައްޔަށް ފަރުވާާ ދިނުމުގައި ހުރި ގޮންޖެހުމުގެ އިތުރުން ސީދާ ބައްޔާއި ނުގުޅޭ އެތައް ކަމެއް ލައިގަނެ ހުރިހާ ދިމާއަކުން ހުރިހާ ކަމަކަށް ވަނީ ނުރަނގަޅު އަސަރުތައް ކޮށްފަ އެވެ.
ސަރުކާރުން ކޮވިޑް-19 ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް މިދިއަ އޭޕްރީލް މަހު ލުއި ކުރުމާއެކު ކުއްލިއަށް ހަލުއި މިނުގައި ކޮވިޑް ބަލިވަނީ ރާއްޖޭގެ ހުރިހާ ބިތަކަށް ފެތުރިގެންފަ އެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ހުސްވާން މިދާ މޭ މަހަކީ އެ ބައްޔަށް ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެ އަދި ރިކޯޑް އަދަދަކަށް ބަލީގައި ރާއްޖެއިން މީހުން މަރުވިވެސް މަހަށް ވެފައި ވެ އެވެ.
އާއިލީ ގޮތުން ވާރުތަ ކުރާ ޑިސްއޯޑާ ތަކުގެ ތެރެއިން ރާއްޖޭގައި އެންމެ އާއްމީ ތެލެސީމިއާ އެވެ. އެ ބަލީގައި ލޭ އަޅާ ކުދިން ގިނަ އިރު އަދި ބޮޑެތި އެކި އެކި ބައްޔަށް ފަރުވާ ހޯދާ މީހުނަށް ބޭނުންވާ ލޭ ހޯދަން ކޮވިޑް-19 އިގެ މި ހާލަތުގައި މީހުނަށް ވަނީ ބޮޑެތި އުނދަގޫތަކާއި ކުރިމަތިވެފަ އެވެ.
މޯލްޑިވިއަން ބްލަޑް ސާވިސްގެ ތަފާސް ހިސާބަށް ބަލާއިރު އެ ސާވިސްގައި ރެޖިސްޓަރީ ކޮށްފައިވާ އަދި ދުނިޔޭގައި ތިބި ތެލެސީމިއާ މީހުންގެ ޖުމްލައަކީ 633 އެވެ. މާލޭ ސަރަހައްދުގައި 312 ތެލޭސިމިއާ ޕޭޝަންޓުން ތިބިއިރު އަތޮޅުތަކުގެ ތެރޭގައި 321 ޕޭޝަންޓުން އެބަ ތިއްބެވެ. އެ ފަރާތްތަކަކީ ކޮންމެ ދެ ހަފުތާ އަކާއި ހަތަރު ހަފުތާއާ ދެމެދު ލޭ އަޅަންޖެހޭ މީހުނެވެ. މީގެ ތެރޭގައި ތިން މަހާއި 56 އަހަރު ދެމެދުގެ އުމުރު ފުރައިގެ ކުދިންނާއި މީހުން އެބަތިއްބެވެ. އަދި ބްލަޑް ސާވިސްގެ ބްލަޑް ރިކުއާމަންޓަށް ބަލާއިރު ހަފުތާއަކު 160 ޔުނިޓް ލޭ ބޭނުން ވެއެވެ.
އެއް އިންސާނަކު އަނެއް އިންސާނަކަަށް ދެވޭނެ އެންމެ ދީލަތި ސަދަގާތަކީ އޭނާގެ ހަށިގަނޑުގެ ނާރު ތަކުގައި ދައުުރު ކުރާ ލޭ އެހެން މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް ދިނުމެވެ. އަދި ދާއިމީ ގޮތެއްގައި އެ ދީލަތި އެހީ އިންސާނިއްޔަތަށްޓަކައި އަދާ ކުރާ ބަޔަކު ވެސް އެބަތިއްބެވެ. ކޮންމެ ތިން މަހަކުން އެއް މަހު ގަވާއިދުން ލޭ ހަދިޔާ ކުރާ ބަޔަކު ވެސް އުޅެ އެވެ.
މޯލްޑިވިއަން ބްލަޑް ޑޯނާސް އަކީ ލޭ ހޯދަން ބޭނުންވާ ފަރާތްތަކާއި ލޭ ހަދިޔާ ކުރާ ފަރާތްތައް ގުޅުވާލާ މެދުވެރި އެކެވެ. ކޮންމެ ދުވަހަކު ވެސް ތެލެސީމިއާ ސެންޓަރު އަދި އައިޖީއެމްއެޗް އޭޑީކޭ އަދި ހުޅުމާލެ ހޮސްޕިޓަލްގައި އެތައް ބަޔަކު ލޭ ހޯދުމަށް މަސައްކަތް ކުރާ އިރު އެ ޖަމިއްޔާއިން އަތްފުނާ އަޅައި ޑޯނަރުން ހޯދައި ދެއެވެ.
"އެވެރޭޖްކޮށް ތެެލެސީމިއާ ސެންޓަރަށް ދުވާލެއްގެ މައްޗަށް 16 އާއި 30 ދެމެދު އަދަދަކަށް ޑޯނަރުން ހޯދަން ޖެހޭ. އައިޖީއެމްއެޗް އަށް ގާތްގަނޑަކަށް 30 ޑޯނަރުން ހޯދަން ޖެހޭ އިރު އޭޑީކޭ ހޮސްޕިޓަލަށް 10 ނުވަތަ 15 ޑޯނަރުން ހޯދަން ޖެހޭ. ހުޅުމާލޭ އަދި ޓްރީޓޮޕް ހޮސްޕިޓަލަށް އެވެރޭޖްކޮށް ފަހެއް ނުވަތަ 10 ޑޯނަރުން ހޯދަން ޖެހޭ،" އެ ޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވި އެވެ.
ކޮވިޑް-19 އިގެ މި ހާލަތުގައި ބްލަޑް ބޭންކްތަކުގެ ލޭ ވެސް މަދުވެފައިވާ ދަނޑިވަޅެކެވެ. މޯލްޑިވިއަން ބްލަޑް ސާވިސް އިން ވެސް އެ މައުލޫމާތު އެ ގޮތަށް ކަށަވަރިކޮށް ދެއެވެ. އޮފިޝަލަކު ވިދާޅުވި ގޮތުގައި އަބަދު ވެސް ލޭ ހަދިޔާ ކުރަން މީހުން މިހާރު ވެސް އެކަމަށް ބޭނުން ވެއެވެ. އެހެން ނަމަވެސް މި ހާލަތުގައި މާ ބޮޑަށް ގިނަ މީހުން ވަނީ ލެއަށް ބޭނުން ވެފަ އެވެ.
"މާލޭގައި އަދި އަތޮޅުތަކުގައި ކޮވިޑް-19 އިގެ ކޭސްތައް އިތުރުވެފައިވާތީ ލޭ ހޯދަން ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި. އެންމެ ފުރަތަމަ ކަމަކަށް ގަވާއިދުން ލޭ ހަދިޔާ ކުރާ ވަރަށް ގިނަ ފަރާތްތަކެއް މިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި. ނުވަތަ ޑައިރެކްޓް ކޮންޓެކްޓުންނަށް ވެ ކަރަންޓީނު ކުރަން ޖެހިފައި،"
ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުނަށް އެންމެ އަވަހަށް ލޭ ހަދިޔާ ކުރެވޭނީ ބަލި ފަސޭހަ ވާ ތާ 28 ދުވަހުންނެވެ، އަދި ޑައިރެކްޓް ކޮންޓެކްޓްވާ ފަރާތްތަކަށް ލޭ ހަދިޔާ ކުރެވޭނީ 14 ދުވަސް ފަހުން ނެގެޓިވް ނަތީޖާއެއް ލިބިގެނެވެ.
ރާއްޖޭގައި އަބަދުވެސް ނެގެޓިވް ގުރޫޕްތަކުގެ ޑޯނަރުން މަދެވެ. އަދި އެ ގުރޫޕްތައް ލިބުން ދަތިވެ އެވެ. ބްލަޑް ޑޯނާސް އެންޖީއޯ އިންވެސް މިކަން ފާހަގަ ކުރެއެވެ: "ނެގެޓިވް ގުރޫޕްތަކަށް އަބަދުވެސް ޑޮނޭޓް ކުރާ މީހުން ލިބޭ ވަރު މަދު. އެކަމް މިދުވަސްކޮޅު ބީ ޕޮޒިޓިވް އަދި އޭބީ ޕޮޒިޓިވް ހޯދަން އުދަނގޫ"
ސޯޝަލް މީޑީއާގައި ވެސް މިދުވަސްވަރު ވަރަށް ގިނަ ފަރާތްތަކުން ލޭ ހޯދަން އަޑު އުފުލަ އެވެ. ޑޯނަރެއް ނުލިބިގެން މަސައްކަތް ކުރާ ތަން ގިނައިން ފެނެ އެވެ. ގިނަ ފަހަރަށް ހާލު ދެރަ ބަލި މީހަކަށް ނުވަތަ ބޮޑު އޮޕަރޭޝަނެއް ކުރުމަށް ތައްޔާރުވާ މީހަކަށް ބޭނުންވާ ލޭ ހޯދަން އާއިލާތަކުން މަސައްކަތް ކުރާތަން ފެނެ އެވެ.
ކޮވިޑް-19 އިގެ މި ހާލަތަކީ ބްލަޑް ބޭންކަށް ބޭނުންވާ ލޭ ހޯދަން ޑޮނޭޝާން ކޭމްޕް ބޭއްވޭ ހާލަތެއް ނޫން ކަމުގައިވާތީ އާއެކު ވަކި ވަކިން ފަރުދުންނަށް މި ދަނޑިވަޅުގައި އިންސާނިއްޔަތައްޓަކައި ލޭ ހަދިޔާ ކުރުމަކީ ކުުރެވިދާނެ މުހިއްމު އެއް ކަމެކެވެ.