ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ކޮވިޑުގެ މާލީ ގުރުބާނީ ނިމޭ ހިސާބަކީ ކޮބާ؟

ކޮވިޑް-19 ވެގެން ދަނީ ދުނިޔޭގެ ހުރިހާ ގައުމު ތަކަށް ވެސް މާލީ ގޮތުން ބޮޑު ގުރުބާނީ އަކަށެވެ. ބައެއް ގައުމުތަކުން މި ބަލި ފެނުމާއެކު އެކަމަށް ހާއްސަ ބަޖެޓުތައް ހާއްސަ ކުރި އެވެ. އަނެއްބައި ގައުމު ތަކުން ދުރާލާ މިފަދަ ކަމެއް ދިމާވެދާނެ ކަމަށް "ފޮރުވާފައި ހުންނަ" ސޮވްރިން ވެލްތް ފަންޑު ފޮށިތައް ހުޅުވާލި އެވެ. ނަމަވެސް ރާއްޖެވީ މިފަަދަ އެއްވެސް ފަންޑެއް ނެތް މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމަކަށެވެ. އެހެންވެ ޖެހުނީ މި ބަލިން ރައްކާތެރިވާން ލޯނު ނަގާށެވެ. އަދި ފައިސާ ޗާޕު ކޮށްގެން ނެރޭށެވެ. ބަލި ފެނުމާއެކު ފެންނަން ފެށި ހަގީގަތަކީ "ކޮވިޑް ސްޕެންޑިން" މަތިވަމުން ދިޔަ ތަނެވެ. މިދިޔަ އަހަރުގެ މާޗް މަހު ބަލި ފެނުމާއެކު ހަރަދުތައް މައްޗަށް ޖެއްސި އެވެ. އަދި މި ބަލިން ރައްކާތެރިވާން ވަސީލްތައް ގާއިމްކޮށް މީހުން ބިނާ ކުރި އެވެ. ނަތީޖާއަކަށްވީ މި ބައްޔާ ގުޅިގެން އިތުރު ހަރަދެއް ބަޖެޓުން ކުރަން ޖެހުމެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑަށް ކުރާ ހަރަދު މިވަނީ ހަތަރު ބިލިއަން ރުފިޔާ ފަހަނަ އަޅާފަ އެވެ. މި ބައްޔަށް ކުރާ ހަރަދު "ބުރަކި ޖެހޭނީ" ކިހާ ހިސާބަކުން ހެއްޔެވެ؟ ނޫނީ މި ހަރަދު ވާނީ ދާއިމީ ކަމަކަށް ހެއްޔެވެ؟ މި ހަރަދު ގޮސް ހުއްޓޭނެ ރޮނގަކީ ކޮބައި ހެއްޔެވެ؟

ރާއްޖޭގެ މާލީ ދާއިރާގެ ތަޖުރިބާކާރަކު ކޮވިޑުގެ ސްޕެންޑިން ރާއްޖޭގައި އޮތް ގޮތް ސިފަ ކުރެއްވީ ވައްކަމެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮވިޑްގެ ހަރަދަށް ހުއްޓުމެއް އަންނާނެ ކަމަށް ނުބެލެވެ އެވެ. އެއާ ހިލާފަށް ފެންނަނީ ޕަބްލިކް ފައިނޭންސް ވައްކަން ކުރަން ކޮވިޑްގެ އުޒުރު ބޭނުން ކުރާތަނެވެ.

"ތަފާތަކީ ކުރިން ކަނީ ސިސްޓަމްގެ ބޭރުން. މިހާރު ކަނީ ސިސްޓަމްގެ އެތެރެއިން،" އޭނާ ވިދާޅުވި އެވެ.

މިއީވެސް ވައްކަމެއްތަ؟

މާލީ ތަޖުރިބާކާރުން ކޮވިޑް ސްޕެންޑިންއަކީ "ވައްކަން" ނުވަތަ "ކާލުން" ކަމަށް ސިފަ ކުރަނީ ކީއް ވެގެން ހެއްޔެވެ؟ އަދި ކޮވިޑުގެ ބަލި އެންމެ ގަދައަށް ފެތުރުނު ދުވަސްވަރާ މިއަދާ އަޅާ ކިޔާނަމަ ކޮވިޑުގެ ހަރަދުގެ ފަރަގު ހުރީ ކިހާވަރެއްގައި ހެއްޔެވެ؟

ފެންނަނީ ޕަބްލިކް ފައިނޭންސް ވައްކަން ކުރަން ބޭނުން ކުރާތަން. ތަފާތަކީ ކުރިން ކަނީ ސިސްޓަމްގެ ބޭރުން. މިހާރު ކަނީ ސިސްޓަމްގެ އެތެރެއިން
އިގްތިސޯދީ މާހިރެއް

ހަރަދު އެންމެ ރަނގަޅަށް ފެންނަނީ ފިނޭންސް މިނިސްޓްރީން އާއްމު ކުރާ "ކޮވިޑް ސްޕެންޑިން" އިންނެވެ. ހަފުތާއަކު އެއް ފަހަރު ނެރޭ މި ރިޕޯޓު ފުރަތަމަ އާއްމު ކުރަން ފެށީ 30، އެޕްރީލް 2020 ގަ އެވެ. އެ ދުވަހު މި ހިސާބުތައް ދައްކާލިއިރު ހަރަދުވެފައި ވަނީ 665.4 މިލިއަން ރުފިޔާ އެވެ. ފުރަތަމަ ހަރަދުތައް އާއްމު ކުރިއިރު އިގްތިސޯދު ހިންގަން ސަރުކާރުން "އިކޮނޮމިކް ރިލީފް" އެއް އާއްމެއް ނުކުރެ އެވެ. ނަމަވެސް ޖޫން މަހުން ފެށިގެން ކޮވިޑް-19 އިކޮނޮމިކް ރިލީފް ހިމެނި އެވެ. މި ބައިގައި ހިމަނައިގެން ވަޒީފާއަށް އަސަރުކޮށް ވަޒީފާ ގެއްލުމުގެ މީހުންނަށް އިންކަމް ސްޕޯޓް އެލަވަންސް ދިނެވެ. އަދި ރިކަވަރީ ލޯން އާއި ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ދިނެވެ.

ކޮވިޑުގެ ސްޕެންޑިން ނުވަތަ ހަރަދުތައް ކުރަމުން ދިޔަ ގޮތަށް ބަލައި ހާވާލާއިރު މި ބަލީގެ ކުރީގައި މި ހަރަދު އާދަޔާ ހިލާފަށް މަތިކަން ފާހަގަވެ އެވެ. މީގެ މައިގަނޑު ސަބަބަކީ ބަލިން ރައްކާތެރިވާން ބޭނުންވާ ސާމާނު ކުއްލިއަކަށް ހޯދަން ޖެހުމެވެ. މެޑިކަލް ސާމާނާއި ބޭސް އަދި ވެންޓިލޭޓަރު ފަދަ ސާމާނު ހޯދަން ޖެހުނުއިރު ދުނިޔޭގައި މި ތަކެތި ވެފައިވަނީ "މާވަހަރަ" ށް ވުރެ އަގު ހުރި އެއްޗަކަށެވެ. މާވަހަރަށްވުރެ ދުނިޔެއަށް ބޭނުން އެއްޗަކަށެވެ. އެ ވަގުތަކީ މަޝްހޫރު "ވެންޓިލޭޓަރު" ވައްކަން ކުރި ވަގުތެވެ. ވެއްޓިލޭޓަރުތައް ގަންނަން ގިނަ އަދަދެއްގެ ފައިސާ ދީ ކޮވިޑުގެ "ބޮޑު ހިޔާނާތް" ހިންގީ އެ ވަގުތު އެވެ.

އިކޮނޮމީ ހިންގަން ދިން ބައެއް އެހީ
  • ކަރަންޓު ބިލް: 146.7 މިލިއަން ރުފިޔާގެ ޑިސްކައުންޓް
  • ފެން ބިލް: 26 މިލިއަން ރުފިޔާގެ ޑިސްކައުންޓް
  • އިންކަމް ސަޕޯޓް އެލަވަންސް: 421 މިލިއަން
  • އެސްޑީއެފްސީ ލޯނު: 362.3 މިލިއަން

ކޮވިޑުގެ ހަރަދު ރިޕޯޓުން ފެންނަ ގޮތުގައި އެންމެ ބޮޑު ހޭދައެއް މިހާތަނަށް ކުރަމުން ގޮސްފައިވަނީ ބޭނުންވާ ތަކެތި ހޯދާށެވެ. ކޮވިޑު ސްޕެންޑިން ރިޕޯޓް ފުރަތަމަ އާއްމުކުއިރު ތަކެތި ހޯދަން ކުރާ ހަރަދު ހުރީ 353.9 މިލިއަން ރުފިޔާގަ އެވެ. ނަމަވެސް މި އަދަދު ބަލާނަމަ މި ހަރަދު އެއް ބިލިއަން ރުފިޔާ ފަހަނަ އަޅައިފި އެވެ. އަދި ދައުލަތުގެ ވުޒާރާތަކަށް ބަލާނަމަ އެންމެ ބޮޑު
ހަރަދެއް މި ބަލީގެ ކުރީކޮޅު ކުރަމުން ގެންދަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިންނެވެ.

މި ތަނަނީ ހަރަދު ކުރުމުގައި ބޮޑެތި ގޯސްތަކެއް ހިންގި ކަމަށް އޮޑިޓަ ޖެނެރަލް ރިޕޯޓުގައި ފާހަގަ ކުރި ތަނެކެވެ. ކޮވިޑް ސްޕެންޑިން ރިޕޯޓް އާއްމު ކުރިއިރު އެންޑީއެމްއޭގެ ހަރަދު އުޅެނީ 387.3 މިލިއަންގަ އެވެ. ނަމަވެސް މިހާރު ހަރަދު ހުރީ 784.5 މިލިއަން ރުފިޔާގަ އެވެ. އަދި މިހާރު މި ބައްޔަށް އެންމެ ބޮޑު ހޭދައެއް ކުރާ އެއް ވުޒާރާއަކީ ހެލްތް މިނިސްޓްރީ އެވެ. އެ މިނިސްޓްރީން މި ލިސްޓުގެ ކުރިއަށް ޖެހިލިއިރު ހޭދަ އުޅެނީ 813.4 މިލިއަން ރުފިޔާގަ އެވެ.

މި ހަރަދުތައް ކުރަމުންދާ ގޮތަށް ބަލާނަމަ 30 އެޕްރީލް އިން ޑިސެމްބަރު މަހުގެ ނިޔަލަށް ހަފުތާއަކު 200 މިލިއަން ރުފިޔާ އާއި 500 މިލިއަން ރުފިޔާއާ ދެމެދުގެ ހޭދައެއް ކޮށްފައިވެ އެވެ. އަދި ވެކްސިން ހޯދަން މަސައްކަތް ކުރި ދުވަސްވަރު މި ހަރަދު ވަނީ މަތިވެފަ އެވެ. ނަމަވެސް މިހާރު މި ހަރަދު އުޅެނީ ހަފުތާއަކު ލައްކައެއްހާ ރުފިޔާގަ އެވެ. މި ހަރަދު ހުއްޓޭނެ ހެއްޔެވެ؟

ވަސީލްތަކާއެކު ބައެއް ހަރަދުތައް އިތުރުވޭ

ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ޝަރުވަޝް އަވަސް އަށް ވިދާޅުވި ގޮތުގައި ކޮވިޑްގެ ނަމްބަރު ދަަށްވުމާއެކު ބައެއް ހަރަދުތައް ކުރުން މަދުވެގެންދާނެ އެވެ. ނަމަވެސް މި ހަރަދުގެތެރޭގައި ކެޕޭސިޓީ އިތުރު ކުރުމުން ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ހުންނަކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ކޮވިޑްގެ ނަމްބަރު ދަަށްވުމުން ވޮލަންޓިއަރުން ނެގުން ފަދަ ހަރަދުތައް މަދު ވެގެންދޭ. އަނެއްކާ ކުރީކޮޅު ބޭރުން ކުއްލި ގޮތަކަށް އެއްޗެހިގެންނަން ޖެހޭ އެއްޗިހި ހޯދަން ޖެހުނީ އެހެންވެ އަގު ބޮޑު ވެގެން ދިޔަ. އެކަމަކު މިހާރު ދުރާލާ ޕްލޭން ކޮށްގެން ތަކެތި ހޯދުމަށް ވަގުތު ލިބޭ. އެހެންވެ ކޮވިޑް ސްޕެންޑިން އިން ފާހަގަވާނެ ހަރަދު ދަށްވާކަން. އެކަމަކު ހޮސްޕިޓަލް ބެޑް އިތުރުކޮށް ކެޕޭސިޓީ އިތުރުވުމާއެކު މުވައްޒަފުންވެސް އިތުރު ކުރަން ޖެހޭ. މިފަދަ ހަރަދު ތަކަކީ ކޮވިޑުގެ ނަމްބަރު ދަށްވީމަ ހުއްޓޭނެ ހަރަދުތަކެއް ނޫން،" ޝަރުވަޝް ވިދާޅުވި އެވެ.

ކޮވިޑްގެ ނަމްބަރު ދަަށްވުމުން ވޮލަންޓިއަރުން ނެގުން ފަދަ ހަރަދުތައް މަދު ވެގެންދޭ. އަނެއްކާ ކުރީކޮޅު ބޭރުން ކުއްލި ގޮތަކަށް އެއްޗެހިގެންނަން ޖެހޭ އެއްޗިހި ހޯދަން ޖެހުނީ އެހެންވެ އަގު ބޮޑު ވެގެން ދިޔަ. އެކަމަކު މިހާރު ދުރާލާ ޕްލޭންކޮށްގެން ތަކެތި ހޯދުމަށް ވަގުތު ލިބޭ
އަހުމަދު ޝަރުވަޝް | ޗީފް ފައިނޭޝަލް ބަޖެޓް އެގްޒެކެޓިވް

ކޮވިޑް-19 ގެ ހަރަދުތައް މަތިވުމާއި ދަށްވުމުގައި "ކޮވިޑް ނަމްބަރު" މުހިންމު ރޯލެއް އަދާކަން ހިސާބުތަކުން ދައްކަ އެވެ. އާއްމު މީހާއަށް ނޭނގުނު ނަމަވެސް ސްޕެންޑިން ރިޕޯޓުން ފެންނަ ގޮތުގައި ހަފުތާއަކު ކުރާ ހަރަދު އުޅެނީ ގާތްގަނޑަށް ލައްކައެއްހާ ރުފިޔާގަ އެވެ. މިއީ އެވްރެޖުކޮށް ބޮޑު ދަށްވުމެކެވެ. ކޮވިޑު ބަލީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ބައްޔަށް އެންމެ ފަހުން ޕޮޒިޓިވްވީ 110 މީހުންނެވެ. މި ބަލީގެ 1،192 އެކްޓިވް ކޭސް ރާއްޖޭގައި އެބަހުއްޓެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާނަމަ 3،898 ޓެސްޓް ކޮށްފައިވެ އެވެ.

ސިއްހީ މާހިރުން ގަބޫލު ކުރައްވާ ގޮތުގައި މި ބައްޔަށް ކުރާ ހަރަދުގެ ތެރެއިން ބަލި ދެނެގަންނަން ކުރާ ހަރަދު ހުއްޓާލެވޭނެ ކަމަށް ބުނެލެވެ އެވެ. ނަމަވެސް ބައެއް ގައުމުތަކުގައި ޓެސްޓް ކުރުމުގެ ތަފާތު އުކުޅުތައް ބޭނުން ކުރެ އެވެ. މީގެތެރޭގައި "އެންޓިޖެން ރެޕިޑް ޓެސްޓް" ހިމެނެ އެވެ. މި ޓެސްޓަކީ އަމިއްލަ އަށް ވެސް ކޮށްލެވޭ ޓެސްޓެކެވެ. ދުނިޔޭގެ ބާޒާރަށް ބަލާނަމަ މީގެ ކިޓެއްގެ
އަގު ހުރީ 50ރ. ގަ އެވެ. އަދި މި ޓެސްޓަކީ ސިންގަޕޫރާއި ދުބާއީ ފަދަ ގައުމުތަކުގައި ބޭނުން ކުރާ އެއްޗެކެވެ. ރާއްޖެއަށް އެންޓިޖެން ރެޕިޑް ޓެސްޓް ތައާރަފު ކުރެވިދާނެ ހެއްޔެވެ؟

ޓެސްޓިން ހަރަދު ދާއިމީ ކަމެއްތަ؟

ރާއްޖޭގައި ވޭތުވެދިޔަ ހަ މަސް ދުވަހަށް ބަލާއިރު ހަދަމުންދާ ޕީސީއާރު ޓެސްޓިން ކެޕޭސިޓީ ހުރީ 3،000 އާއި 5،000ރ. އާ ދެމެދުގަ އެވެ. މި ޓެސްޓަކީ ދުނިޔޭގައި މި ބަލި އޮތްހާ ދުވަހަކު ކުރަން މަޖުބޫރު ޓެސްޓް އެކެވެ. ސަބަބަކީ ދުނިޔޭގެ ބައެއް ގައުމު ތަކަށް ބޯޑަރު ހުޅުވާލުމުގައި އެއް ޝަރުތަކީ މި ބަލީގެ "ވޭރިއަންޓް" އެނގުމެވެ. މީގެ މިސާލަކީ އިނގިރޭސިވިލާތާއި އިޓަލީ ފަދަ ގައުމުތަކުގެ ފެހި ލިސްޓުގައި ރާއްޖެ ނުހިމެނި ލަސްވުމެވެ. ރާއްޖެއަށް އެ ގައުމުތަކުން މީހުން ނާދެވޭ އެއް ސަބަބަކީ ވޭރިއަންޓް ރިޕޯޓް ރާއްޖޭން ހެދެން ނެތުމެވެ.

ސިއްހީ މާހިރުން ގަބޫލު ކުރައްވާ ގޮތުގައި މާދުރު ނޫން ހިސާބެއްގައި ރާއްޖޭގައި ވެސް ތަފާތު ކޮވިޑު ޓެސްޓްތައް ގަބޫލު ކުރުން ގާތެވެ.

"އެކަމަކު ނުބެލެވޭ ޕީސީއާރު އެހާ އަވަހަށް އެއްކޮށް ހުއްޓޭނެ ކަމަކަށް. ދުނިޔެއަކުން ވެސް އެ ނިޝާނެއް ނެތް. ބްރީތިން އާއި އަމިއްލަ އަށް ހަދާ ސެލްފް ޓެސްޓް ދުނިޔޭގައި އެބަހުރި އެކަމަކު އެންމެ އިތުބާރުކޮށް އަދި ވެސް މި ބޭނުން ކުރަނީ ޕީސީއާރު،" ރާއްޖޭގެ ކްލިނިނެއްގެ ވެރިޔަކު ވިދާޅުވި އެވެ.

ޕީސީއާރު ޓެސްޓް އެހާ އަވަހަށް އެއްކޮށް ހުއްޓޭނެ ކަމަކަށް ނުބެލެވޭ. ދުނިޔެއަކުން ވެސް އެ ނިޝާނެއް ނެތް. ބްރީތިން އާއި އަމިއްލަ އަށް ހަދާ ސެލްފް ޓެސްޓް ދުނިޔޭގައި އެބަހުރި އެކަމަކު އެންމެ އިތުބާރުކޮށް އަދި ވެސް މި ބޭނުން ކުރަނީ ޕީސީއާރު
ސިއްހީ މާހިރެއް

މި ޓެސްޓަކީ ރާއްޖެއަށް މިވަގުތަށް މަޖުބޫރު އެއްޗެއް ކަމަށް ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭޝަލް ބަޖެޓް އެގްޒެކެޓިވް ޝަރުވަޝް ވިދާޅުވި އެވެ.

"ޕީސީއާރު ޓެސްޓުގެ އަގު ވެސް މިހާރު މިވަނީ ދަށްވެފަ. ފުރަތަމަ މި ޓެސްޓް ހެދެނީ 1،500ރ. ވަރަށް. މިހާރު 1،100ރ. އިން 750ރ. އަށް ވެއްޓިއްޖެ. ރާއްޖޭގައި ޓެސްޓް ކުރުމުގެ ކެޕޭސިޓީ ވަކި މިންވަރެއްގައި ހިފަހައްޓައި ވޭރިއަންޓް ޓެސްޓް ރިޕޯޓް ބޭނުންވޭ އިކޮނޮމީ ހިންގަން. އެހެންވެ މި ހަރަދު ކުރަމުން ގެންދަން ޖެހޭ،" ޝަރުވަޝް ވިދާޅުވި އެވެ.

ކޮވިޑުގެ ސްޕެންޑިން މިހާރު ދައްކާ ގޮތުން ދަށްވިނަމަވެސް އެއްކޮށް ހުއްޓޭނެ ނިޝާނެއް ނުފެނެ އެވެ. އެކަަމަކު ދަށްވުމެއް ވަނީ އައިސްފަ އެވެ. ނަމަވެސް މި ހަރަދުތައްކޮށް ވަމުންދާ "މާލީ ގުރުބާނީ" ކުރިއަށްދާނަމަ އާމްދަނީ ހީނަރު ދުވަސްވަރެއްގައި ދައުލަތުގެ މާލިއްޔާ އަށް ދާނީ ބުރަ ބޮޑުވަމުންނެވެ. ދަރަނި ނަގައިގެންނަމަވެސް ހަރަދު ފޫބައްދަށް މަޖުބޫރުވާނެ އެވެ.