ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ވިޔަފާރިތަކަށް ކުރި ހޭދަ 14.7 ޕަސެންޓް މަތިވެއްޖެ

Nov 5, 2020

ކޮވިޑް-19 ގެ މި ހާލަތުގައި ގެއްލުންވާ ވިޔަފާރިތަކަށް އެހީވާން ކުރި ހޭދަ 14.7 ޕަސެންޓް މަތިވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ "ކޮވިޑް-19 ސްޕެންޑިން ރިޕޯޓް" ގައިވާ ގޮތުން މިދިޔަ މަހުގެ 29 ގެ ނިޔަލަށް ކޮވިޑް-19ގެ ކަންކަމަަށް ކުރި ހޭދައިގެ ތެރޭގައި ހިމެނޭ އިގްތިސޯދީ ބަޔަކަށް ޖުމްލަ 1.3 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މި އަދަދަކީ މިދިޔަ ހަފުތާގައި ވިޔަފާރި ތަކަށް ދިން އެހީއާ އަޅާ ބަލާއިރު 14.7 ޕަސެންޓުގެ އިތުރުވުމެކެވެ.

ސަރުކާރުން އިއުލާނު ކުރި 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިލީފް ސްކީމް (އީއާރުޕީ) ސްކީމް އިން މިދިޔަ ހަފުތާއާގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބޭންކް ތަކުން ރިކަވަރީ ލޯނަށް ކުރި ހޭދަ އަށެވެ. މި ބަޔަކަށް 153 މިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ. އަދި އިންކަމް ސަޕޯޓު އެލަވަންސުގެ ގޮތުގައި 10.8 މިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ.

ފިނޭންސުގެ މި ރިޕޯޓުގައިވާ ގޮތުން ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ސިއްހީ ދާއިރާ އިން ކުރަމުން ގެންދާ މަސައްކަތް ތަކަށް މިހާތަނަށް 1.3 ބިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ. މިއީ ނިމިދިޔަ ހަފުތާގައި މި ބަޔަކަށް ހޭދަކުރި އަދަދަށް ބަލާއިރު 0.8 ޕަސެންޓުގެ އިތުރު ވުމެކެވެ. މި ބައިން އެންމެ ބޮޑު ހޭދައެއް ކުރަމުން ގެންދަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ ( އެންޑީއެމްއޭ) އަށެވެ.

އެ އޮތޯރިޓީއަށް ނިމިދިޔަ ހަފުތާގައި 7.5 މިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ. އެންޑީއެމްއޭ އަށް މިހާތަނަށް 787.4 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރަނީ ހެލްތް މިނިސްޓްރީ އަށެވެ. އެ މިނިސްޓްރީ އަށް 203.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ސިއްހީ ކަންކަމަށް ކުރާ ހޭދައިގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރާ ބަޔަކީ ބޭނުންވާ ތަކެތި ރާއްޖެ ގެނައުމަށެވެ. މި ބަޔަކަށް މިހާތަނަށް 521.8 މިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ކުރަމުން ގެންދާ ހޭދައިގެ ސިއްހީ ބަޔާއި އިގްތިސޯދީ ބައިއެއްކޮށް ބަލާނަމަ ޖުމްލަ ހޭދަ މިހާރު ހުރީ 2.6 ބިލިއަން ރުފިޔާގަ އެވެ.