ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑަށް 16 މަސް: ހަރަދަށް ހަތަރު ބިލިއަން

Jun 29, 2021

ކޮވިޑް-19 އިގެ ބަލި ރާއްޖެއިން ފެނުނު ފަހުން ވޭތުވެދިޔަ 16 މަސްތެރޭގައި ރާއްޖޭން ކުރި ހޭދަ ހަތަރު ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.

ކޮވިޑް-19 ގެ ބަލި ރާއްޖޭން މިދިޔަ އަހަރުގެ އެޕްރީލް މަހު ފެނުމާއެކު ބަޖެޓުން ހާއްސަ ކޮށްގެން މި ބަލިން ރައްކާތެރިވުމަށްޓަކައި ކުރާ މަސައްކަތްތަކަށް ދަނީ ބޮޑު ހޭދައެއް ކުރަމުންނެވެ. މި ހޭދަ ދެ ބަޔަކަށް ބަހާލާފައިވާއިރު މި ހަރަދުގެ ތެރޭގައި ސިއްހީ ކަންތައްތަކަށް ކުރާ ހޭދަ އާއި އިކޮނޮމީ ހިންގަން ކުރާ ހޭދަ ވެސް ހިމެނެ އެވެ.

ފިނޭންސް މިނިސްޓްރީން މިމަހުގެ 24 ގެ ނިޔަލަށް އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ސިއްހީ ދާއިރާ އަށް ކުރަމުން "ހެލްތު އެންޑް ސޯޝަލް ސްޕެންޑިން" ވަނީ 1.8 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އަދި އިކޮނޮމީ ހިންގަން ކުރާ "ޓޯޓަލް އިކޮނޮމިކް ރެސްޕޮންޑް" ހޭދަ އުޅެނީ 1.7 ބިލިއަން ރުފިޔާގަ އެވެ. މި ދެބައި އެއްކޮށް ބަލާނަމަ ޖުމްލަ ހަރަދު މިހާރު ވަނީ ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ އަށް އަރާފަ އެވެ. މިއީ މި ވޭތުވެދިޔަ 16 މަސް ދުވަހަށް ބަލާނަމަ މަހަކު ގާތްގަނޑަކަށް 250 މިލިއަން ރުފިޔާގެ ހޭދަ ކުރުމެކެވެ.

ސިއްހީ ކަންކަމަށް ކުރާ ހޭދަ 14 އިދާރާއަކުން ދަނީ ކުރަމުންނެވެ. އެންމެ ބޮޑު ބައެއް ހޭދައެއް ވަމުން ގެންދާ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް މިހާތަނަށް 867.9 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ. އަދި ހެލްތް މިނިސްޓްރީއަށް 559.9 މިލިއަން ރުފިޔާ ހޭދަ ކުރިއިރު، އައިޖީއެމްޗްއަށް 146.2 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ.

މިހާތަނަށް ސިއްހީ ބޭނުމަން ތަކެތި ގެނައުމާއި ހިދުމަތް ތަކަށް 839.4 މިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ. އަދި ކެޕިޓަލް އިކްއިޕްމަންޓަށް 201.7 މިލިއަން ރުފިޔާ ހޭދަ ކުރިއިރު، އޮޕަރޭޝަނަލް ސާވިސަސްއަށް 197.2 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ. މީގެ އިތުރުން މިހާލަތުގައި ޕްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުނަށް އެލަވަންސުގެ ގޮތުގައި 160.3 މިލިއަން ހޭދަވެފައިވެ އެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ސަބްސިޑީގެ ގޮތުގައި 140.5 މިލިއަން ރުފިޔާ މިހާތަނަށް ހޭދަކޮށްފައިވެ އެވެ.

ހަރަދު ކުރި ބައިތައް

  • ސަޕްލައި އެންޑް ރިކުއެސްޓް: 839.4 މިލިއަން
  • ކެޕިޓަލް އިކްއިޕްމަންޓް: 201.7
  • އޮޕަރޭޝަނަލް ސާވިސަސް: 197 މިލިއަން
  • އެލަވަންސް ދޭން: 160.3 މިލިއަން
  • ގްރާންޑް ކޮންޓްރިބިއުޝަން އަދި ސަބްސިޑީ: 140 މިލިއަން
  • ސަޕްލައި އަށް: 101 މިލިއަން
  • ލޭންޑް އަދި ބިލްޑިންގްއަށް: 71.6 މިލއަން
  • ޓްރެވަލިން އެކްސްޕެންސް: 53.7 މިލިއަން
  • ރިޕެއާ އަދި މެއިންޓަނަންސް: 23.9 މިލިއަން

ސިއްހީ ކަންތައްތަކަށް ކުރާ ހޭދައިގެ ތެރޭގައި ހިމެނޭ ޑިޒާސްޓާ މެނޭޖުމަންޓް ފަންޑުން މިހާތަނަށް 84.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ޓޫރިޒަމް އެކްޓިވިޓީ އިމްޕްލިމެންޓް ފަންޑުން ކުރި ހޭދަ އުޅެނީ 28.8 މިލިއަން ރުފިޔާގަ އެވެ.