ކޮވިޑް-19 އިން ރައްކާތެރިވާން ރާއްޖޭން ކުރަމުން ގެންދާ ހޭދަ ތިން ބިލިއަން ރުފިޔާއަށްވުރެ މަތި ވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރި "ކޮވިޑް-19 ސްޕެންޑިން" ރިޕޯޓު ދައްކާ ގޮތުން ކޮވިޑް-19 ގެ ބަލިން ރައްކާތެރިވުމަށްޓަކައި ސިއްހީ ގޮތުން ކުރަމުން ގެންދާ ހޭދަ މިހާރު އުޅެނީ 1.48 ބިލިއަން ރުފިޔާގަ އެވެ. އަދި އިގްތިސޯދު ހިންގުމަށްޓަކައި ކުރަމުން ގެންދާ ހޭދަ ވަނީ 1.53 ބިލިއަން ރުފިޔާ އަށް ވުރެ މަތިވެފަ އެވެ. އެހެންވެ މި ދެބައި އެއްކޮށް ބަލާނަމަ ޖުމްލަ ހަރަދު ވަނީ ތިން ބިލިއަން ރުފިޔާ އަށް ވުރެ މަތިވެފަ އެވެ.
ސިއްހީ ހޭދައިގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) 867.9 އަށެވެ. އަދި ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ ހެލްތް މިނިސްޓްރީއަށް 356.9 މިލިއަން ރުފިޔާ އަދި އައިޖީއެމްއެޗްއަށް 90.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
ކޮވިޑް-19 ގެ ބަލި ފެތުރެން ފެށުމާއެކު ރާއްޖޭން ބޭރުން ގިނަ އެއްޗިހިތަކެއް ދަނީ ގެންނަމުންނެވެ. މިހާތަނަށް ތަކެތި ގެންނަން ކުރި އޯޑަރުތަކަށް 635.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އެއްކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮވިޑަށް ކުރި ހޭދައިގެ ތެރެއިން ސިއްހީ ކަންކަމަށް ނިމިދިޔަ ހަފުތާގައި ކުރި ހޭދަ ވަނީ ހަތަރު ޕަސެންޓް އިތުރުވެފަ އެވެ. އަދި އިގްތިސޯދު ހިންގުމަށްޓަކައި ކުރަމުން ގެންދާ ހޭދައިގެ ތެރެއިން އިންކަމް ސްޕޯޓް އެލަވަންސު ދޭން 9.5 މިލިއަން ރުފިޔާ ދީފައިވެ އެވެ.
ކޮވިޑް-19 އަށް ކުރި ހޭދަ މަތިވަމުންދާއިރު ރާއްޖޭގައި މި ބަލި ޖެހޭ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފަ އެވެ. ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު މިބަލި 125 މީހަކަށް ޖެހިފައިވެ އެވެ. އަދި މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 17,953 އަށް އަރާފަ އެވެ.