ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވެންޓިލޭޓަރު ހިޔާނާތް

ވެންޓިލޭޓަރު ކޮރަޕްޝަން: ނިޝާމާ ވަކި ކުރަން ލަފާ ދީފި

ވެންޓިލޭޓަރު ކަރަޕްޝަންގެ މައްސަލާގައި ސަސްޕެންޑް ކޮށްފައި ހުރި، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު އެ މަގާމުން ވަކިކޮށް، އެހެން ބައެއް މުވައްޒަފުންނަށް ފިޔަވަޅު އަޅަން ފެންނަ ކަމަށް ފިނޭންސުގެ އޮޑިޓު ރިޕޯޓުގައި ލަފާ ދީފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ދިވެހި ސަރުކާރުން ހޯދަން މަސައްކަތް ކުރި 75 ވެންޓިލޭޓަރުގެ ތެރެއިން ގިނަ ވެންޓިލޭޓަރުތައް ލިބިފައި ނުވާ މައްސަލާގައި ފިނޭންސް މިނިސްޓްރީން ވަނީ އިންޓާނަލް އޮޑިޓެއް ހަދާފަ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި މި އޮޑިޓުގައި ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ބައެއް ފިޔަވަޅުތައް އަޅަން ފެންނަ ކަމަށް ހެލްތް މިނިސްޓަރީއަށް އަންގަން އޮޑިޓް ކޮމެޓީން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ވަނީ ލަފާ ދީފަ އެވެ. އަދި މި ރިޕޯޓް އަންނަ ހަފުތާގައި ރައީސް އޮފީހަށް ފިނޭންސް މިނިސްޓްރީން ފޮނުވާނެ އެވެ.

މި ރިޕޯޓުގައި އަޅަން ފެންނަ ފިޔަވަޅުތަކުގެ ގޮތުގައި ބުނެފައި ވަނީ، މާލިއްޔަތު ގަވާއިދާ ހިލާފަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލްގެ ފަންނީ އަދި މާލީ ގާބިލްކަން ބެލުމެއްނެތި ވެންޓިލޭޓަރު ހޯދަން ހަވާލު ކުރުމަށް ސޮއިކުރި މައްސަލާގައި ހެލްތް މިނިސްޓަރީގެ ބިޑް ކޮމެޓީގެ މެންބަރުން ކަމަށްވާ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދުގެ އިތުރުން އެ ކޮމެޓީގެ ޗެއާޕާސަން އާއިި އެހެން މެންބަރުން އެ ކޮމެޓީން ވަކިކޮށް އާ މެންބަރުން އައްޔަން ކުރަން ވެސް ހިމެނެ އެވެ. މީގެ އިތުރުން ކުރިއަށް އޮތްތަނުގައި މި ފަދަ ކަމެއް ތަކުރާރު ނުކުމަށް ލިއުމުން ނަސޭހަތް ދޭން ވެސް އެދިފައިވެ އެވެ.

ގިނަ މުވައްޒަފުންނަށް އިދާރީ ފިޔަވަޅު

މީގެ އިތުރުން ފިނޭންސުގެ ޕާފޯމަންސް ގެރެންޓީއެއް ނަގަން އެނގި ނަމަވެސް އެކަންކޮށްފައި ނުވާތީ އާއި ހޯދަން އެންގި ބްރޭންޑުތައް ނޫން ބްރޭންޑެއް ހޯދަން އެއްބަސްވުން ހެދި މައްސަލާގައި އެއްބަސްވުމުގައި ސޮއިކުރި މުވައްޒަފުންވެސް ވަޒީފާގެ މަސްހޫލިއްޔަތު ތަކުން އެކަހެރިކޮށް، ދެން މިފަދަ މާލިއްޔަތާ ގުޅުން ހުރި އެއްވެސް މަސައްކަތެއް ހަވާލު ނުކުރަން ވެސް ލަފާދީފައިވެ އެވެ. އަދި އެޑްވާންސް ޕޭމަންޓް ދޫކުރި މުވައްޒަފަށް ވެސް މިފަދަ ކަމެއް ތަކުރާރު ވިޔަ ނުދޭން ލިޔުމުން ނަސޭހަތް ދޭން އެދިފައިވެ އެވެ. މީގެ އިތުރުން ވެސް އެހެން މުވައްޒަފުންނަށް އިދާރީ ފިޔަވަޅު އަޅަން ލަފާ ދީފައިވެ އެވެ.

އަދި އޮޑިޓަ ޖެނެރަލް ނެރުއްވި ރިޕޯޓަށް ބަލައި ފިޔަވަޅު ތަކެއް އަޅަން ވެސް، ފިނޭންސުގެ އޮޑިޓް ކޮމެޓީން ލަފާ ދީފައިވެ އެވެ.

ބައެއް ކަންތައް އިސްލާހު ކުރަން އެނގި

އަވަސް އަށް އެނގިފައިވާ ގޮތުގައި މި އޮޑިޓް ރިޕޯޓުގައި ފިނޭންސް މިނިސްޓްރީގެ މާލިއްޔަތުގެ ބެލެހެއްޓުމުގެ ބައެއް ކަންތައްތައް އިސްލާހު ކުރަން ވެސް ލަފާ ދީފައިވެ އެވެ. ލަފާދިން ބައެއް ކަންތައްތައް އިސްލާހު ކުރަން ވެސް މިހާރު ވަނީ ފަށާފަ އެވެ. އެގޮތުން ސިޔާސީ މަގާމުގައި ތަކުގައި ތިބޭ މީހުން ބިޑް ކޮމެޓީގައި ނުބޭތިއްބުމާއި ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން މާލި ކަންތައް ތަންފީޒު ކުރަން ފުރުސަތު ނުދިން ހިމެނެ އެވެ.

އެނގިފައިވާ ގޮތުގައި މި އޮޑިޓުގައި ދައުލަތުގެ މާލިކަންތައް ބަލަހައްޓާ މީހުން ހާއްސަ ތަމްރީނެއް ހަދަން ލަފާދީފައިވެ އެވެ. މީގެތެރޭގައި ބިޑް ކޮމެޓީގެ މެންބަރުނާއި މާލީ ޒިންމާދާރު ވެރިން ދައުލަތުގެ ހުރިހާ އޮފީހެއްގެ ޕްރޮކިއުމަންޓު ބަލަހައްޓާ މުވައްޒަފުން ހިމެނެ އެވެ.

ވެންޓިލޭޓަރުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމައި 12 މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ދެ ފަހަރު ފޮނުވުމުން ވެސް ހެކި ނެތްކަމަށް ބުނެ ޕީޖީން ނިންމާފައިވަނީ ދައުވާ ނުކުރާށެވެ. ނަަމަވެސް މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެމްބަރުން ދޫނުދެއްވުމުން އެ މައްސަލަ އަނެއްކާ ވެސް ރިވިއު ކުރަން ޕީޖީން ވަނީ ފަށައިފަ އެވެ.

ވެންޓިލޭޓަރުތައް ރާއްޖެ އަށް ނުލިބުނު މައްސަލާގައި ސަރުކާރުން ހޭދަކުރި ފައިސާ އަނބުރާ ހޯދުމަށް އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅަން ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ.

ދުބާއީ ކުންފުންޏަށް 75 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްގެން މިހާތަނަށް ލިބިފައިވަނީ 15 ވެންޓިލޭޓަރެވެ. ވެންޓިލޭޓަރު ގެންނަން ދުބާއީގެ ކުންފުންޏަށް ވަނީ އެޑްވާންސްގެ ގޮތުގައި 30.91 މިލިއަން ރުފިޔާ ދީފަ އެވެ.