ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް 4.6 ބިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.
ފިނޭންސް މިނިސްޓަރު މިއަދު މަޖިލީހަށް ހުށަހެޅުއްވި ދައުލަތުގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް ކަނޑައަޅާފައިވާ 4.6 ބިލިއަން ރުފިޔާގެ ތެރެއިން 3.97 ބިލިއަން ރުފިޔާ އަކީ ރިކަރެންޓް ހަރަދެވެ. އޭގެތެރޭގައި ސިއްހީ ދާއިރާގެ މުވައްޒަފުންގެ ހަރަދަށް 2.3 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ރިކަރަންޓް ހަރަދުގެ ތެރެއިން ސިއްހީ ދާއިރާއަށް ބޭނުންވާ މެޑިކަލް ސަޕްލައިޒް އަދި ކޮންސިއުމަބަލްސް އަށް 1.2 ބިލިއަން ރުފިޔާ ބަޖެޓްގައި ކަނޑައަޅާފައިވެ އެވެ. ކޮވިޑާއި ގުޅިގެން ކުރާ އެކި އެކި ހަރަދުތަކަށް 323 މިލިއަން ރުފިޔާ އަދި ސިއްހީ ދާއިރާގެ ކެޕިޓަލް ހަރަދަށް 662 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ.
އަތޮޅުތެރޭގައި ހޮސްޕިޓަލްތައް އަދި ހެލްތް ސެންޓަރުތައް އެޅުމަށް 448 މިލިއަން ރުފިޔާ ވެސް ބަޖެޓުގައި ހިމަނާފައިވެ އެވެ. އެގޮތުން ލ. ގަމުގައި ކެންސަރު ހޮސްޕިޓަލް އަޅަން 53 މިލިއަން ރުފިޔާ އަދި ހަތަރު ރަށެއްގައި ޓާޝިއަރީ ހޮސްޕިޓަލް އަޅަން 60 މިލިއަން ރުފިޔާ ހާއްސަކޮށްފައިވެ އެވެ.
ބަޖެޓު މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ސިއްހީ ދާއިރާގައި ސަރުކާރުގެ އެންމެ މުހިންމު އަމާޒަކީ ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށާއި އެކަން ހާސިލުކުރުމަށް ކުރަމުންދާ އެންމެ މުހިންމު ކަމަކީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލުތައް ތަރައްގީކުރުން ކަމަށެވެ.
"މި މަޝްރޫއުގެ ތެރެއިން ފަސް ހޮސްޕިޓަލުގެ ވަސީލަތްތަކާއި ހިދުމަތްތައް ވާނީ ފުޅާކޮށް ފެންވަރު ރަނގަޅުކޮށްފައި. އަދިވެސް އުމްރާނީ ގޮތުން މި ހޮސްޕިޓަލްތަކަށް އިންވެސްޓްކުރެވޭނެ. އަދި ފަސް ހޮސްޕިޓަލަކީވެސް އަމިއްލައަށް ހިންގާ ހޮސްޕިޓަލްތަކަކަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފެށިފަ. މީގެ ސަބަބުން ސިއްހީ ހިދުމަތް ލާމަރުކަޒުވެ، ގިދުމަތްތައް އަވަސްވެ، ކުރިއަރާ ދިއުމަށް މަގުފަހިވާނެ." މިނިސްޓަރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ ރާއްޖޭގެ ސިއްހީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކޮށް ހޮސްޕިޓަލުތަކަކަށް ބަދަލުކުރުމަށް ވެސް ބަޖެޓުގެ ތެރެއިން އަމާޒުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. ރައްޔިތުންނާ އެންމެ ގާތުން ސިއްހީ ހިދުމަތް ލިބޭކަން ކަށަވަރުކުރުމުގެ ގޮތުން 60 ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަށްވެސް ބަޖެޓުގައި ހިމަނާފައިވެ އެވެ.
އެ ޕްރޮޖެކްޓުތަކުގެ ބޭނުމަކީ ސިއްހީ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްގީއާއި ވަސީލަތްތައް މުއްސަނދިކުރުމާއި ހިދުމަތް ފުޅާކޮށް ފެންވަރު ރަނގަޅުކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސަރަހައްދީ ތަރައްގީ އާއި ސިއްހީ ފަރުވާ ގުޅޭ އެންމެ ބޮޑު މިސާލަކީ ކެންސަރުގެ ފަރުވާ އަށް ހާއްސަކޮށް ލ. ގަމުގައި ތަރައްގީ ކުރާ ހޮސްޕިޓަލް. މި ހޮސްޕިޓަލުގެ މަސައްކަތްވެސް ބަޖެޓުގައި ހިމެނިފައިވާނެ. މީގެ އިތުރުން، ޕްރައިމަރީ ހެލްތް ކެއާ ނިޒާމު ފުޅާކުރުމާއި، އަތޮޅު ތެރޭގައި ރީޖަނަލް މެންޓަލް ހެލްތް ޕްރޮގްރާމްތައް ފެށުމާއި، އެމަޖެންސީ މެޑިކަލް ސާވިސްގެ ހިދުމަތް ހަރުދަނާ ކުރުމަށްވެސް ރޭވިފައިވާނެފިނޭންސް މިނިސްޓަރު އަމީރު
އަމީރު ވިދާޅުވީ ރާއްޖޭގެ ކަންކޮޅުތަކުގައި ސިއްހީ ހިދުމަތްތެރިން މަދުވުމުގެ ސަބަބުން އެންމެ އެކަށީގެންވާ ފަރުވާ ދިނުމަށް އެޅޭ ހުރަސްތަކަށް ހައްލު ހޯދުމުގެ ގޮތުން، އަންނަ އަހަރު ސިއްހީ ދާއިރާގެ އާ ގިނަ މުވައްޒަފުންތަކަކަށް ޖާގަ ދީފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި 160 ޑޮކްޓަރުންނާއި 200 އަށް ވުރެ ގިނަ ނަރުހުން ހިމެނޭ ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓުން ފެށިގެން ކޮވިޑަށް ކުރާ ހަރަދުތައް ކުޑަކޮށް ސިއްހީ ދާއިރާގެ ހަރަދުތައް ދެމެހެއްޓެނިވި ގޮތަކަށް ކުރުމަށް އެކި ލެވަލްގައި މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ނިންމާފައިވެ އެވެ.