ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އޮކްސްފަޑް ވެކްސިން ގަންނަން ނިންމައި، ހާއްސަ ހުއްދައެއް ދީފި

ކޮވިޑް-19 ބައްޔަށް މިހާރު އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން، އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިން ރާއްޖެއަށް ގެންނަން ނިންމައި، އެކަން ކުރުމަށް ބޭނުންވާ ހާއްސަ ހުއްދަ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ހާއްސަ ގަރާރަކުން ދީފި އެވެ.

މިނިސްޓަރު ސޮއި ކުރައްވައި މިއަދު އާއްމުކޮށްފައިވާ، މާލިއްޔަތު ގަވައިދަށް ނުވަތަ ގަވައިދުން ބަޔަކަށް އަމަލުކުރަންނުޖެހޭ ގޮތަށް ކަނޑައެޅުމާބެހޭ ގަރާރުގައި ބުނެފައިވަނީ، ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއަށް ބޭނުންވާ ވެކްސިން ހޯދުމަށްޓަކައި ސިންގަޕޫރުގެ ކުންފުންޏެއްކަމަށްވާ އެސްޓްރާޒެނެކާ ޕްރައިވެޓް ލިމިޓެޑްއާއެކު އެއްބަސްވުމުގައި ސޮއި ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އަދި ވަކި ބައެއްގެ ފަރާތުން މެނުވީ ލިބެންނެތް ވެކްސިނެއްކަމަށްވާއިރު، މުޅި ދުނިޔޭގައިވެސް އެ ވެކްސިން ދޫކުރަމުންދަނީ ޕްރޮކިޔުމަންޓުގެ ހާއްސަ އުސޫލުތަކެއްގެ ދަށުން ކަމަށާއި، މި އެއްބަސްވުމުގައި ސޮއި ކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްގެ ގޮތުގައި ކަމާބެހޭ އިދާރާތަކުން ބުނެފައިވާ ކަމަށެވެ.

އެހެންކަމުން، މާލިއްޔަތު ގަވައިދުން މިނިސްޓަރަށް ލިބިދޭ ހާއްސަ ބާރުގެ ދަށުން، ވެކްސިން ހޯދުމަށްޓަކައި އެ ގަވައިދުގެ ހަތަރު މާއްދާއަކަށް އަމަލުކުރަންނުޖެހޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

މިގޮތުން، އަމަލުކުރަންނުޖެހޭކަމަށް ކަނޑައަޅާފައިވަނީ، މާލިއްޔަތުގެ ގަވައިދުގެ ބީލަން ކުރުމުގެ މަރުހަލާތަކުގެ މާއްދާ އާއި، ކޮންޓްރެކްޓް ހަވާލުކުރުމާއި، އެޑްވާންސް ފައިސާގެ ގޮތުގައި 15 ޕަސަންޓް ދެވޭ ގޮތަށް އޮތް މާއްދާގެ އިތުރުން އެގްރީމަންޓްކޮށްގެން ހަވާލުކުރާ މަސައްކަތެއް ލަސްވާނަމަ ގެއްލުމުގެ އަގު ދައްކަންޖެހޭ މާއްދާ އެވެ.

އެ ގަރާރުގައި އިތުރަށް ބުނީ އެ މާއްދާތަކަށް އަމަލުކުރަންނުޖެހޭ ގޮތަށް ކަނޑައަޅާފައިވަނީ ހަމައެކަނި ވެކްސިން ގަތުމަށްޓަކައި އެސްޓްރާޒެނެކާ ކުންފުންޏާއެކު ސޮއި ކުރެވޭ އެއްބަސްވުމުގެ މުއްދަތަށް ކަމަށާއި، އެ މުއްދަތުގައި އަމަލުކުރަންޖެހޭނީ އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފަދައިން ކަމަށެވެ.

އަދި އެ އެއްބަސްވުމުގެ ދަށުން ކުރެވޭ ހަރަދުތަކުގެ އިންޓާނަލް އޮޑިޓެއް ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދާނެކަމަށް ބުނެފައިވެ އެވެ.

ވެކްސިން ގަތުމަށް ހާއްސަ ހުއްދައެއް ދީފައިވާއިރު، ކޮވިޑާ ގުޅިގެން ރާއްޖެއަށް ބޭނުންވި ވެންޓިލޭޓަރުތައް ގަންނަންވެސް މާލިއްޔަތު ގަވައިދުގެ ބައެއް މާއްދާތައް އުނިކޮށްދިނެވެ.

ނަމަވެސް، އެކަމުގައި ކޮރަޕްޝަން ހިމެނޭކަމަށް ހާމަވެފައިވާއިރު، އެކަމާ ގުޅިގެން އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި އެ މިނިސްޓްރީގެ އިސް ބޭފުޅުންތަކެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފޮނުވި އެވެ.

އޮކްސްފަޑް-އެސްޓްރާޒެނެކާ -ވެކްސިން
އޮކްސްފަޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިން ބޭނުންކުރުމަށް ގިނަ ގައުމުތަކުން ހުއްދަ ދީފައިވާއިރު، މިއީ މިހާތަނަށް އުފެއްދި އެންމެ އަގުހެޔޮ ވެކްސިން އެވެ. މިގޮތުން، އެ ވެކްސިން ޑޯޒެއް ތިން ޑޮަލަރާއި ހަތަރު ޑޮލަރާ ދެމެދަށް ލިބޭނެކަމަށާއި، މި ބަލިމަޑުކަމުގެ ތެރެއިން ޕްރޮފިޓެއް ހޯދުމުގެ ވިސްނުން ނުގެންގުޅޭކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އަދި ފައިޒާ ވެކްސިންއާ ހިލާފަށް، އެސްޓްރާޒެނެކާ ވެކްސިނަކީ އާދައިގެ ރެފްރިޖޭޝަންގައި ހަ މަސް ދުވަހާ ހަމައަށް ބެހެއްޓޭ ވެކްސިނެކެވެ.

އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ރާއްޖޭގައި ވެކްސިން ޖަހަން ފެށޭނެކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ވަނީ ބުނެފައި އެވެ.

އާބާދީގެ 20 ޕަސަންޓަށް ހިލޭ ވެކްސިން ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، ވެކްސިން ފުރަތަމަ ދޭނެ ފަރާތްތަކުގެ ތަރުތީބު މިހާރު ވަނީ ކަނޑައަޅައިފަ އެވެ.

މިގޮތުން، ފުރަތަމަ ކެޓަގަރީގައި ހިމެނެނީ ސީދާ އަދި ނުސީދާ ގޮތުގައި ބަލިމީހުންނަށް އެހީތެރިވާ މީހުން އަދި ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށް އެހީތެރިވާ ސިއްހީ އަދި އިޖުތިމާއީ ގޮތުން ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނެވެ.

އޭގެ ތެރޭގައި، ޑޮކްޓަރުންނާއި ނަރުހުންނާއި، ލެބް ޓެކްނީޝަނުންނާއި އާރުއާރުޓީގެ ސްޓާފުންގެ އިތުރުން ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ މީހުން ހިމެނެ އެވެ.

ދެވަނަ ކެޓަގަރީގައި ހިމެނެނީ 50 އަހަރުން މަތީގެ މީހުންނާއި ކޮވިޑް-19 ޖެހިއްޖެނަމަ، ބަލީގައި ބޮޑުވަރު ވެދާނެ މީހުންނެވެ.

އޭގެ ފަހުން ދެން އެންމެ އިސްކަމެއް ދެވޭނީ، ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށްކަމަށް އެޗްޕީއޭއިން ވަނީ ނިންމައިފަ އެވެ.

ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ކޮވިޑް-19 ވެކްސިން ހިލޭ ފޯރުކޮށްދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައި އެވެ.