ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކެބިނެޓް

ގައުމީ ޓާސްކް ފޯހެއް އުފައްދައި މަސައްކަތް ފަށަައިފި

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން މި ބަލި ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިގްތިސޯދަށް ކުރިމަތިވެފައިވާ މަޑުޖެހުމާއެކު ވިޔަފާރިތަކަށާއި އަދި އާންމު ރައްޔިތުންގެ ދިރިއުޅުމާ އާމްދަނީއަށް ކުރިމަތިވަމުންދާ ދަތިތަކަށް ހައްލު ހޯދުމަށް ހާއްސަ ޓާސްކް ފޯހެއް އެކުލަވާލާ މަސައްކަތްތައް ފަށައިފި އެވެ.

ރައީސް އޮފީހުން ބުނީ "ނެޝަނަލް ޓާސްކްފޯރސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ" ގެ ނަމުގައި ޓާސްކްފޯސް އެއް އުފެއްދެވުމަށް، ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

މި ޓާސްކްފޯސްގެ މައިގަނޑު މަގްސަދަކީ މިހާރު ދިމާވެފައިވާ ހާލަތުން، އިގްތިސާދީ އަވަސް ރިކަވަރީ އަކަށް ވާސިލުވެ، އަދި އިގްތިސާދީ ދުވެލި އާރާސްތުކުރުމަށް ކަމާގުޅޭ ހުރިހާ ދާއިރާތަކެއްގެ ބައިވެރިވުމާ، ހިޔާލާ، މަޝްވަރާގެ މަތިން، ކުރާނެ ކަންކަން ރާވައި ހިންގުމާ އަދި އެ ކަންކަމަށް ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުން ކަމަަށެވެ.

ސަރުކާރުގެ ވިސްނުމަކީ މި މަސައްކަތަކީ ސަރުކާރާ، ޕްރައިވެޓް ސެކްޓަރާ، ސިވިލް ސޮސައިޓީ، އަދި ދައުލަތުގެ އެކި މުއައްސަސާތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމުގައި ހެދުން ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ނެޝަނަލް ޓާސްކްފޯސް ހިނގަމުންދާނީ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުންނެވެ. އަދި ޓާސްކްފޯސް ގެ މަސައްކަތްތައް ކުރިއަށް ގެންދާނީ 3 މަސައްކަތު ގްރޫޕަކަށް ބަހާލައިގެން ކަމަށާ އެއީ ވާރކިންގް ގްރޫޕް އޮން ފައިނޭންސް، ވާރކިންގް ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ އަދޖ ވާރކިންގް ގްރޫޕް އޮން ސޯޝަލް ސެކްޓަރު ކަމަށެވެ.

ފައިނޭންސް ވާކިންގް ގްރޫޕްގެ މައިގަނޑު މަސައްކަތަކީ 2020 ވަނަ އަހަރުގެ ބަޖެޓު ރީޕްރައިރަޓައިޒް ކުރުމާ އަދި ކޮވިޑް-19 އާއި ގުޅިގެން ކުރަންޖެހޭ އިތުރު ހަރަދުތައް އަންދާޒާކޮށް، އާމްދަނީ އަށް އަންނާނެ ބަދަލުތައް ދެނެގަނެ، މިކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ބަޖެޓު ހިންގުމަށް ބޭނުންވާނެ ފައިސާގެ މިންވަރުތައް ދެނެގަތުމެވެ. އަދި މި ފައިސާ ހޯދުމަށް، ބައިލެޓަރަލް، މަލްޓިލެޓަރަލް އަދި މިނޫންވެސް އެހެނިހެން ޕާޓްނަރުންނާއެކު މަސައްކަތް ކުރުމެވެ. މީގެ އިތުރުން ސަރުކާރަށް މިހާތަނަށް ނަގާފައިވާ ބޭރުގެ ދަރަނި އަދާކުރުމުގައި ލުއިގޮތްތަކެއް ހޯދުމަށް މަޝްވަރާތައް ކުރިއަށް ގެންގޮސް ލުއި ގޮތްތަކެއް ހޯދުން ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ. ފައިނޭންސް ވާކިންގް ގްރޫޕްގެ މަސައްކަތް ބެހިގެންދާނީ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ މައްޗަށެެވެ.

އިކޮނިމިކް ރިކަވަރީ ވާރކިންގް ގްރޫޕްގެ މައިގަނޑު މަސައްކަތަކީ އިގްތިސާދީ ގޮތުން އައިސްފައިވާ މަޑުޖެހުމާއެކު، ފަތުރުވެރިކަމުގެ ދާއިރާއިން ފެށިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަދި އަމިއްލަގޮތުން އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކު، މި ވިޔަފާރިތަކަށް ރިލީފް ޕެކޭޖުތަކެއް ޑިޒަންކޮށް ފޯރުކޮށްދިނުމާ އަދި މެދު ރާސްތާގައި ވިޔަފާރި ފަށައިގަންނަން އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ސްޓިމިއުލަސް ޕެކޭޖުތައް ތައާރަފްކޮށް ހިންގުމެވެ. މީގެ އިތުރުން ވަޒީފާގެ މައްސަލަތައް ދިމާވެފައިވާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ބެނިފިޓް ސްކީމުތައް ހިންގުމާއެކު މެދު ރާސްތާގައި ދިވެހިންނަށް ވަޒީފާގެ ބާޒާރުން އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ކުރެވިދާން ކަންކަން ނިންމާ ހިންގުމަކީވެސް އެ ގުރޫޕްގެ މަސްއޫލިއްޔަތެކެވެ.

އަދި މިހާރުން މިހާރަށްވެސް، އިގްތިސާދުގެ ބިންގާ ފުޅާ ކުރުމަށް ކުރެވިދާނެ އިތުރު އިގްތިސާދީ ހަރަކާތްތައް ހޯދާ، މިކަންކަން ކުރިއަށްގެންދިއުމަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމާއި އަދި ސިއްހީ މާހިރުންގެ ލަފައާއި އިރުޝާދުގެ މަތިން، ހާލަތު ތަންދޭކަމުގައިވާނަމަ، ފަތުރުވެރިކަމާ އަދި އެހެނިހެން ދާއިރާތައް ހުޅުވާލުމުގައި ވިސްނަންޖެހޭނެ ކަންކަމާ، ނިންމަންޖެހޭ ނިންމުންތައް ނިންމާ އެފަދަ ހިސާބަކަށް ދިއުމަށް ހަދަން ޖެހޭ ޕްލޭންތައް ހަދާ، އެކަންކަން ތަންފީޒުކުރުންވެސް ހިމެނެއެވެ.

ސޯޝަލް ސެކްޓާ ގްރޫޕުގެ މަސައްކަތްތަކުގެ ތެރޭގައި ވަޒީފާ ގެއްލުމާ، އާމްދަނީ ލިބުން ހުއްޓުމާ ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމަށް ކޮށްފާނެ އަސަރުތަކާ އަދި މަސްތުވާތަކެތީގެ ޝިކާރައަކަށް ވުމަށް ހުޅުވިދާނެ ދޮރުތަކަށް ފާރަވެރިވެ، މިކަންކަމުން އަރައިގަތުމަށް އެހީތެރިކަމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމާ އަދި ގެވެށި އަނިޔާއިން ސަލާމަތް ވުމަށާ ކުޑަ ކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ސޯޝަލް ސާވިސަސް ގެ ހަރަކާތްތައް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން، ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ހާލަތަކަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތަކާ، އެފަރާތްތަކުގެ ތެރެއިން އަނބުރާ ރަށަށްދާން ބޭނުންވާ ފަރާތްތަކަށް އެކަމަށް ހައްލުތަކެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ހިމެނެއެވެ.

ރައީސް އޮފީހުން ބުނީ މިދިޔަ މަހު ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމާ އެއްގޮތަށް ޓާސްކް ފޯސް އުފައްދާ މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.