ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މި ހާލަތުގައި ހެލްތު މިނިސްޓަރަކު ނެތުމުގެ ކަންބޮޑުވުން

Aug 23, 2020

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މިންވަރު އިންތިހާއަށް އިތުރުވެފައިވާއިރު، މިފަދަ ދަނޑިވަޅެއްގައި ހެލްތު މިނިސްޓްރީ ހިންގުމުގައި ވަޒީރަކު ނެތުމުގެ ކަންބޮޑުވުން އިތުރު ވެއްޖެ އެވެ.

ކޮވިޑް ބައްޔާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ގެނައުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް އޮޑިޓު ރިޕޯޓަކުން ހާމަވުމާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ އަމިއްލަފުޅަށް މަސައްކަތްތަކުން އެކަހެރިވެވަޑައިގެންފަ އެވެ.

އަދި އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުންތަކެއް މިހާރު ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ހެލްތު މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާ ހަވާލު ކޮށްފައިވި ނަމަވެސް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެ މިނިސްޓްރީގެ މަސައްކަތްތަކަށް ފުލްޓައިމް ވަޒީރެއްގެ ދައުރު މުހިއްމުކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.

ކޮވިޑް ބަލި ޖެހޭ އަދަދާއެކު، ހޮސްޕިޓަލުތަކުގައި ފަރުވާދޭން ޖެހޭ މީހުންގެ އަދަދުވެސް އިތުރުވުމާ ގުޅިގެން، މާލޭ ސަރަހައްދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަނެއްކާވެސް ހަރުކަށި ކޮށްފައިވާއިރު، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ހެލްތު މިނިސްޓްރީ ހިންގަވަން އިސް ވެރިޔަކު ނެތުމުގެ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

"މިހާލަތުގައި ހެލްތު މިނިސްޓްރީގެ އެންމެހާ އިސް ވެރިން ސަސްޕެންޝަނުގައި ތިބުމަކީ ގައުމަށް ވަރަށް ގެއްލުން ހުރި ކަމެއް. އަވަސް ހައްލެއް ގެންނަންޖެހޭ ކަމެއް،" ޝަހީމް ވިދާޅުވި އެވެ.

ބަލިމަޑުކަމެއްގެ ތެރޭގައި ގައުމު އޮއްވާ، ހެލްތު މިނިސްޓްރީ ހިންގުމުގެ މަސްއޫލިއްޔަތު އެކަނި އުފުއްލަވާ ވަޒީރަކު ނެތުމުގެ ކަންބޮޑުވުން ގުރައިދޫ ދާއިރާގެ އިދިކޮޅު މެންބަރު ޣައްސާން މައުމޫން ވެސް ވަނީ ފާޅު ކުރައްވައިފަ އެވެ.

ހެލްތު މިނިސްޓްރީ ހިންގުމުގެ މަސްއޫލިއްޔަތު އެކަނި އުފުއްލަވާ ވަޒީރަކު ނެތި ފާއިތުވާ ކޮންމެ ވަގުތުކޮޅަކީ ސަރުކާރުން ރައްޔިތުންގެ ސިއްހަތަށް ދެއްވާ އިސްކަމާމެދު ސުވާލު އުފެދޭ ކަމެއް،" ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޣައްސާން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ވަޒީރަކު ނެތި ސިއްހީ ދާއިރާއިން ކޮވިޑް-19 އާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެދި، ކެތްތެރިކަން ކޮޅުންލާ ހިސާބަށް ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށެވެ.

ކޮވިޑް-19 އިގެ ދެވަނަ ރާޅު މިހާރު ރާއްޖެއަށް ބިންދާލާފައިވާއިރު، އެކަމާ ދެކޮޅަށް ފިޔަވަޅުތައް ރޭ އަނެއްކާވެސް ވަރުގަދަ ކޮށްފައިވާއިރު، އާއްމުންގެ ގިނަ ބައެއްގެ ފާޑުކިއުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އަށް ވަނީ އަމާޒުވެފަ އެވެ.

ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމާއެކު ގިނަ ބަޔަކު ދަނީ މި ބަދަލުގެ ސަބަބުން އާއްމުންނަށް އެކި ގޮތްގޮތުން އުނދަގޫތަކާ ކުރިމަތިވާނެ ކަމަށް ބުނަމުންނެވެ.

އެކަމާ ގުޅިގެން، އެ ބަދަލު ގެނައީ ބަލި ފެތުރޭ ކަމަށް ރިކޯޑު ކުރެވިފައިވާ ޒުވާނުންގެ މެދުގައި އިޖުތިމާއީ އެއްވުންތަކާއި ދަތުރުކުރުންތައް ހުއްޓުވުމަށް ކަމަށް އެޗްޕީއޭއިން ބުނެފައިވަނިކޮށް، އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ހާއްސަކޮށް މާލޭ ސަރަހައްދުގައި ބަލި ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެގެން ދިއުމާއެކު، އެޑްމިޓުކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދުވެސް ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ.