ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ޔުނިސެފްގެ ފަރާތުން ރާއްޖެއަށް ބައެއް ތަކެތި މިއަދު ހަވާލުކޮށްފި އެވެ.
މިކަމަށްޓަކައި މިއަދު ހެލްތު މިނިސްޓްރީ ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ ހަވާލުކޮށްދެއްވީ ޔުނިސެފްގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. މުނީރު އަލް ސަފީލްދީން އެވެ.
މިއަދު ހަވާލުކުރެވުނު ތަކެތީގެ ތެރޭގައި ޕާސަނަލް ޕްރޮޓެކްޓްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އާއި ސެނިޓައިޒާ އަދި ސޯޕް ހިމެނޭކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވަނީ ޔުނިސެފްގެ ފަރާތުން މެދުނުކެނޑި ސިއްހީ ދާއިރާއަށް ލިބެމުންދާ އެހީތެރިކަން ފާހަގަކުރައްވައި އެޖަމިއްޔާގެ ވެރިންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
މިގޮތުން ކޮވިޑް-19 އާގުޅިގެން އާއްމުން ހޭލުންތެރިކުރުވުމަށް ކުރެވުނު މަސައްކަތްކަށް ޔުނިސެފްގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުން ފާހަގަކުރެއްވިއެވެ.
ހެލްތު މިނިސްޓްރީން ބުނީ މިއަދު ހަވާލުކުރެވުނު ޕީޕީއީ ތަކާއެކު އަތޮޅުތެރޭގައި ކޮވިޑާ ދެކޮޅަށް ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށެވެ.
ރާއްޖޭގެ ސިއްހީ ދާއިރާއަށް ޔުނިސެފްގެ ފަރާތު ތަފާތު އެކިގޮތްގޮތުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން ރާއްޖެއަށް ބޭނުންވާ ވެކްސިން ފޯރުކޮށްދިނުމާއި އާއްމު ސިއްހަތާ ގުޅޭ އެކި ދާއިރާތަކުން އެޖަމިއްޔާއިން ދަނީ މެދުނުކެނޑި އެހީތެރިކަން ފޯރުކޯށްދެމުންނެވެ.
ޔުނިސެފްގެ އިތުރުން ރާއްޖެއިން ކޮވިޑް19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެކުވެރި ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން، މީގެ ކުރިންވެސް ގިނަ އަދަދެއްގެ ޓެސްޓް ކިޓާއި ޕީޕީއީ އަދި ބައްޔަށް ފަރުވާދޭން ބޭނުންކުރާ ބޭހާއި އެހެނިހެން އާލާތްތައް އެ ފަރާތްތަކުން ވަނީ ހަދިޔާކޮށްފަ އެވެ.