ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް އިތުރު އެހީތަކެއް

Jul 11, 2020

ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ އިތުރުން ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ބައެއް ތަކެތި ހަދިޔާކޮށްފި އެވެ.

މިއަދު ހަވާލުކުރެވުނު ތަކެތީގެ ތެރޭގައި އައިސީޔޫ އެނދާއި ބޭނުންވާ އާލާތްތަކާއި ބޭހުގެ އިތުރުން، މެޑިކަލް ލެބޯޓްރީތަކަށް ބޭނުންވާ ތަކެއްޗާއި ކޮވިޑަށް ޓެސްޓްކުރެވޭ 10،000 ޓެސްޓިން ކިޓް ހިމެނެ އެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ހަވާލުކޮށްދެއްވީ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. އަރުވިންދު މާތުރު އެވެ.

މިއަދު ހަވާލުކުރެވުނު އާލާތްތަކާއެކު ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޤާއިމްކުރެވޭ އައިސީޔޫތައް އިތުރަށް ހަރުދަނާ ކުރެވިގެންދާނެކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިރަސްމިއްޔާތުގައި ޑރ. މާތުރު ވަނީ ކޮވިޑް-19 ދުނިޔޭގައި އަދިވެސް ހަލުވިކަމާއިއެކު ފެތުރެމުންދާކަން ފާހަގަކުރައްވައި، ރާއްޖޭގައި މިބަލި ކޮންޓްރޯލްކުރުމަށް ސިއްހީ އިދާރާތަކުން ދޭއިރުޝާދުތަކާއި އެއްގޮތަށް ރައްޔިތުންގެ އަމަލުތައް ބެހެއްޓެމުން ގޮވާލައްވާފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ހިދުމަތް ކުރިއަށް ގެންދިއުމަށްޓަކައި ޑަބްލިއުއެޗްއޯ އިން ދަނީ މެދުނުކެނޑި ޓެސްޓް ކިޓްތައް ފޯރުކޮށްދެމުންނެވެ.