ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑް-19: މަރުވާ މީހުންގެ ކަށުކަމާކެމީގެ އެސްއޯޕީ ނެރެފި

ކޮވިޑް-19 ޖެހި ފައިވާ ނުވަތަ އެ ބައްޔަށް ޝައްކުވާ މީހުން މަރުވުމުން ކަށުކަމާކެމީގެ ކަންތައްތައް ކުރާނެ ގޮތުގެ ސްޓޭންޑަޑް އޮފް ޕްރޮސިޖާސް (އެސްއޯޕީ) އެއް އާންމު ކޮށްފި އެވެ.

ރޭ އާންމު ކުރި އެސްއޯޕީގައި ކޮވިޑް-19 ޖެހިފައިވާ ނުވަތަ އެ ބައްޔަށް ޝައްކުވާ މީހުން މަރުވުމުން ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށް ގެންދާނެ ގޮތުގެ ތަފްސީލް ހިމަނާފައި ވެއެވެ.

އެގޮތުން ބަލާއާފާތުގެ ދުވަސްވަރުގައި ގޮތް ނޭނގޭ މަރަކުން ނުވަތަ ކޮވިޑަށް ޝައްކު ކުރެވޭ މީހަކު މަރުވެއްޖެނަމަ ޓެސްޓު ކުރުމަށް އެމީހާގެ ސާންޕަލް ނަގަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. އަދި ނަތީޖާއަށް މަޑު ނުކޮށް މައްޔިތާގެ ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށް ގެންދަން ވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ކޮމިޔުނިޓީ ސްޕްރެޑެއް އޮތް ތަނެއްގައި ނުވަތަ ރަށެއްގައި ވަކި ސަބަބެއް ނޭނގި މަރުވާ މީހުންނަކީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުން ކަމުގައި ބަލަން ވާނެ ކަމަށް އެސްއޯޕީ ބުނެ އެވެ. އަދި އެފަދަ މީހުން ކަށުކަމާކެމީގެ ކަންތައްތައް ކުރަންވާނީ ރަނގަޅަށް ވައި ދައުރު ކުރާ ގޮތަށް ހަދާފައި ހުންނަ ސާފު ފެން ލިބޭ ތަނެއްގައި ކަމަށާ އެއީ އެފަދަ މަރުތަކުގެ ކަށުކަމާކެމީގެ ކަންތައްތައް ކުރަން ހާއްސަ ކުރެވިފައިވާ ތަނަކަށް ވާންވާނެ ކަމަށް ވެސް ބުނެއެވެ.

މައްޔިތާއަކީ ބިދޭސީއެއް ނަމަ ޑިޕްލޮމެޓިކް ޕްރޮޓޮކޯލްތައް ފުރިހަމަ ކުރަންވާނެ ކަމަށާ ކޮވިޑް-19 ޖެހިފައިވާ ނުވަތަ ޝައްކު ކުރެވޭ މީހުން އެމްބާމް ކޮށްގެން ނުވާނެ ކަމަށްވެސް ވަނީ ބުނެފައި ވެއެވެ.

އެސްއޯޕީ ބުނާ ގޮތުން ކަށުކަމާކެމީގެ ކަންތައްތަކުގައި 60 އަހަރުން މަތީގެ މީހުންނާއި، ދާއިމީ ބައްޔަށް ބޭސް ފަރުވާ ކުރާ މީހުންނާއި، މާބަނޑު އަންހެނުންނާއި މިނޫން ވެސް ދިފާއީ ނިޒާމު ބަލިކަށި މީހުން ބައިވެރި ކޮށްގެން ނުވާނެ އެވެ.

މީގެ އިތުރުން މައްޔިތާ އުފުލާ ގެންގުޅޭނެ ގޮތާއި، އެއްތަނުން އަނެއް ތަނަށް މައްޔިތާ އުފުލާނެ ގޮތާއި، މައްޔިތާ އުފުލާ އުޅަނދު ހުންނަން ވާނެ ގޮތާއި، ޑިސްއިންފެކްޓް ކުރާނެ ގޮތް ވެސް ބަޔާން ކޮށްފައި ވެއެވެ.

ޖަނާޒާ ކުރިއަށް ގެންދާނެ ގޮތް

  • މައްޔިތާ ބާއްވާ ތަނުގައި ކަފުނުގެ ގޮތުގައި ބޭނުންކުރާ ފޮތިގަނޑު ބޭއްވުމަށްފަހު އޭގެ ގެމަތީގައި ބޮޑީ ބޭގާއެކު މައްޔިތާ ބޭއްވުން
  • ބޮޑީބޭގު ހުޅުވާލުމަށްފަހު މައްޔިތާގެ މޫނު ފެންނަ ގޮތަށް ބޭއްވުން،
  • ބޮޑީ ބޭގުން މައްޔިތާ ނެގުމަކީ މަނާ ކަމެއް
  • އާއިލާ މީހުން މޫނު ބަލަން ތިބެންވާނީ މައްޔިތާއާއި 3 ފޫޓަށް ވުރެ ކައިރި ނުވާ ގޮތަށް
  • އާއިލާގެ އެންމެންވެސް ތިބެންވާނީ މާސްކު އަޅައިގެން،
  • އެއްވެސް ހާލަތެއްގައި މައްޔިތާގެ ހަށިގަނޑުގައި އަތްލައިގެން ނުވާނެ،
  • އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް ތަޔައްމަމު ކުރުން
  • މައްޔިތާގެ މޫނާއި އަތްތިލަ ފޮރުވުމަށް ފަހު ބޮޑީބޭގު ބަންދު ކުރުން،
  • މައްޔިތާއާއެކު ކަފުން އޮޅާފައިވާ ބޮޑީބޭގް ސަންދޯކަށް ލުން،
  • ކަށުނަމާދު ކުރަން ވާނީ ސަހަރާގައި
  • މިސްކިތުގެ އެތެރެއަށް ސަންދޯއް ވައްދައިގެން ނުވާނެ،
  • ސަންދޯއް އުފުލާމީހުން ތިބެންވާނީ ޕީޕީއީ ލައިގެން،
  • ދޮވެ ސާފު ކުރުމަށްފަހު ނުވަ މިލިލީޓަރު ފެނަށް މިލިލީޓަރެއްގެ ބްލީޗް ހަދާ ބްލީޗް ސޮލިއުޝަން ބޭނުން ކޮށް ޑިސްއިންފެކްޓު ކުރުން،
  • ލެ އާއި ދިޔަ ހޭކިފައިވާނަމަ ޑިސްއިންފެކްޓް ކުރަންވާނީ ފަސް ލީޓަރު ފެނަށް ލީޓަރެއްގެ ބްލީޗް އަޅައިގެން ހަދާ ސޮލިއުޝަނުން
  • ޖަނާޒާގައި ހަރަކާތްތެރިވި މީހުން ޕީޕީއީ ބޭލުމަށްފަހު ރަގަނޅަށް ސައިބޯނި ލައިގެން އަތްދޮވުން

މީގެ އިތުރުން ޖަނާޒާގައި ހަރަކާތްތެރިވާ މީހުން ބޭނުންކުރި އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕީޕީއީގެ ބާވަތްތަކާއި އަދި އެފަދަ އެހެން ބާވަތްތައް ނައްތާލަން ވާނީ ޖަރާސީމު އެކުލެވިފައިވާ ތަކެތި ނައްތާލުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށެވެ. އަދި އަލުން ބޭނުން ކުރެވޭ ތަކެތި ސްޓްރިލައިޒްކޮށް ޖަރާސީމު ނައްތާލަން ޖެހެ އެވެ.

ކޮވިޑް-19 ގައި ރާއްޖެއިން މީހަކު މަރުވެއްޖެ ނަމަ ކަށުކަމާކެމީގެ ކަން ކަމަށް ސިފައިން ވަނީ ތަމްރީނު ކޮށްފަ އެވެ. ރާއްޖޭގެ ޑޮކްޓަރުންގެ ލަފާގެ މަތިން ސިފައިންނަށް އެފަދަ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު ދީފައިވަނީ އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ ހާއްސަ ޕްރަގްރާމެއްގެ ތެރެއިންނެވެ. އެ ތަމްރީންތައް ސިފައިންގެ ދެ ޖިންސުގެ 15 މީހަކަށް ދިނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން ދެ މީހަކު ވަނީ މަރުވެފަ އެވެ. އެއީ އުމުރުން ދުވަސްވީ ދިވެހި އަންހެނަކާއި ރާއްޖޭގައި މަސައްކަތް ކުރަން އައި ބިދޭސީ ފިރިހެނެކެވެ. އެ މީހުން ވަޅުލީ ފެނުން ހިނެވުމުގެ ބަދަލުގައި ތަޔަންމަމު ކުުރުމަށްފަހު އެވެ.