ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލައާ ގުޅިގެން ފިނޭންސް މިނިސްޓްރީން އިންޓާނަލް އޮޑިޓެއް ހަދައިފި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ވެންޓިލޭޓަރު މައްސަލާގައި ހާއްސަ އޮޑިޓެއް ފިނޭންސް މިނިސްޓްރީން ހަދާފައިވާ ކަމަށާ، އޮޑިޓުން ފާހަގަވި ކަންކަމާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ވެންޓިލޭޓަރުތައް ރާއްޖެއަށް ނުލިބުނު މައްސަލާގައި ސަރުކާރުން ހޭދަކުރި ފައިސާ އަނބުރާ ހޯދުމަށް އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅަން ސަރުކާރުން ވަނީ ނިންމާފަ އެވެ.
ކޮވިޑް-19 އާއި ގުޅިގެން ދިވެހި ސަރުކާރުން ހޯދަން މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ ތެރެއިން ގިނަ ވެންޓިލޭޓަރުތައް ލިބިފައި ނުވާތީ މި މައްސަލާގައި އޮޑިޓަ ޖެނެރަލް ވެސް ހާއްސަ އޮޑިޓުގައި ހަދާފައިވެ އެވެ.
ވެންޓިލޭޓަރުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމައި 12 މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ދެ ފަހަރު ފޮނުވުމުން ވެސް ހެކި ނެތްކަމަށް ބުނެ ޕީޖީން ނިންމާފައިވަނީ ދައުވާ ނުކުރާށެވެ. ނަަމަވެސް މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެމްބަރުން ދޫނުދެއްވުމުން އެ މައްސަލަ އަނެއްކާ ވެސް ރިވިއު ކުރަން ޕީޖީން ވަނީ ފަށައިފަ އެވެ.
ދުބާއީ ކުންފުންޏަށް 75 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްގެން މިހާތަނަށް ލިބިފައިވަނީ 15 ވެންޓިލޭޓަރެވެ. ވެންޓިލޭޓަރު ގެންނަން ދުބާއީގެ ކުންފުންޏަށް ވަނީ އެޑްވާންސްގެ ގޮތުގައި 30.91 މިލިއަން ރުފިޔާ ދީފަ އެވެ.