ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިބްރާހިމް އަމީރު

31 މިލިއަން ރުފިޔާ ދޫކުރީ ގާނޫނާ އެއްގޮތަށް ކަމަކަށް ވިދާޅެއް ނުވި

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއަށް ދިވެހި ސަރުކާރުން 31 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތަށްތޯ ސުވާލު ކުރެއްވުމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ޖަވާބެއް ނުދެއްވި އެވެ.

މިނިސްޓަރު އަމީރު ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުކުރެއްވީ ވެންޓިލޭޓަރު ހިޔާނާތާ ގުޅޭ ގޮތުން ސުވާލުކުރެއްވުމަށެވެ.

ސުވާލުކުރުމުގެ ފުރުސަތުގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވަނީ 31 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންތޯ އަދި މި ފައިސާ ހޯދުމަށް އާބިޓްރޭޝަނަށް ގިނަ ދުވަސް ނެގީ ކީއްވެތޯ ސާފުކުރެއްވުމަށް ސުވާލު ކުރައްވާފަ އެވެ.

މައްސަލަ އާބިޓްރޭޝަންގައި އޮތުމުން އެކަމާ ގުޅޭ ގޮތުން ދެއްވާ ޖަވާބަކުން މައްސަލައަށް އަސަރުކޮށްފާނެ ކަމަށް ވިދާޅުވެ މިނިސްޓަރު އަމީރު ވަނީ އާމިރުގެ ސުވާލަށް ޖަވާބު ދެއްވުމަށް އިންކާރުކުރައްވާފަ އެވެ.

މެންބަރު އާމިރު ތަކުރާރުކޮށް އެ ސުވާލު ކުރެއްވުމުން ވެސް މިނިސްޓަރު އަމީރު އެ ސުވާލަށް ޖަވާބެއް ނުދެއްވި އެވެ.

"އަޅުގަނޑު އެ ސުވާލަށް އެގޮތަށް ޖަވާބު ދެއްވާނީ އެޓާނީ ޖެނެރަލް އޮފީހުގެވެސް ލަފައާ އެއްގޮތަށް،" އަމީރު ވިދާޅުވި އެވެ.

އާމިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވާނީ އެޓާނީ ޖެނަރަލްގެ ލަފާ ލިބިގެން ކަމަށް އަމީރު ވިދާޅުވުމާ ގުޅިގެން މިސަރުކާރާ ގުޅުން ކެނޑިފައިވާ އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވަނީ އަމީރުއާ ދެކޮޅަށް ވާހަކަދައްކަވާފަ އެވެ. އެގޮތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ ވިދާޅުވީ އާމިރުގެ ސުވާލަށް ޖަވާބު ދެއްވަން މިނިސްޓަރު ދެކޮޅު ހައްދަވަންޖެހޭ އުސޫލީ މައްސަލައެއް ނެތް ކަމަށެވެ. މައްސަލަ އާބިޓްރޭޝަންގައި އޮތުމަކީ ޖަވާބު ދެއްވަން އުޒުރުވެރިވެވޭނެ ސަބަބެއް ނޫން ކަމުގައިވެސް އިމްތިޔާޒު ވިދާޅުވި އެވެ.

އޭގެފަހުން ނިޒާމީ މައްސަލަ ނެންގެވުމަށްފަހު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ވިދާޅުވީ މިނިސްޓަރު އަމީރު މިއަދު އަމަލުކުރެއްވި ގޮތުން ވަޒީރުން މަޖިލީހުގެ ތަޅުމުގައި ޖަވާބުދާރިވުމަށް އާ ގޮތްތަކެއް ކަނޑައެޅިގެންދާ ކަމަށާއި އެގޮތަށް އެކަން ކުރަން ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ. އާޒިމް އެ އިޝާރާތް ކުރެއްވީ އެޓާނީ ޖެނަރަލްގެ ލަފާ ލިބިގެން ނޫން ގޮތަކަށް އާމިރުގެ ސުވާލަށް ޖަވާބުދާރީ ވެވެން ނެތް ކަމަށް މިނިސްޓަރު ވިދާޅުވި ވިދާޅުވުމަށެވެ.

އެމްޑީޕީގެ ބައެއް މެންބަރުންގެ ހިތްހަމަނުޖެހުންތަކާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އާބިޓްރޭޝަންގައި މައްސަލައެއް އޮތުމަކީ ޝަރުއީ ކޯޓެއްގައި މައްސަލައެއް އޮތުން ނޫން ކަމަށެވެ. އެހެންކަމުން އާބިޓްރޭޝަންގައި އޮންނަ މައްސަލައަކާ ގުޅިގެން މަޖިލީހުގައި ޖަވާބުދާރީ ނުވެ ހުންނަވައިގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ. އެކަމަކު ރައީސް ނަޝީދު ވިދާޅުވީ މިނިސްޓަރު ޖަވާބު ދެއްވުމަށް މަޖުބޫރުކުރުވުމަކީ އެމަނިކުފާނު ވަކި ބޭފުޅަކަށް ނުހައްގުން އަނިޔާއެއް ދިނުން ކަމަށް ވެދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު މިނިސްޓަރު އަމީރު ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގައި ފިނޭންސް މިނިސްޓްރީން އުސޫލުތަކާ ހިލާފަށް ކަމެއް ކުރިކަން އެ މައްސަލަ ބެލި ކަމާ ގުޅޭ އިދާރާތަކުން އެކުލަވާލި ރިޕޯޓްތަކުގައިވެސް ފާހަގަކޮށްފައި ނުވާ ކަމަށެވެ.

"ދައުލަތުގެ ކަންކަމަށް ފާރަވެރިވުމުގެ މެންޑޭޓް ހަވާލުކޮށްފައިވާ މުއައްސަސާތަކުން ވެންޓިލޭޓަރުގެ ޕްރޮކިއުމަންޓް ހިނގާފައިވާ ގޮތް މިހާތަނަށް ބަލައި ނެރެފައިވާ ރިޕޯޓްތަކަށް ބަލާއިރު މިނިސްޓްރީ އޮފް ފިނޭންސުން އެއްވެސް ކަމެއް ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ ކަމަށް ބަޔާންކޮށްފައިނުވާކަން ފާހަގަކުރެވޭ" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ޕްރޮކިއުމަންޓްގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފިނޭންސް މިނިސްޓްރީއަށް އަންގާފައިވާތީ އެކަންކަން އިތުރަށް ފުރިހަމަކޮށްފައިވާ ކަމަށެވެ.

ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއަށް ސަރުކާރުން ދޫކުރި ފައިސާއާއި އެއްގޮތަށް މުދާ ލިބިފައި ނުވާތީ ބަދަލު ހޯދުމަށް ދިވެހި ސަރުކާރުން މިދިޔަ މަހުގެ 16 ވަނަ ދުވަހު މިމައްސަލަ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހަޅާފަ އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ހުށަހެޅި މި މައްސަލައިގައި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް އެ ކުންފުނިން ފޯރުކޮށްދީފައި ނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ ފައިސާއާއި، ވެންޓިލޭޓަރުތައް ފޯރުކޮށްދީފައި ނުވާތީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ދިވެހި ސަރުކާރަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއެކު ޖުމްލަ 32,574,750 ރުފިޔާ -- 2,112,500 ޔޫއެސް ޑޮލަރުގެ އިތުރުން، އިންޓްރެސްޓާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދުމަށް ވަނީ އެދިފަ އެވެ.