ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވެންޓިލޭޓަރު ހިޔާނާތް

ވެންޓިލޭޓަރު ހިޔާނާތް: ފިނޭންސުން ގާނޫނާ ހިލާފެއްނުވޭ

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއަށް ދިވެހި ސަރުކާރުން ފައިސާ ދޫކުރުމުގައި ފިނޭންސް މިނިސްޓްރީން ގާނޫނާ ގަވާއިދުތަކާ ހިލާފަށް އަމަލުކޮށްފައި ނުވާނެ ކަމާށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ވަނީ ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއަށް 31 މިލިއަން ރުފިޔާ ދައުލަތުގެ މާލިއްޔަތަށް ޒިންމާ ވާންޖެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ދޫކުރެއްވީ ކީއްވެތޯ ސުވާލު ކުރައްވާފަ އެވެ. އަދި މިފައިސާ މިނިސްޓަރުގެ ހުއްދަނެތި ދޫކޮށްފައިވާ ކަމަށްވާނަމަ އެކަން ކުރި މިނިސްޓްރީގެ މުވައްޒަފަށް އަޅާފައިވާ ފިޔަވަޅު ސާފު ކުރެއްވުމަށް ސުވާލު ކުރެއްވި އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ވެންޓިލޭޓަރު ޕްރޮކިއުމަންޓް ހިނގާފައިވާ ގޮތާއި ގުޅޭ ގޮތުން މިހާތަނަށް ނެރުނު ރިޕޯޓްތަކުގައި ފިނޭންސް މިނިސްޓްރީން އުސޫލުތަކާއި ހިލާފުވި ކަމަށް ބަޔާންކޮށްފައިނުވާ ކަމަށެވެ.

"ދައުލަތުގެ ކަންކަމަށް ފާރަވެރިވުމުގެ މެންޑޭޓް ހަވާލުކޮށްފައިވާ މުއައްސަސާތަކުން ވެންޓިލޭޓަރުގެ ޕްރޮކިއުމަންޓް ހިނގާފައިވާ ގޮތް މިހާތަނަށް ބަލައި ނެރެފައިވާ ރިޕޯޓްތަކަށް ބަލާއިރު މިނިސްޓްރީ އޮފް ފިނޭންސުން އެއްވެސް ކަމެއް ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ ކަމަށް ބަޔާންކޮށްފައިނުވާކަން ފާހަގަކުރެވޭ" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ އޮޑިޓް އޮފީހުން އޮގަސްޓް 16، 2020ގައި ޝާއިއުކުރި ހެލްތު މިނިސްޓްރީގެ ކޮވިޑް-19ގެ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވެންޓިލޭޓަރުގެ މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު ފިނޭންސް މިނިސްޓްރީން ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާކަން ފާހަގަކޮށްފައިނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ހެލްތު މިނިސްޓްރީގެ އޮޑިޓް ރިވިއު ކުރިއިރު ވެންޓިލޭޓަރު މައްސަލާގައި ފިނޭންސުން މައުލޫމާތު ސާފުކުރުމަށް އެދުމުން، އޮގަސްޓް 27، 2020 ކޮމިޓީއަށް ހާޒިރުވެ، މިނިސްޓްރީން އަމަލުކުރި ގޮތް ތަފުސީލުކޮށްދެއްވި ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ޕްރޮކިއުމަންޓްގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފިނޭންސް މިނިސްޓްރީއަށް އަންގާފައިވާ ކަންކަން އިތުރަށް ފުރިހަމަކޮށްފައިވާ ކަމަށެވެ.

ވެންޓިލޭޓަރުގެ މައްސަލައާ ގުޅޭ ގޮތުން ތަހުގީގީ އިދާރާތަކުން ފިނޭންސްގެ މުވައްޒަފަކަށް ފިޔަވަޅު އަޅަން އަންގާފައިނުވާ ކަމަށް އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާކުރުމާއި ކޮވިޑް-19އާ ގުޅިގެން ހިންގޭ ޕްރޮކިއުމަންޓް ކަންތައްތަކުގައި ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ސާކިއުލާއެއް މޭ ތިނެއް، 2020 ގައި ނެރެފައިވާ ކަމަށެވެ.

މި ސާކިއުލާގައި ކޮވިޑް-19ގެ ހާލަތުގައި މުދަލެއް ނުވަތަ ހިދުމަތެއް ހޯދުމުގެ ކުރިން ކޮންމެހެން ކަށަވަރުކުރަންޖެހޭ ކަންކަން ހިމަނާފައިވެ އެވެ.