ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލައިގައި މި މަހު ގޮތެއް ނިންމާނެ ކަމަށް އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ބިލަތދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ކުރަމުންދާ ތަހުގީގު މިހާރު ކުރިއަށް ގޮސްފައިވާ ހިސާބަކާ ގުޅޭގޮތުން ސުވާލު ކުރުމުން ޝިއުނާ ވިދާޅުވީ އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވުމުން، ދައުވާ ނުކޮށް އަނބުރައި ފޮނުވާލިއިރު ޕީޖީ ފާހަގަކުރި ކަންކަން މިހާރު ރަނގަޅު ކުރަމުންދާ ކަމަށެވެ.
ޝިއުނާ ވިދާޅުވީ ދައުލަތަށް ގެއްލުންވާ ގޮތަށް އެގްރީމަންޓް ހެދި މައްސަލައާއި، ފައިސާގެ މުއާމަލާތައި ގުޅޭ އިތުރު ތަހުގީގުތަކެއް ކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތް މިހާރު ނިމުމަކާއި ގާތަށް ގޮސްފައިވާ ކަމަށާއި އޭސީސީން މިމަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން 75 ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއާއެކު އެއްބަސްވުމެއް ހަދައި އެޑްވާންސްކޮށް ފައިސާ ދެއްކި ނަމަވެސް މިހާތަނަށް ލިބުނީ އެންމެ 10 ވެންޓިލޭޓަރެވެ. އެކަމަކު ތަކެތި ގަންނަން ހަރަދު ކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކު ގެރެންޓީއާ ނުލާ 30 މިލިއަން ރުފިޔާ ވަނީ އެގްޒެކިއުޓާސްއަށް ދޫކޮށްފަ އެވެ.
ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާސްއާއެކު ހެލްތު މިނިސްޓްރީން އެއްބަސްވުމުގައި ސޮއި ކުރީ އޭޕްރީލް 2، 2020 ގައެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް ތަކެތި ލިބިފައި ނުވާތީ އެއްބަސްވުން ބާތިލްކޮށް ދިވެހި ސަރުކާރުން އެގްޒެކިއުޓާސް ކުންފުންޏަށް ނޯޓިސް ފޮނުވީ މިދިޔަ މެއި މަހުގެ ތިންވަނަ ދުވަހު އެވެ. އެކަމަކު މިހާތަނަށް ވެސް އެ ކުންފުނިން ބަދަލު ދީފައެއް ނުވެއެވެ.
ވެންޓިލޭޓަރު ތަކުގެ ބަދަލަށްވާ ފައިސާ ނުލިބުމުން ދެން އެ މައްސަލަ ހުށަހަޅާނީ އާބިޓްރޭޝަނަށެވެ. އެގޮތަށް އަމަލުކުރުމަށް ރާއްޖޭގެ ބަންޑާރަނައިބް އިބްރާހީމް ރިފްއަތު ލަފާ ވެސް ވަނީ ދެއްވާފަ އެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ޒިންމާވާން ޖެހޭ ފަރާތްތަކުގެ މައްސަލައިގައި ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ދެ ފަހަރަށް ފޮނުވުމުން ވެސް މައްސަލަ ސާބިތު ކުރަން ބޭނުންވާ ވަރަށް ހެކި ނެތް ކަމަށް ވިދާޅުވެ ޕީޖީ ހުސައިން ޝަމީމް ވަނީ އެ މައްސަލާގައި ދައުވާ ކުރަން ދެކޮޅު ހައްދަވާފަ އެވެ. އެކަމަކު ކުރިމަތިވި ފާޑު ކިޔުންތަކާ ގުޅިގެން ޕީޖީ މިހާރު ގެންދަވަނީ ފުލުހުންނާއި އޭސީސީއާ ގުޅިގެން އެ މައްސަލަ އިތުރަށް ދިރާސާ ކުރައްވަމުންނެވެ. އަދި މައްސަލައާއި ގުޅުންހުރި ބައެއް އާ މައުލޫމާތު ލިބިފައިވާ ކަމަށްވެސް މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ޕީޖީ ވިދާޅުވެފައިވެ އެވެ.