ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ހާލަތުގައި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ހިޔާނާތުގެ އަމަލު ހިންގަމުންދޭތޯ ބަލަން ފަށާފައިވާ ކަމަށާއި އެ ގޮތުން މި ހާލަތާ ގުޅޭ ތިން މައްސަލައެއް ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅު ވެއްޖެ އެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ޝިއުނާ ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އެފަދަ އެއްވެސް ކަމެއް ހިނގަމުން ދޭތޯ ބަލަމުން ގެންދާ ކަމަށެވެ. މިހާތަނަށް ކޮމިޝަނަށް އެފަދަ ދެ މައްސަލައެއް ހުށަހެޅިއިރު، ކޮމިޝަނުން އިސް ނެގި މައްސަލައަކާއެކު ތިން މައްސަލައެއް ބަލަމުން އަންނަ ވިދާޅުވި އެވެ.
އޭގެ ތެރޭގައި ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލު ކުރުމުގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލަ ހިމެނޭ ކަމަށާއި އެއާ ގުޅުން ހުރި ލިޔެކިއުންތައް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މައްސަލާގައި ކޮރަޕްޝަން ހިމެނޭ ކަމެއް ނުވަތަ ނުހިމެނޭ ކަމަށް މިހާތަނަށް ނިންމާފައި ނުވާނެ ކަމަށެވެ.
"ވެންޓިލޭޓަރު މައްސަލަ އެއީ އަޅުގަނޑުމެން ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީވެ، އިތުރު ތަފުސީލުތަކެއް ވެސް އަޅުގަނޑުމެން މީޑިއާއަކަށް ދީފައެއް ނޯންނާނެ، އަދި އަނެއްކާ ވެންޓިލޭޓަރު މައްސަލާގައި ކޮރަޕްޝަން އޮތޭ ނޫނީ ނެތޭ ވެސް ބުނެފައެއް ނޯންނާނެ، ކަނޑައެޅިގެން މީގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭތޯ ބުނަން އަދި ދަތި،" ޝިއުނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ރާއްޖޭގައި އިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޕްރޮކިއުމަންޓްގެ ތެރޭގައި ވަކި ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް ނާޖާއިޒު ފައިދާތަކެއް ލިބޭ ގޮތަށް ތަކެތި ގަތުމާއި ހިދުމަތް ހޯދުމާއި މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ޝިއުނާ ވިދާޅުވި އެވެ.
މި ބަލިމަޑުކަމުގެ ހާލަތުގައި ދުނިޔޭގެ ދަތުރުފަތުރުތައް ހުއްޓިފައިވާއިރު ބޭރު ގައުމުތަކުގައި ދިވެހިން ގެނައުމުގައި އިސްކަން ދޭނެ ފަރާތްތައް ކަނޑަޅާއިރު ދައުލަތުގެ އިސް ބޭފުޅުންގެ ނުފޫޒުން އެ ބޭފުޅުންގެ އާއިލާ ބޭފުޅުން ގެންދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ވެސް ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ އެ ތިން މައްސަލަ ކޮމިޝަނުން ތަހުގީގު ކުރަމުން ދާއިރު، އެއާ ގުޅުން ހުރި ލިޔެކިޔުންތައް ހޯދަން ފިނޭންސް މިނިސްޓްރީ އާއި، ހެލްތު މިނިސްޓްރީ އަދި އައިލެންޑް އޭވިއޭޝަންގައި އެދިފައި ވާނެ ކަމަށް ވެސް ޝިއުނާ ވިދާޅުވި އެވެ.
މި ހާލަތުގައި ވިޔަފާރިތަކަށާއި އާންމު ފަރުދުންގެ މާލީ ހާލަތު ދަށް ވާތީ، އެހީތެރިވުމުގެ ގޮތުން ސަރުކާރުން ތައާރަފު ކުރާ ޕެކޭޖްތަކާއި ޕްރޮގްރާމްތައް ދެފުށް ފެންނަ ގޮތަށް ހާމަކަން ބޮޑު ގޮތެއްގައި ވީހާ ވެސް ބޮޑަށް ހަމަހަމަކޮށް ކުރިއަށް ގެންދަން އަޅާނެ ފިޔަވަޅުތަކުގެ މައްޗަށް އޭސީސީން ވަނީ ގައިޑްލައިނެއް ވެސް ނެރެފަ އެވެ.