ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދިވެހި ރާއްޖެ އަލުން ހުޅުވާލުން

ކޮވިޑް ފްރީ ޒޯނެއް ކަނޑައަޅައި އިގްތިސާދު ހުޅުވާލަން ގަރާރެއް

ކޮވިޑް-19 އިގެ ހާލަތުގެ ސަބަބުން އިގްތިސޯދު ދަށްވެފައިވާތީ އާ އާންމު ހާލަތުގެ ހަމަތަކުގެ ތެރެއިން "ކޮވިޑް ފްރީ ޒޯން" އެއް ކަނޑައަޅައި އަލުން ރާއްޖޭގެ އިގްތިސޯދު ހުޅުވާލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ރަޝީދު ހުށަހަޅުއްވާފައިވާ ގަރާރުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާލުމަށް ގޮވާލާފައި ވެއެވެ. އަދި އެ ސަރަހައްދުތަކުގައި ސޭފް ޓުއަރިޒަމް ޒޯންތަކެއް ކަނޑައަޅައި އެ ގޮތަށް ޕްރޮމޯޓް ކުރުމަށް ވެސް ހިމަނާފައި ވެއެވެ.

މީގެ އިތުރުން ކަނޑު މަގުން ރާއްޖެއަށް މުދާ އެތެރެ ކުރާ އުނދަޅުތައް މާލޭގެ ބަނދަރުގެ އިތުރުން އައްޑޫ އާއި ކުޅުދުއްފުށީގައި ބަނދަރު ކުރެވޭ ގޮތަށް ހަމަޖައްސަން ޖެހޭ ކަމަށް ގަރާރުގައިވެ އެވެ. އޭގެ ސަބަބުން އެ ސަރަހައްދުތަކުގައި ވެސް ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ ގުދަންތައް އިތުރު ވެގެން ދާނެ ކަމަށެވެ.

ރާއްޖޭގައި މިވަގުތު ހުރި މަސް ކާރުހާނާތަކުގައި މަސް ރައްކާ ކުރުމާއި މަސްދަޅު ބަންދު ކުރުމުގެ ކެޕޭސިޓީ އިތުރު ކުރުމާއި އެ މަސައްކަތް ކުރިއަރުވަން ޖެހޭ ކަމަށާއި ވޭތުވެ ދިޔަ ތަނުގައި އިހުމާލުކުރެވިފައިވާ ދަނޑުވެރިކަމުގެ ސިނާއަތަށް ވެސް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ވެސް ބުނެފައި ވެއެވެ.

ޓޫރިޒަމް އަލުން ހުޅުވާލުމަށްޓަކައި އަމަލު ކުރާނެ އުސޫލުތައް ހިމަނައި "މޯލްޑިވްސް ސޭފް ޓޫރިޒަމް" ގެ ގައިޑްލައިނެއް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ އެކުލަވާލާފަ އެވެ. މަޖިލީހުން ވެސް ވަނީ އެ ގައިޑްލައިންގެ ފުރަތަމަ ޑްރާފްޓް ދިރާސާ ކޮށްފަ އެވެ.

އެ ގައިޑްލައިންގައިވާ ގޮތުން ޕްރައިވެޓް ޖެޓްތަކާއި ސުޕަ ޔޮޓް ފަހަރަށް ހުޅުވާލަން މަސައްކަތް ކުރަނީ މި ޖޫން މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. އަދި ޗާޓަރު ފްލައިޓްތަކާއި ޝެޑިއުލް ފްލައިޓްތަކަށް ޖުލައި އެއްވަނަ ދުވަހު ހުޅުވާލާނެ އެވެ. ގެސްޓްހައުސްތަކަށް ޓޫރިސްޓުން ގެންނަން ޕްލޭން ކޮށްފައިވަނީ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު އެވެ.