ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މައްސަލަ މަޖިލީހުން ބަލަނީ

ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ)އިން އަމަލުކުރާ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މަސައްކަތްތަކަށް ހުރަސް އެޅޭކަމަށް ބުނާތީ އެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލަން ނިންމައިފި އެވެ.

ކޮމިޓީން މިގޮތަށް ނިންމީ އޮޑިޓް އޮފީހުން ހެދި އޭސީސީގެ ޕާފޯމަންސް އޮޑިޓްގައި ޕީޖީން އަމަލުކުރާ ގޮތުން އޭސީސީގެ މަސައްކަތްތަކަށް ހުރަސް އެޅޭ ކަމަށް ބުނެފައިވާތީ އެވެެ. އެހެންކަމުން އެ މައްސަލަ ބެލެން އޮތީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ކަަމަށްވާތީ އެ މައްސަލަ ބަލަން ނިންމީ ކަމަށް އެ ކޮމިޓީގައި އިންނަވާ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އުޝާމް އަަވަސް އަށް ވިދާޅުވި އެވެ.

ޕީޖީގެ މައްސަލަ ބަލަން ކޮމިޓީން ފާސްކުރީ މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ހަމަ މި ކޮމިޓީން މިއަދު ވަނީ އޭސީސީގެ މެމްބަރުންނަށް އެކަށީގެންވާ ގޮތަށް މަސައްކަތްތައް ކުރިއަށް ނުގެންދެވޭ ކަމަށް ބުނެ ހުރިހާ މެމްބަރުން ވަކިކުރަން ފާސްކޮށްފަ އެވެ. ނަމަވެސް ކޮމިޓީގެ ނިންމުންތަކަށް އަމަލުކުރެވޭނީ އެ ނިންމުންތައް މަޖިލީހުގެ ތަޅުމުން ފާސްކުރުމުންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއި އޭސީސީއާ އެންމެ ބޮޑަށް ހިޔާލު ތަފާތު ވެފައިވަނީ ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލައިގަ އެވެ. އެގޮތުން އެ މައްސަލަ ދިރާސާކުރުމަށް ފަހު އެ މައްސަލައިގައި ޝާމިލުވާ ފަރާތްތަކަށް ދައުވާކުރަން ދެ ފަހަރު އޭސީސީން ޕީޖީއަށް ފޮނުވި ނަމަވެސް ހެކި ނެތް ކަމަށް ބުނެ މައްސަަލަ މިހާރު ވަނީ ތިންވަނަ ފަހަރަށް އޭސީސީ އަށް ފޮނުވާލާފަ އެވެ.

މީގެއިތުރުން މިނިސްޓަރު މަހްލޫފްގެ މައްސަލަ ވެސް އޭސީސީން ޕީޖީ އޮފީހަށް ފޮނުވުމުން އެ މައްސަލަ ވެސް އިތުރަށް ފުރިހަމަކުރުމަށް ދެ ފަހަރެއްގެ މަތިން ޕީޖީ އޮފީހުން ވަނީ އޭސީސީއަށް ފޮނުވާލާފަ އެެވެ. އެކަމަކު އެ މައްސަލާގައި މިހާރު މިނިސްޓަރު މަހްލޫފްގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ.