ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލާގައި މިހާތަަނަށް ދައުވާ ކޮށްފައި ނުވާތީ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްއަށް ވަރަށް ބޮޑަށް ފާޑުވިދާޅު ވެއްޖެ އެވެ.
އަފީފްގެ ފާޑުވިދާޅުވުން އައީ އޮޑިޓާ ޖެނެރަލް އޮފީހަށް ކަނޑައެޅި އާ ބަޖެޓާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގެ ތެރޭގަ އެވެ.
އަފީފް ވިދާޅުވީ އޮޑިޓާ ޖެނެރަލް އޮފީހުން ނެރޭ ރިޕޯޓްތަކުގައި އިސްލާހު ކުރަން ބުނެފައިވާ ކަންތައްތައް ނުކުރާކަން ވަރަށް ބޮޑަށް ފާހަގަ ކުރެއްވޭ ކަމަށެވެ. މީގެ އިތުރުން ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލައަށް އިޝާރާތް ކުރައްވައި އަފީފް ވިދާޅުވީ އެ މައްސަލަ ވެސް އޮޑިޓް އޮފީހުން ބެލި ކަމަށާއި އަދި އެ ވެންޓިލޭޓަރުގެ އެއްބަސްވުން އޮތީ މާލިއްޔަތުގެ ގާނޫނާ ގަވައިދާ ހިލާފަށް ކަމަށެވެ. ނަަމަވެސް އުންސުރު ހަމަނުވާ ކަމަށް ބުނެ އެ މައްސަލައިގައި ދައުވާ ކުރަން ދެކޮޅު ހަދާ ކަމަށެވެ.
"އަޅުގަނޑަކަށް ނޭނގޭ ޕްރޮސިކިއުޓާ ޖެނެރަލްގެ އުންސުރު ހަމަ ނުވަނީއެއް ކަމެއް! މި ދަންނަވާ ރިޕޯޓްގެ އުންސުރު ހަމަ ނުވަނީކަމެއް! އަޅުގަނޑުމެން މިކަހަލަ ކަންތައްތައް އެބަ ޖެހޭ ވަރަށް ރަނގަޅަށް ބަލަހައްޓަން. މިނިވަން މުއްސަސާއެއް ކަަމަކު ހިތުހުރި ގޮތަކަށް ނޫން ކަންތައް ކުރަން ޖެހޭނީ. ދައުލަތުގެ ކަންތައްތައް ކަނޑައެޅިފައިވާ ގާނޫނުގައިވާ ގޮތަށް ކަންތައްތައް ކުރުން." އަފީފް ވިދާޅުވި އެވެ.
ގާނޫނާ އެއްގޮތަށް މުއައްސަސާތަކުން ކަންތައްތައް ނުކުރާތީ އެކަންކަން މަަޖިލީހުން ބަލަން ވެސް އަފީފް މިއަދު ގޮވާލެއްވި އެވެ.
ކޮވިޑް-19 އާ ގުޅިގެން 75 ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއާއެކު އެއްބަސްވުމެއް ހަދައި އެޑްވާންސްކޮށް ފައިސާ ދެއްކި ނަމަވެސް މިހާތަނަށް ލިބުނީ އެންމެ 10 ވެންޓިލޭޓަރެވެ. އެކަމަކު ތަކެތި ގަންނަން ހަރަދު ކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކު ގެރެންޓީއާ ނުލާ 30 މިލިއަން ރުފިޔާ ވަނީ އެގްޒެކިއުޓާސްއަށް ދޫކޮށްފަ އެވެ.
ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާސްއާއެކު ހެލްތު މިނިސްޓްރީން އެއްބަސްވުމުގައި ސޮއި ކުރީ އޭޕްރީލް 2، 2020 ގައެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް ތަކެތި ލިބިފައި ނުވާތީ އެއްބަސްވުން ބާތިލްކޮށް ދިވެހި ސަރުކާރުން އެގްޒެކިއުޓާސް ކުންފުންޏަށް ނޯޓިސް ފޮނުވީ މިދިޔަ މެއި މަހުގެ ތިންވަނަ ދުވަހު އެވެ. ނަމަވެސް މިހާތަނަށް ވެސް އެ ކުންފުނިން ބަދަލު ދީފައެއް ނުވެއެވެ.
ވެންޓިލޭޓަރު ތަކުގެ ބަދަލަށްވާ ފައިސާ ނުލިބުމުން ދެން އެ މައްސަލަ ހުށަހަޅާނީ އާބިޓްރޭޝަނަށެވެ. އެގޮތަށް އަމަލުކުރުމަށް ރާއްޖޭގެ ބަންޑާރަނައިބް އިބްރާހީމް ރިފްއަތު ލަފާ ވެސް ވަނީ ދެއްވާފަ އެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ޒިންމާވާންޖެހޭ ފަރާތްތަކުގެ މައްސަލައިގައި ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ދެ ފަހަރަށް ފޮނުވުމުން ވެސް މައްސަލަ ސާބިތު ކުރަން ބޭނުންވާ ވަރަށް ހެކި ނެތް ކަމަށް ވިދާޅުވެ ޕީޖީ ހުސައިން ޝަމީމް ވަނީ އެ މައްސަލާގައި ދައުވާ ކުރަން ދެކޮޅު ހައްދަވާފަ އެވެ. އެކަމަކު ކުރިމަތިވި ފާޑު ކިޔުންތަކާ ގުޅިގެން ޕީޖީ މިހާރު ގެންދަވަނީ ފުލުހުންނާއި އޭސީސީއާ ގުޅިގެން އެ މައްސަލަ އިތުރަށް ދިރާސާ ކުރައްވަމުންނެވެ. އަދި މައްސަލައާއި ގުޅުންހުރި ބައެއް އާ މައުލޫމާތު ލިބިފައިވާ ކަމަށްވެސް މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ޕީޖީ ވިދާޅުވެފައިވެ އެވެ.