ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އޭސީސީ

ވެންޓިލޭޓަރު މައްސަލަ: ކޮމިޓީން އޭސީސީއާ ބައްދަލު ކުރަނީ

ކޮވިޑް-19 ގެ އެންމެ ގޯސް ހާލަތުގައި ބޭނުން ކުރާނެ ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލު ކުރި މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުންދާ ތަހުގީގުގެ މައުލޫމާތުތައް ސާފު ކުރަން އެ ކޮމިޝަންގެ މެންބަރުންނާ އެކު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

އޭސީސީން ކުރަމުންދާ ތަހުގީގުގައި އެ ކޮމިޝަނަށް ފާހަގަ ކުރެވުނު ކަންކަމުގެ ތަފުސީލުތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ލިޔުމަކުން ވަނީ ފޮނުވައިފަ އެވެ. އެ ލިޔުމުގައި ވަނީ ކޮމިޝަނުން މިހާތަނަށް ބެލި ބެލުމުގައި އެއްވެސް ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާ ކަމަށް އެ ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި އެ ތަހުގީގުގެ މައުލޫމާތުތައް އިތުރަށް ސާފުކުރުމުގެ ގޮތުން އޭސީސީގެ މެންބަރުންނާއެކު ކޮމިޓީން ބައްދަލުވާން ހުށަހެޅުއްވީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) އެވެ. އެ ހުށަހެޅުއްވުމާ އެއް ގޮތަށް އޭސީސީއާއެކު ބައްދަލުވާން ކޮމިޓީގެ މެންބަރުންގެ ތާއީދާއެކު ނިންމި އެވެ.

ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ބެލޭނީ އޭސީސީގެ މެންބަރުން ކުރި މަސައްކަތް ކަމަށާއި ފައިސާގެ މުއާމަލާތުގެ މައްސަލަ ނުބޭލެނެ ކަމަށެވެ. އެހެންކަމުން އެންމެ އަވަހަށް ވެސް އާދީއްތަ ދުވަހަށް އޭސީސީއަކު ބައްދަލުވުމެއް ތާވަލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ވެންޓިލޭޓަރުތައް ގެނައުމަށް ސަރުކާރުން ހަވާލު ކޮށްފައި ވަނީ ބިޑް ކުރުމެއް ނެތި ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ ގަވާއިދުގެ ދަށުން "ނާޑް" އަދި "މެޑްޓެކް" ކުންފުންޏާ އެވެ. 26 ވެންޓިލޭޓިލޭޓަރު ގެންނަން "ނާޑް" އާ ހަވާލު ކުރީ 1.3 މިލިއަން ރުފިޔާއަށެވެ. 50 ވެންޓިލޭޓަރު ގެންނަން "މެޑްޓެކް" އާ ހަވާލު ކުރި 14 މިލިއަން ރުފިޔާ އަށެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަޖިލީހަށް ފޮނުވި މައުލޫމާތުގައިވާ ގޮތުން ބިޑް ކުރުމެއް ނެތި ވެންޓިލޭޓަރު ގެންނަން ކުންފުނިތަކާ ހަވާލު ކުރީ އަވަހަށް އެ ތަކެތި ބޭނުންވާތީ އެވެ. އެކަމަކު އެ ތަކެތި ގެންނަން ހަވާލު ކުރެވުނު މުހުލަތުގައި ގެނައުމުގައި ދަތިތަކެއް ދިމާވާ ކަމެއް ކަމަށް ކުންފުނިތަކުން މިނިސްޓްރީއަށް އެންގި އެވެ.

އެއީ އެ ތަކެތި އުފައްދާ ގައުމުތައް ލޮކްޑައުންވެ، ބޮޑެތި ގައުމުތަކަށް ވެސް އެ ތަކެތި ބޭނުންވެފައިވާ މިންވަރު ބޮޑެވެ ތަކެތި އުފައްދާ ކުންފުނިތަކަށް އުފައްދައި ސަޕްލައި ކުރުމުގައި ތަކެތި އުފައްދާ ކުންފުނިތަކަށް ވެސް ހުރަސްތަކެއް ހުރުމުން ކަމަށް މަޖިލީހަށް މިނިސްޓަރު އަމީން ފޮނުއްވި ޖަވާބުގައިވެ އެވެ.

ރާއްޖޭގެ ޑަބްލިއުއެޗްއޯ ކަންޓްރީ އޮފީސްއާއި ޔޫއޭއީގެ ޑަބްލިއުއެޗްއޯ ކަންޓްރީ އޮފީސް މެދުވެރިކޮށް ވެންޓިލޭޓަރުތަކުގެ އަގުތައް ބަލައި ދުބާއީ ކުންފުންޏެއް ކަމުގައި އެކްސެކިއުޓާ ޖެނެރަލް ޓްރޭޑިން އިން 75 ވެންޓިލޭޓަރު ގެންނަން ހަމަޖައްސާފައިވާ ކަމަށް ވެސް އަމީން ފޮނުއްވި ޖަވާބުގެ ލިޔުމުގައި ވިދާޅުވެފައިވެ އެވެ. އޭގެ ތެރެއިން ބައެއް ވެންޓިލޭޓަރުތައް މި މަހުގެ ތެރޭގައި ލިބޭނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވެފައިވެ އެވެ.