ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މި ހާލަތަށް ބޭނުންވާ ވަރަށް ވަސީލަތްތައް އެބަހުރި: މިނިސްޓަރު އަމީން

ކޮވިޑް-19 ގެ ބަލި އަނެއްކާ ވެސް ރާއްޖޭގައި ބާރަށް ފެތުރެމުންދާއިރު، މިހާރު ރާއްޖޭގައި އެ ބަލިމަޑުކަން އޮތް ހާލަތަށް އެ ބައްޔަށް ފަރުވާ ދެވޭ ވަރަށް ވަސީލަތްތައް ގާއިމު ކުރެވިފައި އެބަ ހުރި ކަމަށް ހެލްތު މިިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު އަމީން ހާޒިރުވެ އިންނެވީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ހުށަހެޅުއްވި ސުވާލަށް ޖަވާބު ދެއްވުމަށެވެ. އެ ދެ މެންބަރުންނާއި އެހެން މެންބަރުންގެ ސުވާލުތައް ވެސް މައިގަނޑު ގޮތެއްގައި އަމާޒުކުރީ އަތޮޅުތަކުގެ ސިއްހީ ހިދުމަތަށާއި ކޮވިޑްގެ ފަރުވާއަށެވެ.

އެ ގޮތުން ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑްގެ ފަރުވާއަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެންމެ ފުރަތަމަ ހާލަތުން ފެށިގެން ވެސް ހޯދަން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ބައެއް ތަކެތި ލިބުމުގައި ދަތިތަކެއް ހުރި ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

އަމީން އެހެން ވިދާޅުވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސިއްހީ މާހިރުން ވަގުތުން ރާއްޖޭގެ އާބާދީއަށް ރިއާޔަތްކޮށް އެންމެ ގޯސް ހާލަތަށް ވެސް ރާއްޖޭގައި ބޭނުންވާނެ ވަސީލަތްތަކުގެ އަދަދެއް ކަނޑައެޅި ކަމަށެވެ. އެ އަދަދަށް އެ ވަސީލަތްތައް ހަމަޖެހިފައިވޭތޯ ރައީސް ނަޝީދު ސުވާލު ކުރެއްވި އެވެ.

އެ ސުވާލުގެ ޖަވާބަށް މިނިސްޓަރު އަމީން ވިދާޅުވީ، އެފަދަ ދިރާސާތަކުގެ މައްޗަށް ނޭޝަނަލް ރިކުއަމަންޓްއަށް ލިސްޓްއެއް އެކުލަވާލާއި އެ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ. ނަމަވެސް މިހާތަނަށް ވެސް އެ ލިސްޓުގައި ހިމެނޭ މިންވަރަށް ވަސީލަތްތައް ހަމަޖެހިފައި ނުވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

އޭގެ ފަހުން ވިދާޅުވީ ނޭޝަނަލް ރިކުއަމަންޓްއަށް އެކުލަވާލި ލިސްޓުގައިވާ މިންވަރަށް ވަސީލަތްތައް ހަމަޖެހިފައި ނެތް ނަމަވެސް މިހާރު ކޮވިޑްގެ ހާލަތު އޮތް މިންވަރަށް ރާއްޖޭގައި ފަރުވާ ދެވޭނެ ވަރަށް ވަސީލަތްތައް އެބަހުރި ކަމަށެވެ. އެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"ނޭޝަނަލް ރިކުއަމަންޓް ލިސްޓުގައިވާ އެ އަދަދަށް ވަސީލަތްތައް ހަމަޖެހިފައެއް ނުވޭ، އެހެން ނަމަވެސް އެ އަދަދު ހަމަވުމުން މަސައްކަތްތައް އަވަސް ވެގެން ދާނެ، ވެންޓިލޭޓަރު ވެސް އަދި ރިކުއާ ކުރި ވަރަށް ނުލިބޭ، އެހެން ބައެއް ވަސީލަތްތައް ވެސް، މިހާރު މި އޮތް ހާލަތަށް ބޭނުންވާ ބޭނުންވާ ވަރަށް ވަސީލަތްތައް އެބަ ހުރި،" އަމީން ވިދާޅުވި އެވެ.

ކޮވިޑްގެ ސަބަބުން މާލީ ހާލަތު ދަށްވެ ބަޖެޓްގައި ދަތިތަކެއް ހުރި ނަމަވެސް ބަޖެޓްގެ ތެރެއިން އިސްކަން ދޭނީ ސިއްހީ ހިދުމަތަށާއި ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ. އެހެންކަމުން ސިއްހީ ހިދުމަތްތައް މެދުކެނޑިގެން ނުދާނެ ކަމުގެ ޔަގީން ވެސް މިނިސްޓަރު ދެއްވި އެވެ.

"ކޮވިޑަށް ފަހު ހާއްސަކޮށް ކޮވިޑާއި ގުޅިގެން ސިއްހީ ހިދުމަތް އެކަންޏެއް ނޫން، މި ދަތި ދުވަސްވަރުގެ ތެރޭގަ އައުޓްފިޓް ޕްރޮގްރާމްތައް ވަނީ ވަރަށް ބޮޑަށް އިތުރު ކުރެވިފަ، އަދި ހާއްސަކޮށް ބަޖެޓަށް ދަތިތައް އަންނަ ހިނދުގަ ކަންކަން ތަރުތީބު ކުރާނީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.