ކޮވިޑް-19 ގެ ރޯގާއިން ރައްކާތެރިވާން ތައްޔާރު ވުމުގެ ގޮތުން ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމަށް ޓަކައި ތިން ކުންފުންޏަކާ ހަވާލު ކުރި ކަމަށާއި އެ ކުންފުނިތަކާ ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރެވުނީ ބިޑް ކުރުމެއް ނެތި ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ ދަށުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ހުށަހެޅުއްވި ސުވާލުތަކުގެ ޖަވާބު ހެލްތު މިނިސްޓަރު އަމީން ވަނީ މެއިލް މެދުވެރިކޮށް އިއްޔެ އިރުއޮއްސި ވަގުތެއްގައި މަޖިލީހުގެ އިދާރާއަށް ފޮނުވައިފަ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ އެ ޖަވާބު ތަޅުމަށް އިއްވައިފަ އެވެ.
އަމީންގެ ޖަވާބުގައި ވިދާޅުވެފައިވާ ގޮތުގައި، ކޮވިޑް-19 އިން ރައްކާތެރިވާން ބޭނުންވާ 200 ވެންޓިލޭޓަރު ގެނައުމަށް މިދިޔަ މާޗު މަހުގެ 15 ވަނަ ދުވަހު ނިންމާފަ އެވެ. އެ ތަކެއްޗަކީ ވީހާ ވެސް އަވަހަށް ބޭނުންވާ ތަކެތި ކަމުން ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ ދަށުން މެގް ޓެކްނިކް އާއި ނާޑް މޯލްޑިވްސް ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ. އެއީ މީގެ ކުރިން ވެސް ސިއްހީ ވަސީލަތްތައް މިނިސްޓްރީއަށް ސަޕްލައި ކޮށްދޭ ކުންފުނިތަކެއް ކަމަށް ވެސް އަމީން ވިދާޅުވެފައިވެ އެވެ.
ނަމަވެސް ވެންޓިލޭޓަރުތައް ސަޕްލައި ކުރުމަށް ކުންފުނިތަކަށް ހަވާލު ކުރެވުނު މުހުލަތުގައި އެ ތަކެތި ގެނައުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވުމުންދާ ކަމަށް އެ ދެ ކުންފުނިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށް އަމީންގެ ޖަވާބުގައިވެ އެވެ. އެ ގޮތުން އެ ތަކެތި އުފައްދާ ގައުމުތައް ލޮކްޑައުންވެ، ބޮޑެތި ގައުމުތަކަށް ވެސް އެ ތަކެތި ބޭނުންވެފައިވާ މިންވަރު ބޮޑުވެފައިވާތީ ތަކެތި އުފައްދާ ތަކެތި ގިނަ އަދަދަކަށް އުފައްދައި ސަޕްލައި ކުރުމުގައި ދަތިތަކެއް ހުރި ކަމަށެވެ.
"ދަތުރުފަތުރު ކުރުމަށް ދަތިތަކެއް ހުރުމުން ކުންފުނިތަކަށް ތަކެތި ސަޕްލައި ކުރުމަށް ލަސްތަކެއް ވާނެ ކަމަށް މިނިސްޓްރީއަށް ވަނީ އަންގާފައި. އަދި މިއީ ކޯޓޭޝަން ހުށަހެޅިއިރު އުއްމީދު ކުރި ގޮތެއް ނޫން ކަމަށް ވެސް ކުންފުނިތަކުން ވަނީ އަންގާފައި." އަމީންގެ ޖަވާބުގައިވެ އެވެ.
ވެންޓިލޭޓަރުތައް ގެނައުމުގައި ދަތިތަކެއް ހުރި ނަމަވެސްް އެ ތަކެތި ގެނައުމަށް އެ ކުންފުނިތަކުން އަގު ދައްކާފައިވާ ކަމަށް މިނިސްޓްރީއަށް މައުލޫމާތު ދީފައިވާ ކަމަށް އަމީން ވިދާޅުވެފައިވެ އެވެ. އެހެންކަމުން ތަކެތި ސަޕްލައި ކުރެވޭނެ ތާރީހެއް ހޯދުމާއި އަވަސް ކުރެވޭނެ ގޮތަކާ ގުޅޭ ގޮތުން އެ ކުންފުނިތަކާ މަޝްވަރާ ކޮށްފައިވާ ކަމަށް އަމީން ވިދާޅުވެފައިވެ އެވެ.
އޭގެ އިތުރުން ރާއްޖޭގެ ޑަބްލިއުއެޗްއޯ ކަންޓްރީ އޮފީސްއާއި ޔޫއޭއީގެ ޑަބްލިއުއެޗްއޯ ކަންޓްރީ އޮފީސް މެދުވެރިކޮށް ވެންޓިލޭޓަރުތަކުގެ އަގުތައް ބަލައި ދުބާއީ ކުންފުންޏެއް ކަމުގައި އެކްސެކިއުޓާ ޖެނެރަލް ޓްރޭޑިން އިން 75 ވެންޓިލޭޓަރު ގެންނަން ހަމަޖައްސާފައިވާ ކަމަށް އަމީން ވިދާޅުވެފައިވެ އެވެ. އަ ތަކެތި މެއި މަހުގެ ފުރަތަމަ ދުވަހު ރާއްޖެ ގެނެވޭނެ ކަމަށް އެ ކުންފުނިން އަންގާފައިވާ ކަމަށް އަމީން ވިދާޅުވެފައިވެ އެވެ.
މެކް ޓެކް ކުންފުންޏާ ހަވާލު ކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން 18 ވެންޓިލޭޓަރު ވެސް މެއި މަހުގެ ފުރަތަމަ ދުވަހު ގެނެވޭނެ ކަމަށް އެ ކުންފުނިން އަންގާފައިވާ ކަމަށާއި 10 ވެންޓިލޭޓަރު އެ މަހުގެ 15 ވަނަ ދުވަހު ގެނެވޭނެ ކަމަށް އަންގާފައިވާ ކަމަށް އަމީން ވިދާޅުވެފައިވެ އެވެ. ބާކީ ވެންޓިލޭޓަރުތައް ގެނެވޭނެ ދުވަސް ކަށަވަރު ވުމުން ހިއްސާ ކުރާނެ ކަމަށް ވެސް އެ ކުންފުނިން އަންގާފައިވާ ކަމަށެވެ.
ނާޑް ޕްރައިވެޓް ލިމިޓެޑް ކުންފުންޏާ ހަވާލު ކުރެވިފައިވާ 20 ވެންޓިލޭޓަރު ގެނައުމަށް ޓަކައި މުއާމަލާތް ކުރި ކުންފުނީގެ ފަރާތުން އެ ތަކެތި އުފެއްދުން ލަސްވަމުންދާތީވެ އިތުރު ގޮތްތަކެއް ހޯދަމުންދާ ކަމަށް މިނިސްޓްރީއަށް އަންގާފައިވާ ކަމަށް އަމީންގެ ޖަވާބުގައި ވިދާޅުވެފައިވެ އެވެ.