ކޮވިޑް-19 އިގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ބޭރުގެ އެކި ގައުމުތަކާއި މާލީ ޖަމިއްޔާތަކުން ލޯނާއި ހިލޭ އެހީގެ ގޮތުގައި މިހާތަނަށް ބައި ބިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ލިބިފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު ހަދާ ފައިވާ ފްރީ ޓްރޭޑް އެގްރިމެންޓްގެ ދަށުން ދިވެހި މަސްވެރިންނަށް ލިބެންޖެހޭ މަންފާތައް ހިފަހައްޓައިވާ ކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމަށް އަމީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެންފައިވާއިރު، އިތުރު ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ލޯނާއި ހިލޭ އެހީގެ ގޮތުގައި މިހާތަނަށް 520 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ.
"ކޮވިޑް-19 އިގެ ހާލަތާއި ލޯނުގެ ގޮތުގައާއި ކޮންސެޝަނަލް އެހީގެ ގޮތުގައި އަދި އެހެން ގޮތްގޮތުން އަޅުގަނޑުމެންނަށް 520 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ވާހަކަ ދަންނަވަން" އިތުރު ތަފްސީލެއް ނުދެއްވައި އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ކޮވިޑާ ގުޅިގެން މިއަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގެ އަންދާޒާތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
މިގޮތުން، ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި 30 ބިލިއަން ރުފިޔާ ލިބޭނެކަމަށް ކުރިން އަންދާޒާކުރި ނަމަވެސް މިހާރު ލިބޭނެކަމަށް އަންދާޒާކުރަނީ 14 ބިލިއަން ރުފިޔާކަން އަމީރު ފާހަގަކުރެއްވި އެވެ.
ދައުލަތުގެ އާމްދަނީ ދަށްވިނަމަވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެމުން އަންނަ ކަމަށާއި، ތަރައްގީގެ މަޝްރޫއުތައް ހުއްޓާނުލާނެކަމުގެ ޔަގީން އަމީރު ވަނީ ދެއްވައިފަ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ރާއްޖޭން ކުރަމުންދާ މަސައްކަތްތަކަށް ކުރި ހޭދަ، ދެ ބިލިއަން ރުފިޔާއަށް ވުރެ ވަނީ އިތުރުވެފަ އެވެ.