ވޯކް ވިސާ ނެތް މީހުނާއި ކާފިއު ވަގުތު ހުއްދަ ނެތި މަގުމަތީގައި އުޅޭ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދަން ފަށައިފި އެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަހްމަދު (ހަނަފީ) ވިދާޅުވީ މިހާރު ކުރިއަށް ގެންދާ ޕްރޮގްރާމަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދުގެ ތެރެއަށް ވައްދަން ކުރިން ވެސް ކުރިއަށް ގެންދިޔަ ޕްރޮގާރާމުގެ ބައެއް ކަމަށެވެ. އެކަމަކު މިވަގުތު އިސްކަން ދެނީ ކޮވިޑާ ގުޅިގެން ފިޔަވަޅު އަޅާފައިވާ ވަގުތުގައި ހުއްދައާ ނުލައި ބޭރުގައި އުޅޭ ބިދޭސީންނާއި ވޯކް ވިސާ ނެތް ބިދޭސީން އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންދާާށެވެ.
ހަނަފީ ވިދާޅުވީ ބިދޭސީން ގަވައިދުގެ ތެރެއަށް ވަނުމަށް ރަޖިސްޓްރީވާން މީގެ ކުރިން ހުޅުވާލި މުއްދަތުގައި ރަޖިސްޓްރީ ނުވެ ހުރި ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މިފަހަރު ގެންދެވިއްޖެނަމަ އެމީހަކު ރާއްޖެއިން ފޮނުވާލާނެ ކަމަށެވެ. ނަމަވެސް އެމީހަކީ ގާނޫނާއި ގަވައިދުގެ ތެރެއިން ރާއްޖޭގައި އުޅޭ މީހެއް ނަމަ އެ މީހަކަށް ވަޒީފާ ދީފައިވާ ފަރާތާ ހަވާލު ކުރާނެ ކަމަށެވެ.
މިހާރު ކުރިއަށްދާ އޮޕަރޭޝަންގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދާ މީހުންގެ ތަފްސީލް މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ ހަގީގަތުގައި އިކޮނޮމިކް މިނިސްޓްރީން އިސް ނަގައިގެން އިމިގްރޭޝަނާއި ޕޮލިސް ހިމެނިގެން ކުރިއަށްދާ ޕްރޮގްރާމެއް. ވީމާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންނަ މީހުންގެ އަދަދުތައް ތަންކޮޅެއް ތަފްސީލީ ގޮތެއްގައި އަޅުގަނޑުމެން އަދި ހާމަ ކުރާނަން،" ހަނަފީ ވިދާޅުވި އެވެ.
ކޮންޓްރޯލާ ވިދާޅުވި ގޮތުގައިި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުން ދުވަސްކޮޅަކަށް މެދުކެނޑުނީ ކޮވިޑްގެ ހާލަތު ގޯސްވެގެނެވެ. އަދި ބިދޭސީން ބައިތިއްބާނެ އެކަށީގެންވާ ޖާގައެއް ނެތިގެނެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓްރީގެ އެހީތެރިކަމާއެކު މިހާރު އެކަށީގެންވާ ޖާގައެއް ލިބިފައިވެ އެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ބައިތިއްބަނީ ހުޅުމާލޭގައި ހަދާފައިވާ ޑިޓެންޝަނެއްގަ އެވެ.
ވޯކް ވިސާ ނެތް ފަރާތްތަކާއި ކާފިއު ވަގުތު ހުއްދައާއި ނުލައި މަގުމަތީގައި އުޅޭ ބިދޭސީން އިމިގްރޭޝަނާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވެސް މިއަދު ބުނެފައި ވެއެވެ.