އެޗްޕީއޭ

އުސޫލާއި ހިލާފު ފަތުރުވެރިން ހޯދަން އިންސްޕެކްޝަނެއް

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އުސޫލުތަކާއި ހިލާފަށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަމުގެ ޝަކުވާތަކާއި ގުޅިގެން ހާއްސަ އިންސްޕެކްޝަނެއް ފެށުމަށް ނިންމައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަން އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި ލޯކަލް ގަވާމަންޓް އޮތޯރިޓީ އަދި އެޗްޕީއޭ ގުޅިގެން ކުރިއަށް ގެންދާ މި އިސްޕެކްޝަން މާދަމާ ފެށުމަށް ވަނީ ނިންމާފައެވެ.

ރާއްޖެ އަންނަ ފަތުރުވެރިން މާލެ އާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ޗުއްޓީ ހޭދަކުރުމަށް ތިބެވޭނީ ޑަބްލިއުއެޗްއޯ އިން އިމާޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ނުވަތަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ރާއްޖޭގައި ބޭނުންކުރުމަށް ހުއްދަ ދީފައިވާ ކޮވިޑް-19 ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް ރާއްޖެއަށް ދަތުރުކުރާ ތާރީހަށް 14 ދުވަސް ވެފައިވާ މީހުންނަށެވެ. އަދި ވެކްސިންގެ ޑޯޒްތައް ހަމަނުވާ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހޮޓާތަކާ ގެސްޓް ހައުސް ތަކުގައި ތިބެވޭނީ އެރަށެއްގެ މުޅި އާބާދީގެ %60 އަށް ވެކްސިން ދީފައިވާނަމަ އެވެ.

އެޗްޕީއޭއިން ބުނީ މި އުސޫލުތަކާ ހިލާފަށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަމުގެ
މައުލޫމާތު ލިބެމުންދާ ކަމަށެވެ. އަދި މި އުސޫލުތައް ގާއިމުކޮށްފައިވާ މަގުސަދު ހާސިލުކުރުމަށްޓަކައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ އުސޫލާ ހިލާފުވާ މީހުންނާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި މާދަމާ އިސްޕެކްޝަންތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ އެޖެންސީން ބުނީ އިންސްޕެކްޝަން އާއި ގުޅިގެން ޝަކުވާ ހުށައަޅަން ބޭނުންވާނަމަ [email protected] އަށް މެއިލް ކުރަމުން ގެންދިއުމަށް އެދޭ ކަމަށެވެ.