ހުޅުމާލެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހަ ކެފޭއެއް ބަންދުކުރަން ނޯޓިސްދީފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިންގަމުންދިޔަ ހަ ކެފޭއެއް ބަންދުކުރަން ނޯޓިސްދީފި އެވެ.

މި ކެފޭތައް ބަންދުކުރަން ނޯޓިސް ދިނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގި އޮޕަރޭޝަނެއްގެ ތެރޭގަ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިމަހުގެ 22 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އަށް ތަނެއް ވަނީ ބަލައި ފާސްކޮށްފަ އެވެ.

މި އޮޕަރޭޝަންގައި އިމިގްރޭޝަން އާއި ފުލުހުންނާއި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބައިވެރިވި އެވެ.

އެ ގޮތުން ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް ސާފުތާހިރުކަމުގެ މިންގަނޑާއި ހިލާފަށް ހިންގާ ހަ ތަނެއް ބަންދުކުރުމަށް ނޯޓިސްދީފައިވެ އެވެ. އަދި ސައްހަ ވިސާއެއް ނެތި މި ތަންތަނުގައި މަސައްކަތް ކުރަމުންދިއަ ހަތަރު ބިދޭސީއެއް ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ފަށައިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ބިދޭސީންތަކެއްވެސް އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވެ އެވެ. މިފަދަ ކާބޯތަކެތި ތައްޔާރުކުރަނީ ސާފުތާހިރުކަން ކުޑަ ތަންތަނުގަ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް ވަނީ 2،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފަ އެވެ. އަދި އެތައް ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި މިވަގުތުވެސް އެބަތިއްބެވެ.