މުދާ ވިއްކާ ތަންތަނުން އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން 24 ގަޑިއިރު ޑެލިވަރީގެ ހިދުމަތް ދިނުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ދީފި އެވެ.
އެ މިނިސްޓްރީން މިރޭ ބުނީ ޖުލައި އެކަކުން ފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށް މުދާ ވިއްކާ ތަންތަން އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އާންމުންނަށް ހުޅުވާލައިގެން ހިދުމަތް ދެވޭނީ ފަތިހު 4:00 އިން ރޭގަނޑު 8:00 އަށް ކަމަށެވެ. އަދި 24 ގަޑިއިރު ޑެލިވަރީގެ ހިދުމަތް ދެވިދާނެ ކަމަށެވެ. ޑެލިވަރީގެ ހިދުމަތް ދިނުމަށް މޯލްޑިވްސް ޕޮލިސް ސަވިސް އިން ވިޔަފާރިތަކަށް ދޫކޮށްފައިވާ ކޮންމެ ފާހެއްވެސް ބޭނުން ކުރެވޭނެ ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން ކާފިއު ގަޑިތަކުގައި އެ ވިޔަފާރިއަކުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރުމަށްޓަކައި ބޭރަށް ނުކުތުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ކުރިން ދޫކޮށްފައިވާ Gov/Company ފާސް ބޭނުން ކުރެވޭނެ ކަމަށްވެސް ބުންޏެވެ. އަދި ކާފިއު ގަޑިތަކުގައި، Gov/Company ފާސް ނެތް މީހުން މުހިންމު ބޭނުންތަކުގައި ކޮންމެހެން ނުކުންނަން ޖެހިއްޖެނަމަ ފުލުސް ޕޯޓަލް މެދުވެރިކޮށް މިސެލޭނިއަސް ފާހެއް ނަންގަން ޖެހޭނެ އެވެ.
ކޮވިޑުގެ ހާލަތާއި ގުޅިގެން ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނައުމާއި ގުޅިގެން އެ މިނިސްޓްރީ މެދުވެރިވެގެން ހުއްދަ ދޫކުރުން މިހާރު ވަނީ ހުއްޓާލާފައެވެ.