ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކެފޭ ރެސްޓޯރެންޓް

ހިދުމަތް ފަށަން ހުއްދަ ދިން އިރު އަމަލުކުރަންވީ އުސޫލެއް ނެތް: ރެމް

ކެފޭ / ރެސްޓޯރެންޓްތަކާ ގުޅުންހުރި ސިޔާސަތުތައް ސަރުކާރުގެ ތެރެއިން އެކުލަވާލައި އާންމުކުރާއިރު އެތަންތަނުގެ ވެރިންނާ މަޝްވަރާ ނުކޮށް ސިޔާސަތުތައް ތަންފީޒު ކުރަން ފެށުމުން ލިބޭ ގެއްލުންތައް ވަރަށް ބޮޑު ކަމަށް ރެސްޓޯރެންޓް އެސޯސިއޭޝަން (ރެމް) އިން ބުނެފި އެވެ.

ރެމްއިން މިހެން ބުނެފައި މިވަނީ ކޮވިޑް 19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާ އެކު ކެފޭ ރެސްޓޯރަންޓްތައް ދުވަސްކޮޅަކަށް ބަންދުކޮށްފައި ބެހެެއްޓުމަށްފަހު މާދަމާ އަލުން ހުޅުވާލަން ސަރުކާރުން ނިންމި އެކަމާ ގުޅުންހުރި ކަންކަމުގައި އެ އެސޯސިއޭޝަނުގެ ބަހެއް ސަރުކާރުން ހޯދާފައި ނުވާތީ ރެމްގެ އިސް ބޭފުޅުން މިއަދު ދޮންމަނިކް ސްކައި ވިއު ރެސްޓޯރަންޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ރެމްގެ ރައީސް ހާމިދު އަފީފް ވިދާޅުވީ ކޮވިޑް ފިޔަވަޅުތަކަށް މާދަމާ އިން ފެށިގެން ލުއި ދޭން ނިންމާފައިވާއިރު ކެފޭ / ރެސްޓޯރަންޓް ތަކުން އަމަލުކުރަންޖެހޭ އުސޫލުތަކާއި ގަވާއިދުތަކެއް ހަދައި އަންގާފައި ނުވާ ކަމަށެވެ. އެކަމާ ގުޅިގެން މާދަމާ ކެފޭ / ރެސްޓޯރަންޓްތައް ހުޅުވައިގެން ހިދުމަތް ދިނުމުގައި އަމަލުކުރަންވީ އެއްވެސް ގޮތެއް އެނގިފައި ނުވާ ކަމަށެވެ.

ހާމިދު ވިދާޅުވީ ސަރުކާރުން އެ އެސޯސިއޭޝަނާ ރަނގަޅަށް މަޝްވަރާކޮށްފައި ނުވާތީ ޖަމިއްޔާގެ މެންބަރުންގެ ގޮތުގައި ތިބި ކެފޭ / ރެސްޓޯރަންޓް ތަކުގެ ވެރިންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ޖަމިއްޔާ އަށް ލިބެމުންދާ ކަމަށެވެ. މަޝްވަރާކޮށްގެން ކަންކަން ކުރާނަމަ އެފަދަ ކަންބޮޑުވުންތަކެއް އުފެދެން ޖެހޭ ސަބަބެއް ނެތް ކަމަށާއި މަޝްވަރާ ކުރެވުނުނަމަ ކެފޭ / ރެސްޓޯރަންޓްތަކުގެ ވެރިންނަށް އެމީހުންގެ ވިޔަފާރި ކުރިއަށް ގެންދާނެ ގޮތާއި ވިޔާފާރީގެ ކުރިމަގު ބަށްޓަން ކުރަންވީ ގޮތް ވަރަށް ބޮޑަށް އޮޅުން ފިލައިގެންދާނެ ކަމަށެވެ.

ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާ ގުޅިގެން ތަފާތު ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ސަރުކާރުން ތަފާތު ނަންނަމުގައި ހަމަޖައްސިން މާލީ ޕެކޭޖުތަކުގެ ތެރެއިން އެހީތެރިކަން ލިބުނީ އެ ޖަމިއްޔާގެ އެންމެ ހަތަރު މެންބަރުންނަށް ކަމަށް ރެމް އެސޯސިއޭޝަނުން ކުރިން ބުނެފައިވެ އެވެ. ނަމަވެސް މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ރެމް އެސޯސިއޭޝަނުން ބުނީ ސަރުކާރުގެ އެހީ ލިބުނީ ހަތަރު ފަރާތަކަށް ކަމަށް ކުރިން ބުނެވުނީ ސަރުކާރުން ސައްހަ މައުލޫމާތު އެ ޖަމިއްޔާއާ ހިއްސާކޮށްފައި ނުވާތީ ކަމަަށެވެ.

ހާމިދު ވިދާޅުވީ ވިޔަފާރިއަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ލޯނު ދޭނަމަ އެކަން ކުރަންވާނީ ލޯން ނަގަން ހުންނަ މީހާ ބޭނުންވާ އުސޫލުތަކެއް ހަމަޖައްސައިދީގެން ކަމަށެވެ.

"ސަބަބަކީ ބައެއް ފަރާތްތަކުން އިންޓްރެސްޓް އާއި ނުލާ ހަމައެކަނި އިސްލާމިކް ފައިނޭންސް ސްކީމަކުން ފައިސާ ބޭނުން ވެދާނެ. އެހެންކަމަށްވާނަމަ އެ ގޮތް ބޭނުންވާ މީހާ އަށް އެ ފުރުސަތު އޮންނަން ވާނެ،" ހާމިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވިޔަފާރި އަށް ލިބުނު މާލީ ބޮޑު ގެއްލުމަކުން އަރައިގަތުމަށް ބޭނުންވެފައި ހުންނަ ވަގުތަކު ލޯނުގެ މައްޗަށް ލޯނު ނަގައިގެން ލިބުނު ގެއްލުން ފޫބެއްދުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ކެފޭ / ރެސްޓޯރަންޓް ތަކުގެ ވެރިން ފައިސާ ދައްކަންޖެހޭ އެތައް ފެން ބިލަކާއި ކަރަންޓް ބިލެއް އޮތް ކަން ފާހަގަކުރައްވަމުން ހާމިދު ވިދާޅުވީ އެފަދަ ބިލް ތަކަށް ބަހާލައިގެން ފައިސާ ދެއްކޭނެ އެކަށީގެންވާ މުއްދަތެއް ދޭން ޖެހޭނެ ކަމަށެވެ.

"އެހެންނޫނީ ވިޔަފާރިވެރިންގެ ބޮލުގައި އެޅޭނީ އިތުރު ދަރަނި ތަކެއް. ލިބޭނީ އިތުރު ބޮޑެތި ގެއްލުންތަކެއް. މިފަދަ ކަންކަމާއި ގުޅޭގޮތުން ސަރުކާރާ މަޝްވަރާ ކުރަން ބޭނުންވޭ،" ހާމިދު ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖެއަށް ކޮވިޑް-19ގެ އިތުރު ވޭރިއަންޓްތައް އެތެރެވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ރެމް އިން ވަނީ ޓޫރިޒަމް މިނިސްޓްރީއަށް ގޮވާލާފަ އެވެ. ސަބަބަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ސަބަބުން އިތުރު ވޭރިއަންޓްތައް ރާއްޖޭގައި ފެތުރުމުގެ ފުރަސަތު އޮތުމެވެ. އަދި ގިނަ ވޭރިއަންޓްތައް ފެތުރޭ ވަރަކަށް ބަލީގެ ނުރައްކާ ބޮޑުވެ ކެފޭ / ރެސްޓޯރެންޓްތައް އަނެއްކާ ވެސް ބަންދުކުރަން ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ހާމިދު ވަނީ ވިދާޅުވެފަ އެވެ.