ކެފޭ ރެސްޓޯރެންޓް

ކެފޭ ތަކުގެ ގެއްލުމަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ދެއްވައިފި

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ކެފޭ ރެސްޓޯރަންޓްތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައި ދެއްވާނެކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުޙައްމަދު ސާލިހް ދެއްވައިފި އެވެ.

ރައީސް ސޯލިހް އިއްޔެ ވަނީ ކެފޭ / ރެސްޓޯރަންޓްތައް ތަމްސީލް ކުރައްވާ ރެސްޓޯރަންޓް އެސޯސިއޭޝަންގެ މެންބަރުންނާ އޮންލައިންކޮށް ބައްދަލު ކުރައްވާފަ އެވެ.

އެ ބައްދަލުވުމުގެ މައުލޫމާތު އަަވަސްއާ ހިއްސާ ކުރައްވަމުން ރެސްޓޯރަންޓް އެސޯސިއޭޝަންގެ ބޯޑު މެންބަރު އަދި ކުރީގެ މަޝްހޫރު ޕްރެޒެންޓަރު ނުޒައިރު އަލީ ވިދާޅުވީ ކެފޭ ރެސްޓޯރަންޓް ތަކުގެ ވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ރައީސް ދެއްވި ކަމަށެވެ.

"އަޅުގަނޑުމެން ދެންނެވިން މި ވިޔަފާރީގައި އުޅޭ އެންމެހެން މިތިބީ ވިދިފައޭ، އަވަހަށް ހައްލެއް ހޯއްދަވައި ދެއްވާށޭ. ރައީސް ވިދާޅުވި މިއަދު ބާއްވާ ބައްދަލުވުމެއްގައި އެކަމަށް ހައްލެއް ހޯއްދަވައި ދެއްވުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށް،" ނުޒައިރު ވިދާޅުވި އެވެ.

ރެސްޓޯރަންޓް އެސޯސިއޭޝަނުން ވަނީ ރައީސް ސޯލިހަށް ބައެއް ކަންކަން ވެސް ހުށަހަޅާފަ އެވެ. އެގޮތުން ލިމިޓް ކޮށްގެން ނަމަވެސް ޑައިނިންގެ ހިދުމަތް ފެށޭނެ ގޮތެއް ހަމަޖައްސައި ދިނުމަށާއި ކެފޭ ރެސްޓޯރަންޓް ތަކަށް ލިބިފައިވާ މާލީ ގެއްލުންތަކަށް ސްޓިމިއުލަސް ޕެކޭޖެއް ހަމަޖައްސައި ދޭން ހުށަހެޅި އެވެ. އަދި ސަރުކާރުގެ ހިއްސާ އޮތް ތަންތަނުގެ ކުލި މައާފް ކޮށްދިނުމުގެ އިތުރަށް ކެފޭ ރެސްޓޯރަންޓްތަކާ ގުޅޭ އުސޫލުތައް އެޗްޕީއޭ އިން ހަދާއިރު އެފަރާތްތަކުގެ ބައިވެރިވުމާއެކު ހެދުން ހިމެނެ އެވެ.

ނުޒައިރު ވިދާޅުވީ ކެފޭ ރެސްޓޯރަންޓްތަކަށް ލިބިފައިވާ މާލީ ގެއްލުންތަކާ ގުޅިގެން މީރާއަށް ދައްކަންޖެހޭ ފައިސާއާ ގުޅޭ ބައެއް ލިޔުންތައް ގިނަ ތަންތަނުގައި ނެތުމުން ރާއްޖޭގައި ހިންގާ ކޮމާޝަލް ބޭންކްތަކުން ލޯނު ހަމަޖައްސަން ދަތިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އެސްއެމްއީ ބޭންކުން ލޯނެއް ހަމަޖައްސައިދެވިދާނެ ކަމުގެ އިޝާރާތެއް ދެއްވި ކަމަށެވެ.

ސަރުކާރު ހިއްސާ އޮތް ތަންތަނުގެ ކުލި މައާފް ކޮށްދޭން ހުށަހެޅުމުން ފިނޭންސް މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރު އެކަން ކޮށްދެވެން ނެތް ކަމަށް ވަގުތުން ވިދާޅުވި ކަމަށްވެސް ނުޒައިރު ވިދާޅުވި އެވެ. އެހެން ނަމަވެސް ވަކި މުއްދަތަކަށް ބަހާލައިގެން ކުލި ދެއްކޭނެ ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދެވިދާނެ ކަމަށް ވަޒީރުން ވިދާޅުވި ކަމަށްވެސް ނުޒައިރު ވަނީ މައުލޫމާތު ދެއްވާފަ އެވެ.

"ދެން އަޅުގަނޑުމެން މިބުނަނީ ޑައިނިންގެ ހިދުމަތް ދެވޭނެ ގޮތް ހަދައިދޭށޭ ދުވާލުގެ ނުވަތަ ރޭގަނޑުގެ ވަގުތުކޮޅަކަށް ނަމަވެސް. ޑެލިވަރީގެ ވަގުތު ވެސް އިތުރުކޮށްދިނުމަށް އެދުނީ. ރައީސް ދެއްވި ވަރަށް ބޮޑު ޔަގީންކަމެއް،" ނުޒައިރު ވިދާޅުވި އެވެ.

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން އަމަލުކުރަންވީ ގޮތުގެ ގަވައިދުތަކާއި މިންގަނޑުތައް އެޗްޕީއޭ އިން މުރާޖާ ކުރަމުންދާއިރު އެސޯސިއޭޝަންގެ ބައިވެރިވުން ހޯދަން ވެސް އިއްޔެގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ. އަދި ކޮވިޑާ ގުޅިގެން ކެފޭ ރެސްޓޯރަންޓްތައް ޖޫރިމަނާ ކުރުމުން ދައްކަން ޖެހޭ ޖޫރިމަނާއާއި ބައެއް ކަހަލަ ފީ ތައް ނެގުން 18 މަސް ދުވަހަށް ފަސްކޮށްދިނުމަށްވެސް ހުށަހެޅި އެވެ. އަދި ކޮވިޑްގެ ހާލަތު އަނެއްކާ ގޯސްވިޔަސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާއިރު ކެފޭ ރެސްޓޯރަންޓްތަކުގެ ވިޔަފާރި އަށް ލޮޅުން އަަރައިގެން ނުދާނެ ގޮތަކަށް ސިޔާސަތުތައް ބައްޓަން ކޮށްދިނުމަށްވެސް އެދުނެވެ.

ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނު ވިޔަފާރިތަކުގެ ތެރޭގައި ކެފޭ ރެސްޓޯރަންޓްތައް ހިމެނެ އެވެ. ބައެއް ވިޔަފާރިތަކަށް ލިބުނު ގެއްލުންތަކާ ގުޅިގެން ކެފޭ ރެސްޓޯރަންޓްތައް ހިންގާ ބައެއް ބޭފުޅުން ވަނީ ބަނގުރޫޓް ވެފަ އެވެ.