ކޮވިޑާ ގުޅިގެން ބޯޑަރުތައް ބަންދުކުރުމަކީ ގެއްލުން ބޮޑު ވިސްނުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ދެކުނު އެފްރިކާއިން ފެނިގެން އުޅޭ ކޮވިޑްގެ އާ ވޭރިއަންޓް "އޮމިކްރޯން" އާ ގުޅިގެން ރާއްޖެއިން އަޅާނެ ފިޔަވަޅުތަކާ މެދު މަޝްވަރާ ކުރުމަށް މިއަދު ޓެކްނިކަލް އެޑްވައިޒަރީ ޓީމުގެ ބައްދަލުވުމެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވާފައި ވަނިކޮށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ހިމެނޭ ވަޓްސްއަޕް ގުރޫޕަކަށް ރައީސް ނަޝީދު މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ކޮވިޑާ ގުޅިގެން އަނެއްކާވެސް ރާއްޖެ ބަންދުކުރަން ވިސްނުމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
"ރާއްޖެ ބަންދުކުރުމުގެ ވިސްނުން ވާނީ ވަރަށް ގެއްލުން ބޮޑު ވިސްނުމަަކަށް. ކޮވިޑާ އެކު އުޅުން ނޫން ގޮތެއް ނެތް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ކޮވިޑް 19އާއި ގުޅިގެން މިދިޔަ އަހަރު ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ނިންމުމުން ވެސް ރައީސް ނަޝީދު ވަނީ އެކަން އެގޮތަށް ނުކުރަން ސަރުކާރަށް އިލްތިމާސް ކުރައްވާފަ އެވެ. އެގޮތުން ރައީސް ނަޝީދު އޭރު ވިދާޅުވީ ރަށްރަށަށް ކޮވިޑް ފެތުރުން ހުއްޓުވުމަށް ފިޔަވަޅު އެޅި ނަމަވެސް ރަށްރަށަށް މާލެ އިން ރަށްރަށަށް މުދާ ގެންދެވޭނަމަ އެކަމުގެ ތެރެއިން ރަށްތަކަށް ކޮވިޑް ފެތުރޭނެ ކަމަށެވެ.
ކޮވިޑާ ގުޅުވައިގެން ދައްކަވަމުން ގެންދަވާ ވާހަކަތަކުގައި ރައީސް ނަޝީދު އަބަދުވެސް ގެންދަވަނީ އެއީ އާންމު ބަލިމަޑުކަމެއް ދެކިގެން އާންމު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އިގްތިސާދީ ހަރަކާތްތައް ވެސް ހިންގޭ ގޮތަށް ކުރިއަށް ދިއުމަށެވެ.
ކޮވިޑް 19 އާއި ގުޅިގެން މިދިޔަ އަހަރު ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމުން އިގްތިސާދަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. ބޯޑަރުތައް ބަންދުކުރުމަށް އަލުން ރާއްޖޭގެ ބޯޑަރުތައް ހުޅުވާލީ މިދިޔަ ޖުލައި 15 ވަނަ ދުވަހު އެވެ. ކޮވިޑްގެ ގެއްލުންތަކަށްފަހު މިހާރު އެންމެ ބާރަށް ކުރިއަރަމުންދާ އިގްތިސާދުގެ ތެރޭގައި ވެސް ރާއްޖެ ހިމެނެ އެވެ.
ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމުގައި 395،586 މީހުން ވަނީ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. ދެވަނަ 363،150 މީހުން ޖަހާފައިވާއިރު 9،058 މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހާފަ އެވެ. ރާއްޖޭގައި އިއްޔެގެ ނިޔަލަށް 91،274 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު 89،190 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.