ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހުސައިން މުހައްމަދު ދީދީ

"ސިއްހީ ނިޒާމަށް އަދިވެސް ބަދަލެއް ނާދޭ"

ރާއްޖޭގެ ސިއްހީ ނިޒާމް އޮތީ މި ސަރުކާރު އައިއިރު ވެސް އޮތް ހިސާބުގައި ކަމަށާއި އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް ފާހަގަ ކުރައްވައި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު، ހުސެއިން މުހައްމަދު ދީދީ ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.

ހުސެއިން މިހެން ވިދާޅުވީ ހދ. ނޮޅިވަރަމާއި ނޮޅިވަރަމްފަރުގެ ސިއްހީ ހާލަތު ގޯސްވެފައި ވާތީ ނޮޅިވަރަމް ދާާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގަ އެވެ.

ބަހުސްގައި ބައިވެރިވެ ވަޑައިގެން ހުސެއިން ވިދާޅުވީ ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީން އަދިވެސް ބޮޑު ކަމެއް ދިމާވެއްޖެނަމަ ޖެހެނީ ފަރުވާ ހޯދަން މާލެ ދަތުރު ކުރަން ކަމަށެވެ. ހާއްސަކޮށް ފުވައްމުލަކު ސިޓީގެ ސިއްހީ ނިޒާމު މި ސަރުކާރު އައި ފަހުން އިތުރަށް ރަނގަޅުވެފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި އެކި ސަރަހައްދުތަކުގައި އެންމެ ބޮޑު މައްސަލައަކީ ޑޮކްޓަރުން ނުތިބުން ކަން ފާހަގަ ކުރައްވައި ހުސެއިން ވިދާޅުވީ ހެލްތު މިނިސްޓްރީން ވެސް ކަން ކުރާ ގޮތް ރަނގަޅު ނޫން ކަމަށާއި އޭގެ ސަބަބުން މީހަކަށް ސިއްހީ ގޮތުން ބޮޑު ކަމެއް ދިމާވާ ކޮންމެ ފަހަރަކު އާސަންދައިން ފްލައިޓެއް ޗާޓަރު ކޮށްގެން މާލެ ދަތުރުކޮށް ވަރަށް ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމަށެވެ.

"ކޮންމެ ދުވަހަކު އައްޑޫއިން ފުވައްމުލަކުން އަދި އުތުރުގެ އެކިއެކި ރަށްރަށުން ޗާޓަރު ކޮށްގެން ފްލައިޓުތަކުގައި ބަލި މީހުން ގެންނަން ދޮޅުލައްކައިން ދެ ލައްކައިން ހަރަދު ކުރަން ޖެހިފައިވާއިރު ރަނގަޅަށް ސިއްހީ ނިޒާމް ތަރައްގީ ކުރެވި ރައްޔިތުންނަށް މަންފާ ލިބޭނެ ގޮތަކަށް ހެދިގެން ދިޔައްޔާ މި ހަރަދުތަކެއް ކުރާކަށެއް ނުޖެހޭނެ،"

ހުސައިން ވިދާޅުވީ ފުވައްމުލަކަށް ޕީސީއާރު މެޝިނެއް ފޮނުވާފައި ހުރި ނަމަވެސް އެއިން ޓެސްޓް ނުކުރެވޭ ކަމަށާއި އެފަދަ މެޝިންތައް ރަށްރަށަށް ފޮނުވާއިރު ރަނގަޅަށް މަސައްކަތް ކުރޭތޯ ބަލަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ރަނގަޅަށް މެނޭޖް ކުރާނަމަ އަދި ރަނގަޅު ސިސްޓަމެއްގެ ތެރެއިން މިފަދަ ކަންކަން ކުރާނަމަ ސަރުކާރުގެ ހަރަދުތައް ވެސް ކުޑަ ކުރެވޭނެ ކަމަށެވެ.

އެޗްޕީއޭއިން އަމަލު ކުރަމުންދާ ގޮތަށް ވެސް ހުސެއިން ވަނީ ފާޑުވިދާޅުވެފަ އެވެ. އެގޮތުން ފުވައްމުލައް މޮނީޓަރިންގެ ހާލަތުގައި އޮތް ނަމަވެސް ދަރިވަރުން ސްކޫލުތަކަށް ނެރޭ ކަމަށް އޭނާ ވިދާޅުވި އެވެ. ރޭގަނޑު 9:00 އަށް ކާފިއު ހިންގާއިރު ދަރިވަރުން ސްކޫލަށް ނެރުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވެފަ އެވެ.

"އެޗްޕީއޭގެ ގައިޑްލައިންތައް ވެސް މިއަށްވުރެ ޒިންމާދާރުވާން ޖެހޭނެ"