ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވިޔަފާރި ހުއްދަވެސް ފުލުހުން ޕޯޓަލުން ދޫކުރާ ގޮތަށް ބަދަލުކޮށްފި

Jun 4, 2020
5

މިހާރު މާލޭ ސަރަހައްދުގައި އަޅާފައިވާ ލޮކްޑައުނަށް ލުއިތަކެއް ދިނުމާއެކު، އެ ލުއިތަކުގެ ތެރޭގައި ހިމެނިފައިވާ ވިޔަފާރިތަކަށާއި އިޖުތިމާއީ ހިދުމަތްދޭ ފަރާތްތަކަށް ހުއްދަ ވެސް، ފުލުހުން މެދުވެރިކޮށް ހޯދަންޖެހޭ ގޮތަށް ބަދަލުކޮށްފި އެވެ.

މިދިއަ މަހުގެ 29 ގަައި ފުލުހުންނާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވެފައިވަނީ ވިޔަފާރިތަކާ ގުޅިގެން ނަގާ ހުއްދަތަކަށް ދެން އެދެން ޖެހޭނީ ސިޓީ ކައުންސިލްގެ ޕޯޓަލް އިން ކަމަށެވެ. ނަމަވެސް އެ ހުށަހެޅުންތަކުގެ ސައްހަކަން ކަށަަވަރުކުރުމަށް ފަހު ހުއްދަ ދޭނީ ފުލުހުން ކަމަށް އޭނާ އެ ދުވަހު ވިދާޅުވެފައިވެ އެވެ.

ނަމަވެސް، ރޭ ފުލުހުން ބުނެފައިވާ ގޮތުގައި، ޕޮލިސް އޮންލައިން ޕޯޓަލް މެދުވެރިކޮށް، ބިޒްނަޒް ޕާމިޓް ހޯދަން މިހާރު އެދެވޭނެ ކަމަށެވެ.

ފުލުހުންގެ އޮންލައިން ޕޯޓަލްގައި ބިޒްނަސް ކެޓަގަރީއެއް ފުރަތަމަ ހިމަނާފައިނެތް ނަމަވެސް، މިހާރު އެ ކެޓެގަރީ އަލުން ހިމަނައި، ވިޔަފާރިތަކަށް ހުއްދަ ދޫކުރުން ވެސް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ދޫކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މި ބަދަލު ގެނައި ސަބަބު ސާފު ނުވި ނަމަވެސް، ފުލުހުންގެ ޕޯޓަލު މެދުވެރިކޮށް ވިޔަފާރިތަކަށް ހުއްދަ ދޫކުރުން ބަދަލުކުރުމުން، އިތުރު އުނދަގޫތަކެއް ކުރިމަތިވާކަމަށް ބުނެ ގިނަ ބައަކު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ސަރުކާރުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ފުރަތަމަ ފިޔަވަހި ވެސް ވަނީ ދެ ބައަކަށް ބަހާލައިފަ އެވެ. އެއީ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ލުއިތައް ދޭން ފަށައި، ޖެހިގެން އަންނަ ދެ ހަފުތާގެ ތެރޭގައި އެ ލުއިތައް އިތުރަށް ފުޅާކުރުމުގެ ވިސްނުމެއްގެ ތެރެއިންނެވެ.

އެގޮތުން، މިވަގުތަށް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އިގުތިސޯދީ ހަރަކާތްތައް އަލުން ހިންގުންކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުވުމުގެ ހުއްދަ ލިބޭ ވިޔަފާރިތަކުގެ ތެރޭގައި، ސްޕަމާކެޓް، ބޭކަރީ، ކަންމަތީ ފިހާރަ، ފާމަސީ، ބުކްޝޮޕާއި ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތައް އަދި ހާޑްވެއާ ފިހާރަތައް ހިމެނެ އެވެ.

އަދި އޭގެ އިތުރުން، މޯބައިލް ފޯން ފިހާރަތަކާއި އިލެކްޓްރޯނިކް ތަކެތި ވިއްކާ ފިހާރަތަކާއި، ފޮތި ފިހާރަ އަދި ކުޅިވަރު ސާމާނުތައް ވިއްކާ ފިހާރަތަަކާއި، ރީތިވާ ސާމާނު ވިއްކާ ފިހާރަތަކަށް އޮންލައިންކޮށް ހިދުމަތްދޭ ޑެލިވަރީ ކޮށްދިނުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމައިފަ އެވެ.