ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ލުއިދޭ ވިޔަފާރިތަކުން ހުއްދައަށް އެދޭނީ ސިޓީ ކައުންސިލް ޕޯޓަލު މެދުވެރިކޮށް

May 28, 2020

މިހާރު މާލޭ ސަރަހައްދުގައި އަޅާފައިވާ ލޮކްޑައުނަށް މިއަދުން ފެށިގެން ލުއިތަކެއް ދިނުމާއެކު، އެ ލުއިތަކުގެ ތެރޭގައި ހިމެނިފައިވާ ވިޔަފާރިތަކަށާއި އިޖުތިމާއީ ހިދުމަތްދޭ ފަރާތްތަކަށް ހުއްދައަށް އެދެން ޖެހޭނީ މާލޭ ސިޓީ ކައުންސިލުގެ ޕޯޓަލެއް މެދުވެރިކޮށްކަމަށް ފުލުހުން ބުނެފި އެވެ.

އެންއީއޯސީގައި ހެލްތު މިނިސްޓްރީ އާއި ފުލުހުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވީ، ލޮކްޑައުންގެ ލުއިތައް ލިބޭ ވިޔަފާރިތަކަށް ހުއްދައަށް އެދެންޖެހެނީ މާލޭ ސިޓީ ކައުންސިލުގެ ޕޯޓަލެއް މެދުވެރިކޮށް ކަމަށާއި، އެ ޕޯޓަލުން ހުއްދައަށް މިރޭއިން ފެށިގެން އެދެވޭނެ ކަމަށެވެ. އަދި އެ ފަރާތްތަކަށް ފުލުހުން ހުއްދަ ދޫކުރާނީ، ސިޓީ ކައުންސިލުގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ވެރިފައި ކުރުމަށްފަހު ކަމަށެވެ.

މީގެ ކުރިން، އާއްމުންގެ އިތުރުން ވިޔަފާރިތަކަށްވެސް ހުއްދައަށް އެދެންޖެހެނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށެވެ. ނަމަވެސް، ނަވީން ވިދާޅުވި ގޮތުގައި، ނިއު ނޯމަލްގެ ތެރެއިން ޔަފާރިތަކަށާއި އިޖުތިމާއީ ހިދުމަތްދޭ ފަރާތްތަކަށް ހުއްދައަށް އެދެން ޖެހޭނީ މާލޭ ސިޓީ ކައުންސިލުގެ ޕޯޓަލަށް ކަމަށެވެ.

"ދެން އެ ހިސާބުން ސިޓީ ކައުންސިލް އަދި އިކޮނޮމިކް މިނިސްޓްރީން ވެރިފައިކޮށްފައި ފޮނުވީމާ، އަޅުގަނޑުމެން އެ ހުއްދަ ދޫކުރާނީ،" ނަވީން ވިދާޅުވި އެވެ.

ސަރުކާރުން ރޭ އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު، ފުރަތަމަ ފިޔަވަހި ވެސް ވަނީ ދެ ބައަކަށް ބަހާލައިފަ އެވެ. އެއީ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ލުއިތައް ދޭން ފަށައި، ޖެހިގެން އަންނަ ދެ ހަފުތާގެ ތެރޭގައި އެ ލުއިތައް އިތުރަށް ފުޅާކުރުމުގެ ވިސްނުމެއްގެ ތެރެއިންނެވެ.

ފުރަތަމަ ފިޔަވަހީގެ ލުއިތައް

  • ގޭބީސީތަކުން ނުކުމެވޭ މީހުންގެ އަދަދު އިތުރުކޮށް، ވަގުތު އިތުރުކުރުން
  • ނިކުމެ އުޅެވޭ ޒޯންތައް އިތުރު ކުރުން
  • ރީޓެއިލް ފިހާރަތައް ހުޅުވުމުގެ ހުއްދަ ދިނުން
  • ބައެއް ފިހާރަތަކަށް އޮންލައިންކޮށް ވިޔަފާރިކޮށް، ޑެލިވަރީ ކުރުމުގެ ހިދުމަތް ދިނުން
  • ވޯކްޝޮޕްތަކާއި މަސް މާރުކޭޓް ހުޅުވުން
  • ބޭންކްގެ ހިދުމަތް ދޭ ވަގުތު އިތުރު ކުރުން
  • ރެސްޓޯރަންޓް ކެފޭތަކަށް ޑެލިވަރީ އަދި ޓޭކްއަވޭ ހުއްދަ ދިނުން
  • ޓެކްސީ އަދި ޕިކަޕުގެ ހިދުމަތުގެ ހުއްދަ ދިނުން
  • ސިއްހީ ހިދުމަތްދޭ ތަންތަނުން އޮންލައިންކޮށް ހިދުމަތް ދިނުމުގެ ހުއްދަ ދިނުން
  • ކޮލެޖް، ޔުނިވާސިޓީތަކަށް އޮންލައިންކޮށް ކިޔަވައިދިނުމުގެ ފުުރުސަތު ދިނުން
  • އުމުރުން ދުވަސް މީހުނަށް ވަކި ވަގުތެއްގައި ބޭރަށް ނުކުތުމުގެ ހުއްދަ ދިނުން

އެގޮތުން، މިވަގުތަށް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އިގުތިސޯދީ ހަރަކާތްތައް އަލުން ހިންގުންކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުވުމުގެ ހުއްދަ ލިބޭ ވިޔަފާރިތަކުގެ ތެރޭގައި، ސްޕަމާކެޓް، ބޭކަރީ، ކަންމަތީ ފިހާރަ، ފާމަސީ، ބުކްޝޮޕާއި ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތައް އަދި ހާޑްވެއާ ފިހާރަތައް ހިމެނެ އެވެ.

އަދި އޭގެ އިތުރުން، މޯބައިލް ފޯން ފިހާރަތަކާއި އިލެކްޓްރޯނިކް ތަކެތި ވިއްކާ ފިހާރަތަކާއި، ފޮތި ފިހާރަ އަދި ކުޅިވަރު ސާމާނުތައް ވިއްކާ ފިހާރަތަަކާއި، ރީތިވާ ސާމާނު ވިއްކާ ފިހާރަތަކަށް އޮންލައިންކޮށް ހިދުމަތްދޭ ޑެލިވަރީ ކޮށްދިނުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމައިފަ އެވެ.

ފުރަތަމަ ދެ ހަފުތާގައި ފުލުހުންގެ ހުއްދައާއެކު ކޮންމެ ގެއަކުން ތިން މީހަކަށް ހަފުތާއަކު ދެ ދުވަހަށް ދެ ގަޑިއިރަށް ބޭރަށް ނުކުމެވޭނެ ގޮތަށް ލުއި ދީފައިވާއިރު، އެކަމާ ގުޅޭ ސުވާލުތަކަށް ޖަވާބު ލިބޭ ފަދަ ގޮތަކަށް ތަފްސީލީ މައުލޫމާތުތައް މިރޭ އާއްމުކުރައްވާނެކަމަށް ނަވީން މިއަދު ވިދާޅުވި އެވެ.