ހަބަރު

މަސް ދުވަހަށް ތުޅާދޫ ކައުންސިލް ސަސްޕެންޑްކޮށްފި

Nov 12, 2015
1

އެލްޖީއޭގެ އެންގުމަށް ތަބާނުވުމުގެ ސަބަބުން ބ. ތުޅާދޫ ކައުންސިލްގެ ފަސް މެމްބަރުން އަންނަ އާދީއްތަ ދުވަހުން ފެށިގެން އެއް މަސް ދުވަހަށް ސަސްޕެންޑްކުރަން އެ އޮތޯރިޓީން ނިންމައިފި އެވެ.

މި މުއްދަތުގައި ތުޅާދޫ ކައުންސިލްގެ ފަސް ކައުންސިލަރުންނަށް މުސާރަ އާއި އެއްވެސް އިނާޔަތެއް ވެސް ނުލިބޭނެ އެވެ. ކައުންސިލްގެ ސަސްޕެންޝަނުގެ މުއްދަތުގައި ކައުންސިލްގެ އެންމެހާ ކަންކަން ކުރިޔަށް ގެންދަވާނީ، އަތޮޅު ކައުންސިލުގެ ބެލުމުގެ ދަށުން ތުޅާދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އެވެ.

އެލްޖީއޭގެ ބޯޑުން މި ގޮތަށް ނިންމީ ދެ ސަބަބަކާ ހުރެ އެވެ. ފުރަތަމަ ސަބަބަކީ މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު ބޭއްވި އެލްޖީއޭގެ ބޯޑު ބައްދަލުވުމުން، ތުޅާދޫ ކައުންސިލްގެ މެމްބަރު ޒިޔާއު އިބްރާހީމް ރަޝީދަށް މުސާރަ ނުލިބޭ ގޮތަށް ދެ މަސް ދުވަހަށް ސަސްޕެންޑްކޮށް، މި ނިންމުމަށް އަމަލުކުރަން ކައުންސިލަށް އެންގުމުން އެއީ ޢައިރުގާނޫނީ އަމުރެއް ކަމަށް ބުނެ ތުޅާދޫ ކައުންސިލުން އެނިންމުމަށް އަމަލުނުކުރަން 28މެއި 2015ގައި ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމެއްގައި ފާސްކޮށްފައިވާތީ އެވެ.

ދެ ވަނަ ސަބަބަކީ ޖޫން 11 ވަނަ ދުވަހު ބޭއްވި އެލްޖީއޭގެ ބޯޑު ބައްދަލުވުމުން ތުޅާދޫ ކައުންސިލްގެ މެމްބަރު އަހުމަދު އަބުދުއްރަހީމް މުސާރަ އާއި އިނާޔަތް ނުލިބޭގޮތަށް އެއްމަސްދުވަހަށް ސަސްޕެންޑްކޮށް، މި ނިންމުމަށް އަމަލުކުރަން އެންގުމުން ވެސް، އެނިންމުމަށް ވެސް އަމަލުނުކުރަން ތުޅާދޫ ކައުންސިލްގެ އިއްތިފާގުން ނިންމާފައިވާތީ އެވެ.