ކޮވިޑް-19 ގެ ބަލިމަަޑުކަމުން އަރައިގަތުމަށް ދައުލަތުގެ ތިން ބާރުގައި އޮތް ހަސަދަ އާއި ނަފުރަތު ދޫކޮށް ގައުމީ އެއްބައިވަންތަކަމުގެ ރޫހެއްގައި ނިކުމެ މަސައްކަތް ކުރަން ޖެހޭ ކަަމަށް ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.
ކޮވިޑްގެ ބަލިމަޑުކަމަށް ހުށައެޅޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެ އެ ބަލީގައި މަރުވާ މީހުންގެ އަދަދު ގިނަވަމުންދާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ރިޔާޒު ވިދާޅުވީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއަށްވުރެ މިހާރުގެ ހާލަތު މާބޮޑަށްވެސް ގޯސްވެ ނުރައްކާވެފައިވާ ކަމަށެވެ. ރިޔާޒު ވަނީ ކޮވިޑުން އަރައިގަތުމަށް ކުރެވޭ މަަސައްކަތަށް ދެވޭ ސަމާލުކަން ކުޑަ ކަމަށް ވިދާޅުވެ އެކަމާއި ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
"މި ކަމަށް [ކޮވިޑް-19] ދޭ ސަމާލުކަން ކުޑަވަނީ ހައިޕްރޮފައިލް މިކިޔާ ކަހަލަ މީހަކު އަދި މި ބަލީގައި ނިޔާނުވާތީތޯ،" ރިޔާޒުގެ ޓްވީޓްގަައި ވިދާޅުވެފައިވެއެވެ.
ރިޔާޒު ވިދާޅުވީ ކޮވިޑްގެ ނުރައްކަލުގައި ކޮންމެ ދުވަހަކު އެތައް ބަޔަކު މަރުވެދާއިރު މި ބަލިމަޑުކަމުން އަރައިގަތުމަށް ދައުލަތުގެ ތިންބާރުގެ ދެމެދުގައި އޮތް ހަސަދަ އާއި ނަފްރަތު ދޫކޮށްލަން ޖެހޭ ކަމަށެވެ. އަދި ގައުމީ އެއްބައިވަންތަ ރޫހުއްގައި ނިކުމެ މަސައްކަތް ކުރަން ޖެހޭ ވަގުތު ނާންނަނީތޯ ސުވާލު ކުރެއްވިއެވެ.
ކޮވިޑްގައި ބަލި މަޑުކަމުގައި ދިވެހިން ހޭދަކުރަމުން ދަނީ ވަރަށް ނުރައްކާތެރި ދުވަސްތަކެކެވެ. މިިދިޔަ މެއި މަހު އެކަނިވެސް 34،000 ވުރެ ގިނަ މީހުންނަށް ބަލި ޖެހުނެވެ. އަދި 88 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މި މަހުވެސް ގިނަ ބަޔަކު މި ބަލީގައި ވަނީ މަރުވެފައެވެ. މިއަދު އެކަނިވެސް ފަސް މީހަކު މަރުވެފައިވެއެވެ.
ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު ރައްޔިތުންގެ މަޖިލީހުން އެކަމާ މާބޮޑު ސަމާލުކަމެއް ނުދޭ ކަަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ. ކޮވިޑް މެނޭޖްކުރުމުގައި ބޮޑެތި އިހުމާލުތަކެއް ފެންމަތިވެ އެކަމުގެ ކަންބޮޑުވުމުގައި ރައްޔިތުން ތިބިއިރު އެކަމާއި ގުޅިގެން މަޖިލީހަށް ހުށައެޅި ކުއްލި މައްސަލާގައި މެންބަރުން ބަހުސްކޮށްލަންވެސް ބޭނުން ނުވިއެވެ.